Close
ރިޕޯޓް

ވިސާންގެ ފައިގެ ހާލަތު ގޯސްވެ ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު، ރާއްޖެއިން ބޭރަށް ދެވޭނެގޮތެއް އަދިނެތް!

"ކުރީ ފަހަރު އެހީތެރިޔާއަށާއި ބަލިމީހާއަށް އާސަންދަ ލިބުނު. އެކަމަކު މިފަހަރަކު އެހީތެރިޔާއަށް ޓިކެޓެއް ނުދޭ. ހަމައެކަނި ބަލިމީހާގެ ދެކޮޅުގެ ޓިކެޓަށާއި ބޭހަށް. ކުރީފަހަރު އޮޕަރޭޝަން ކޮށް ނިންމާފަ ދެން ހުރި އޮޕަރޭޝަންތައް ކުރެވޭނީ ތިންމަސް ފަހުން ކަމަށް އަންގާފަ އޮތީ. ހާލަތު ހުރި ގޮތުން، އާސަންދައިން ޓިކެޓާއި ބޭހުގެ ހަރަދު ލިބުނަސް ދެންހުރި އެހެނިހެން ކަންތައްތަކަށް ހަރަދުކޮށްގެން އިންޑިޔާގައި ތިންމަސް ވަންދެން ތިބެވޭނެ އެއްވެސް ގޮތެއް ނެތިގެން އެނބުރި މާލެ އައީ. މިހާރު ވަރަށް ވޭނުގަ އުޅެނީ. ކެތް ނުކުރެވިގެން ރޮވޭފަހަރު ގިނަވާނީ." މިއީ ވިސާންގެ ހާލަތު ބަޔާންކޮށްދެމުން، ވިސާންގެ ބައްޕަ ދެއްކި ވާހަކަތަކެެވެ.

ފުވައްމުލަކު ދިގުވާނޑު، ސަކީނާ ހަސަންއާއި މާލެސިޓީ މުހައްމަދު މަނިކެގެ ދެވަނަ ދަރިފުޅު، ވިސާން މުހައްމަދަކީ އުފާވެރި ދިރިއުޅުމަކަށް ހިތްވަރާއެކު މަސައްކަތް ކުރަމުން އައި ޒުވާނެކެވެ. އުމުރުން 28 އަހަރުގެ ވިސާން އަކީ ކުޅަދާނަ ޑްރައިވިންޓީޗަރެކެވެ. އެހެންނަމަވެސް މިއަދު އޭނާއަކަށް އެފަދަ އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. ޑްރައިވިން ސްކޫލެއްގެ ވަޒީފާގައި އެތައް ބައެއްގެ އިތުބާރާއި ޔަގީންކަމާއެކު ދިރިއުޅުމުގެ ދުވަސްތައް އުފާވެރިކަމާއެކު ހޭދަކުރަމުން ދިޔަ ވިސާންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ.

އެބިރުވެރި އަދި އެހާމެ ހިތާމަވެރި ހާދިސާ ހިނގީ މިއަހަރުގެ ފެބްރުވަރީ 25ވަނަ ދުވަހުއެވެ. ވިސާން، ހުޅުމާލޭގައި އޭނާ ވަޒީފާ އަދާ ކުރާ ޑްރައިވިން ސުކޫލުގެ ކަސްޓަމަރަކު ބަލައި މާލެ ދިޔުމަށް ދަތުރު ފެށީ އާދައިގެ ވިސްނުމަކާއި ފިކުރެއްގައި، އާދައިގެ ހާލަތެއްގަ ހުރެގެންނެވެ. ސައިކަލުގައި ހައިވޭއިން ބުރިޖަށް އަރަން ދިޔަ، ވިސާންގެ ސައިކަލް ކޮންޓްރޯލް ނުވެ، އެދިޔަ ބާރުމިނުގައި ގޮސް ޖެހުނީ ހައިވޭގެ އެއްފަރާތުގައި ހުރި ދަނގަޑެއްގައެވެ. އެހާހިސާބުން ވިސާންގެ އަލި އުޖާލާ ދުނިޔެ އަނދިރިވެގެން ދިޔައީއެވެ.

"އެކްސިޑެންޓުގައި، ވިސާންގެ ވާތުފައިގެ ކުޑަހުޅުގެ ނާރުތައް ބުރިވެ، ކަށިތައް ބިންދައިގެން ގޮސް، މެއިން އާޓަރީވެސް ބުރިނުވެ އިނީ ހަމަ ކުޑަކުޑަ ތަންކޮޅަކުން މުޅިން ވަކިނުވެ، ފައިއޮތީ މުޅިން އެކީ ޗަސްވެފަ. ނަސީބުކަންދިމާކުރި ރަނގަޅުކަމުން ވަރަށް އަވަހަށް އޭޑީކޭއަށް ގެންދެވުނު. އިމަޖެންސީކޮށް 12 ގަޑިއިރުގެ ސާޖަރީއެއް ހަދައި އެއްފައިން ނާރު ނަގާފަ އެފަޔަށް ލައްވާފަ އެފައި ހެދީ. ނާރު ނެތިއްޔާ ސިކުނޑިއަށް ލޭ ނުފޮނުވާތީ ފުރަތަމަވެސް ނާރުނަގާފަ ލެއްވީ، އޭރު އަދި އެތަނަށް ކަށްޓެއް މަހެއް އެކަހަލަ އެއްވެސް އެއްޗެއް ނާރުވާ. ހަމައެކަނި މެއިން އާޓަރީ ލެއްވުމަށް ހޭދަވި އެއްލައްކަ ރުފިޔާ."

