ޚަބަރު

މޭރީއަށް ދިން ފަރުވާގެ ތަފްސީލީ ލިޔުންތައް ލަމްހާއަށް ދޭން އަންގައިފި

އަލީ ޔާމިން

އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާއަށް ދީފައިވާ ފަރުވާތަކާބެހޭ ތަފްސީލީ ލިޔުންތައް އޭނާގެ ފިރިމީހާ، މާވިންގެ ދިވެހި ލޯބިވެރިޔާ، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނަށް ދޭންޖެހޭނެ ކަމަށް ނިންމައި، އެ ލިޔުންތައް ކޯޓަށް ފޮނުވަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ހެއްކާ ގުޅޭ ގޮތުން ޝަރީއަތުން ނިންމާ ގޮތް ކަނޑައެޅުމަށް ބާއްވާ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ، ލަމްހާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އައިޖީއެމްއެޗްގެ ޑިރެކްޓަރު ޖެނެރަލް އޮފް ފާމަސިސްޓް އާއި މެޑިކަލް އޮފިސަރު ޑރ. ޔޫސުފް ޝާން އާއި "ސަން" އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ، ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމައިފައެވެ.

ލަމްހާއާ ދެކޮޅަށް ދައުލަތުން 100 އަށްވުރެ ގިނަ ހެކި ހުށަހަޅާފައިވާ އިރު، ދައުވާއިން ދިފާއުވުމަށް ލަމްހާގެ ފަރާތުން ވަނީ 12 ހެއްކެއް ހުށަހަޅައިފައެވެ.

ޑރ. ޝާން ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިގެންފައިނުވަނީ، އޭނާއަކީ މޭރީ ގްރޭސްއަށް ފަރުވާދިނުމުގައި އެއްވެސް ވަރަކަށް ބައިވެރިވެފައިވާ މީހެއްކަން އައިޖީއެމްއެޗުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެން ނެތުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ސާއިލް، ހެއްކެއްގެ ގޮތުގައި ބަލައިގެންފައި ނުވަނީ، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ "ސަން" އޮންލައިންއަށް، ލަމްހާ ދީފައިވާ އޯޑިއޯ އިންޓަވިޔުއެއްގެ ފުލުހުން ހޯދައިފައިވާ ގޮތާމެދު ސުވާލުކުރުމަށް ކަމަށް ޝަފައީ ހެކި ބަޔާންކުރާ ފޯމުގައި ލިޔުމުން ބަޔާންކުރި ނަމަވެސް ހެކިވެރިޔާގެ ކިބައިން ސާފުކުރަން އެދެނީ ކޮންކަމެއްކަން ހުށަހެޅުމުގެ މަރުހަލާގައި ބަޔާންކޮށްފައި ނުވާތީއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ، މޭރީއަށް އައިޖިއެމްއެޗުގައި ދީފައިވާ ފަރުވާގެ ތަފްސީލީ ލިޔުންތައް ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ހިއްސާކުރުމަށް ދައުލަތަށް އަންގަވައިފައެވެ. އަދި އެފަދަ ލިޔުމެއް ނެތް ނަމަ، އެކަންވެސް ހަތް ދުވަސް ތެރޭގައި ކޯޓަށް އަންގަން ގާޒީ އެންގެވިއެވެ.

މޭރީއަށް އައިޖީއެމްއެޗުން ދީފައިވާ ފަރުވާގެ ތަފްސީލީ ލިޔުންތައް ހާމަކުރަން ކޯޓުން މިއަދު ނިންމީ ލަމްހާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް އެކަމަށް ހުށަހެޅުމުންނެވެ. އެ ލިޔުންތައް ދޭން ދައުލަތުން ވަނީ ދެކޮޅު ހަދައިފައެވެ.

މޭރީއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ނަރުހުންގެ މައުލޫމާތު ހޯދަންވެސް ލަމްހާގެ ފަރާތުން ހުށަހަޅާފައިވެއެވެ. ނަމަވެސް ގާޒީ ނިމްމެވީ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށެވެ.

ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ މަނާ ބޭސްތައް ރާއްޖެ އެތެރެކުރި ގޮތާ ބެހޭ ކަސްޓަމްސްގެ ލިޔުންތައް ހޯދަންވެސް ލަމްހާގެ ފަރާތުން ހުށަހެޅިއެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްތަކަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް، އައިޖީއެމްއެޗަށް ދީފައިވާ އެއްޗެއްކަން ލިޔުންތަކުން އެނގެން އޮންނާތީ އެ ލިޔުންތައް ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. އެކަމަށްޓަކައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.