ޚަބަރު

ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުހައްމަދު އިޝާން

ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދުކުރި އިއުލާނެއްގައި ބުނީ، ސިވިލް ކޯޓުގެ ގަޒީގެ މަގާމަށް ދެ ބޭފުޅަކު ބޭނުންވާ ކަމަށެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭ އިރު، ލިވިން އެލަވަންސުގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެއެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުން މަޖިލީހުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލެވެންސް ލިބެނޭއެވެ.

ޖޭއެސްސީން ބުނީ، ގާޒީކަމަށް ކުރިމަތިލާން ވާނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގުރީ ހާސިލުކޮށް، ގާޒީކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށެވެ.

ގާޒީކަމަށް ކުރިމަތިލާ އިރު، ޝަރުއީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ އާއި ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ.

ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ. އަދި ލޯ ފާމެއްގެ ނުވަތަ ގާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށްވާ ނަމަ އެކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.

ޖޭއެސްސީން ބުނީ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހެއްކަމުގައި ވެގެންނުވާނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވާން ޖެހޭއިރު އެ މީހަކީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެއެވެ.

ސިވިލް ކޯޓަށް ގާޒީން ހޯދަން މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ވަނީ އިއުލާންކޮށްފައެވެ. އެފަހަރު އެމަގާމަށް 17 ބޭފުޅަކު ވަނީ ކުރިމަތިލައިފައެވެ. އެއިން އެއްވެސް ބޭފުޅަކު އަދި ގާޒީގެ މަގާމަށް ހަމަޖައްސާފައެއް ނުވެއެވެ.

ސިވިލް ކޯޓަށް ގާޒީން ހޯދަން އިއުލާންކޮށްފައި މިވަނީ ކުރިން އެ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި އެ ކޯޓްގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުالله އަލީ، ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.