އެންސްޕާއިން އޭޑީކޭގެ އެއޮޕަރޭޝަނަށް ހޭދަވި ފައިސާ ދައްކައިދިންކަމަށާއި އެހެންނަމަވެސް އޭޑީކޭގައި 11 ދުވަސްވީއިރު އެއްލައްކައަށްވުރެ ގިނަ ރުފިޔާ ބިލުތަކަށް އަރާފައި ހުރުމުން އާއިލާގައި އެފެންވަރަށް ހޭދަކުރެވެން ނެތުމުން އައިޖީއެމްއެޗަށް ވިސާން ބަދަލު ކުރެވުނު ކަމަށްވެސް ވިސާންގެ ބައްޕަ ކިޔައިދިނެވެ. އައިޖީއެމްއެޗަށް ބަދަލުކުރެވުނު ފަހުންވެސް ރަނގަޅު ފަރުވާއެއް ނުދެވި ބާއްވާފައި އޮތުމުގެ ނަތީޖާއަކަށްވީ ވިސާންގެ ފައި އެކީ އިންފެކްޓްވެ، ހުރި ކަށިތަކަށްވެސް އިންފެކްޝަންގެ އަސަރުކުރުމެވެ. އެހިސާބުން އައިޖީއެމްއެޗުން ފަރުވާ ދެވެން ނެތްކަމަށްބުނެ އާސަންދައިގެ އެހީގައި ވިސާންއާއި ވިސާންގެ ބައްޕަ އިންޑިޔާއަށް ފޮނުވާލެވުނެވެ.

އޭރު ދިޔައީ އާސަންދަ، އެންސްޕާ އަދި އިސްލާމިކް އެފެއާޒްގެ ވެސް އެހީ ލިބިގެންނެވެ. ގަންގާ ހޮސްޕިޓަލްގައި 2 މަސް ވަންދެން ބާއްވައި ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރެވިފައެވެ. އެ ހޮސްޕިޓަލުން ދޫކޮށްލީ ތިންމަސް ފަހުން އިތުރު ފަރުވާއަށް އައުމަށް ބުނެފައެވެ. އެހެން ނަމަވެސް މިހާރު ވަނީ ތިންމަސް ދުވަހަށް ވުރެ އިތުރުވެފައެވެ. އަދިވެސް ފައިގެ ވަރަށް ގިނަ އޮޕަރޭޝަންތައް ކުރަން ޖެހެއެވެ. މިފަހަރު އާސަންދައިން އެހީ ލިބުނީ ހަމަ އެކަނި ބަލި މީހާގެ ޓިކެޓަށާއި ބޭހަށެވެ.

"އެއޮޕަރޭޝަނުގައި ބޯލްޓް ލައްވައި އަނެއްފައިން މަސްނަގައި އެފައި ވަރަށްބޮޑަށް ހަދާފަ ހުރީ، އެކަމަކު އެކޮޅުން އެންގީ ދެވަނަ އެހެން އޮޕަރޭޝަނެއް ކުރެވޭނީ 3 މަސްފަހުން ކަމަށް. އެތަނުގަ ތިބުމުގެ ހަރަދު ވަރަށްބޮޑު. ކެއުމާއި ތިބުން. އާއިލާއިން ހަމަ ނުވެގެން މާލެއައީ. މިހާރު އޭގެ ފަހުން 3 މަސްވެއްޖެ. އައިޖީއެމްއެޗުން އެންގީ މިތަނުން މިކަމެއް ނުވާނެކަމަށް، އާސަންދަ ދިނީ އެހީތެރިޔާ ނުލައި، ދެން ކިހިނެއް.. ވިސާނަކީ އަމިއްލަ ބާރުގަ ތަނަކަށް ދެވޭ މީހެއް ނޫން. މިހާރު ފައިގެ ހާލަތެއްވެސް ނޭނގެ. ބުރިކޮށްލަން ޖެހިދާނެތީ ވަރަށް ބިރުގަނެ ދެރަވެ ކަންބޮޑުވޭ." ޒުވާން ދަރިފުޅުގެ ބައްޕައަށް މިވާހަކަ ކިޔައިދިންއިރު ރަނގަޅަށްވެސް ރޮވުނެވެ.

މިހާރު ވިސާންގެ ހާލު ވަރަށް ދެރައެވެ. ފައިގެ ހަލާކުވެފައި ހުރިތަންވެސް ދަނީ އިތުރަށް ގޯސްވަމުންނެެވެ. ގައިގައި އަޅާ ވޭން އެހާ ބޮޑެވެ. ބޯލްޓު ލައްވާފައި ހުރިތަންތަންވެސް ދަނީ ގޯސްވަމުންނެވެ. އެތަންތަނުގައި ވޭން އަޅާވަރުން ވިސާން ރޯކަމަށްވެސް މިބައްޕަ ކިޔައިދިނެވެ. އެހެންކަމުން، ވިސާންގެ މިހާލަށް އެހީތެރިކަމެެއް ފޯރުކޮށްދިނުމަށް އޭނާގެ ބައްޕަ އެދެއެވެ. ވިސާން ގޮވައިގެން ފުރައިގެން ދެވޭވަރުގެ ކިރިޔާވެސް ތަނަވަސްކަމެއް ހުރިނަމަ މިހާރު ފުރައިގެން ހިނގައްޖެކަމަށާއި އެހެންނަމަވެސް އެފަދަ އެއްވެސް މަގެއް ނެތުމުން ދީލަތި އެހީއަކަށް އެދެން މަޖުބޫރުވަނީ ކަމަށްވެސް ބުންޏެވެ.

  • އިތުރު މައުލޫމާތު:
  • 7428497 ވިސާންގެ ބައްޕަ، މުހައްމަދު މަނިކު
  • 7701150901101 USD AC
  • 7730000136477