ޚަބަރު

އީއައިއޭ ހުށަހަޅަންޖެހޭ ގޮތުގެ ގަވާއިދަށް އިސްލާހެއް ގެނެސްފި

މުހައްމަދު އިޝާން

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓާ ލިބޭނެ ގެއްލުން ބަޔާންކުރާ ރިޕޯޓު، އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހުށަހެޅުމުގެ ގަވާއިދަށް އިސްލާހެއް ގެނެސްފިއެވެ.

އީޕީއޭއިން މިއަދުކުރި އިއުލާނެއްގައި ބުނީ، އީއައިއޭ ހެދުމާބެހޭ ގަވާއިދުގެ ބައެއް މާއްދާތައް ތަންފީޒުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެއް ހުއްދަ (ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން) އެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅަމުން ނުގެންދިއުމަށް، ތިމާވެށީގެ ކޮންސަލްޓަންޓުންނަށް މިހާރު އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

"ވީމާ، 23 ސެޕްޓެމްބަރު 2022 ގެ ފަހުން، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް، އެއް އެޕްލިކޭޝަން ފޯމަކުން، އެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް ތިމާވެށީ މެނޭޖްމަންޓް ޕްލޭންއެއްގެ ގޮތުގައި ނުވަތަ އެއް ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާނަމަ، އެފަދަ އެޕްލިކޭޝަންތައް މިއެޖެންސީއިން ބާތިލުކުރާނެ،" އީޕީއޭއިން ބުންޏެވެ.

އެހެންނަމަވެސް، އެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ނޭދެވޭ އަސަރު ކުޑަވާނެ ކަމަށް އީޕީއޭގެ ތިމާވެށީގެ ކޮންސަލްޓަންޓަށް ފެނިއްޖެނަމަ، އެއް ހުއްދައެއްގެ ދަށުން، އެކި ރަށް ހިމެނޭ ގޮތަށް އެ ރަށް ރަށުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެދި ހުއްދައަށް ހުށަހެޅިދާނެ ކަމަށް އީޕީއޭއިން ބުންޏެވެ.