ރައީސުލްޖުމްހޫރިއްޔާއަކު އެއްޗެއް ވިދާޅުވުމުން އެއީ ވެވަޑައިގެންނެވި ވައުދެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން ހައުންސިން އެންޑް އިންފްރާންސްތްރަކްޗާ މުހައްމަދު އަސްލަމާ ސުވާލު ކުރުމަށް ކުރިއަށް ގެންދިޔަ ވަގުތުގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދެއްގެ ގޮތުގައި ބަލަން ޖެހޭނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދުތައް ކަމަށެވެ.
އދ. މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލު ކޮށްދިނުމުގެ ގޮތުން އެ ރަށުގެ ބިން ހިއްކަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވައި، އެ މަސައްކަތުގެ ދަށުން މަހިބަދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ، އާއި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ، ތޯރިގު މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށްފަހު އާއްމުކޮށް މިނިސްޓަރާ ސުވާލު ކުރުމަށް މެންބަރުންނަށް ހުޅުވާލެއްވި ފުރުސަތުގައި، ރަށްރަށުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފާހަގަ ކުރައްވައި ބައެއް މެންބަރުން ސުވާލު ކުރައްވަން ފެއްޓެވިއެވެ.
މެންބަރުންގެ އެ ސުވާލުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާހާ ވާހަކަފުޅުތަކަކީ ވައުދުގެ ގޮތުގައި މެންބަރުން ބައްލަވައިގަތުމަކީ ރަނގަޅުގޮތް ނޫން ކަމަށެވެ.
"އިއްޒަތްތެރި މެންބަރުން ވަރަށް ގިނައިން ވިދާޅުވޭ، ރިޔާސީ ވައުދުގެ ގޮތުގައި ވެފައިވާ ވައުދުތައް، އާއްމު އުސޫލުން ސިޔާސީ ޕާޓީތަކުން ވެފައިވާ ވައުދު ތަކަކީ އެ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް، އިއްޒަތްތެރި މެންބަރުން ވިދާޅުވޭ އެވެނި ރަށަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވިކަމަށް، އެއީ ވަައުދެއްކަމަށް، އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި ބަލަން މިޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު،"
އެމަނިކުފާނު އިތުރަށް ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ އެއްޗެއް ވިދާޅުވީމާ މި މަޖިލީހުގައި އެއީ ވައުދެއްކަމަށް ނުވަތަ ގާނޫނެއް ކަމަށް ނުވަތަ ހުކުމެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަކީ، އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން،" ކަމަށެވެ.