ޚަބަރު

ކުރީގެ ފިރިމީހާ މަރާލި މައްސަލަ: ވަޅީގެ ތިލައެއްކޮށް ޝާހިދުގެ ބުރަކައްޓަށް ވައްދާލި ކަމަށް ނަޒާހާ ބުނި

އިބްރާހިމް ޒަކީ

ކުރީގެ ފިރިމީހާ މއ. އެދުރުގޭ/ ހަސަން ޝާހިދުގެ ބުރަކައްޓަށް ވަޅީގެ ތިލަ އެއްކޮށް ވައްދާލި ކަމަށް އެ މައްސަލާގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ހ. ބައިކެނޑިގޭ/ މަރިޔަމް ނަޒާހާ ސާފު ބަހުން ބުނެފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި ދައުލަތުގެ ވަކީލު ފަރަހަނާޒް މުހައްމަދު މިހެން ވިދާޅުވީ، ނަޒާހާގެ ދިފާއީ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"ނަޒާހާ ސާފު އިބާރާތުން ބުނެފައިވޭ ތިލަ އެއްކޮށް ޝާހިދުގެ ބުރަކަށްޓަށް ވައްދާލި ކަމަށް، މިފަދަ އަނިޔާއެއް މީހަކަށްދޭ އިރު އޭގެ ނަތީޖާއެއްގެ ސަބަބުން އެ މީހެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަން އެކަމެއް ކުރާ މީހަކަށް އެނގޭނެ، އެހާ ހިސާބުން ވެސް ކުށުގެ ނިޔަތް ސާބިތުވެފައިވާ ކަމަށް ދައުލަތުން ދެކެނީ،" ފަރަހަނާޒް ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައިވެސް ކަމެއް ގޯސްކޮށް ހިނގާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ތަހުގީގުގައި ނަޒާހާ ދިން ބަޔާނުގައި އޮތް އެއްޗެއް އޭރު ނޭނގޭ ކަމަށް ނަޒާހާގެ ފަރާތުން ބުނެފައިވާ ވާހަކައަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާ އެދިގެން ތަހުގީގުގައި އޭނާ ދެއްކި ވާހަކަތައް ބަދަލުކޮށްފައިވާކަން ތަހުގީގުގެ ވީޑިއޯތަކުން އެނގެން ހުންނާނެ ކަމަށެވެ.

ނަޒާހާ އޭނާގެ ކުރީގެ ފިރިމީހާ މަރައިލީ ގަސްތުގައި ނޫން ކަމަށާއި ނަމަވެސް އެއީ ދުރާލާ ރާވައިގެން އޭނާ ކުރިމަކެއްކަން ސާބިތު ކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ނަޒާހާގެ ފަރާތުން ދެއްކި ވާހަކައަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ގަސްދު މަރުގައި މީހަކު މަރާލަން ގަސްދު ކުރިކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އެކަމުގައި ސާބިތުކޮށްދޭން ޖެހޭނީ މީހަކަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ހަމަލާދިންކަން އެކަނި ކަމަށްވެސް ވިދާޅުވިއެވެ. އެކަން ދެނެގަންނަނީ އެކަމަށް ބޭނުންކުރި ހަތިޔާރާއި އެ ނޫން ވެސް ބޭރު ފުށުން ފެންނަން ހުރި ކަންކަމަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަޒާހާއަށް އެފަދަކަމެއް ކުރެވިފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަަބުން ނަފުސާނީ މައްސަލައެއްގެ ތެރެއިން ކަމަށް ދިފާއީ ވަކީލު ވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ނަފުސާނީ މައްސަލައެއްގެ ސަބަބުން ދިފާއު ނަގާ ނަމަ، އެ ދިފާއުގެ ރުކުންތައް، ދިފާއު ނަގާ ފަރާތުން ސާބިތުކޮށްދޭން ޖެހެނޭ ކަމަށާއި މި މައްސަލައިގައި އެ ރުކުންތައް ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑީޔާރުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ، މި މައްސަލަ ދިރާސާކުރުގެ ތެރެއިން ކަމެއް އޮޅުން ފިލުވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

އުއްތަމަ ފަނޑީޔާރުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.