އަލްހާފިޒް އަހުމަދު ނަބީހުގެ ގުރުއާން ކިޔެވުމުގެ ހުނަރަށް ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
ސައުދީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ގުރުއާން މުބާރާތް 42 ވަނަ ކިންގް އަބްދުލްއަޒީޒް އިންޓަރޭޝަނަލްގައި ނަބީހު ދަނީ ރާއްޖެ ތަމްސީލު ކުރަމުންނެވެ. ނަބީހު އެ މުބާރާތުގެ ފައިނަލް ބުރުގައި މިހާރު ގުރުއާން ކިޔަވައިފައެވެ. އަދި ފައިނަލުގެ ނަތީޖާ އިއުލާންކޮށްފައެއް ނުވެއެވެ.
ސައުދީގައި ކުރިއަށްދާ ގުރުއާން މުބާރާތަށް ނަބީހު ފޮނުވުމަށް މަސައްކަތްކޮށްދެއްވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް "ވަން" އަށް މިރޭ ވިދާޅުވީ، ނަބީހުއަކީ ރަނގަޅަށް ވާހަކަ ނުދެއްކޭ ކުއްޖެއް ނަމަވެސް ގުރުއާން ކިޔަވާއިރު އެއްވެސް ވަރަކަށް އަޅައި ނުގަންނަ ކަމަށެވެ. އަދި ގުރުއާނާ ބެހޭ ގޮތުން ކުރާ ސުވާލުތަކައް ޖަވާބު ދޭއިރު ވެސް އެއްވެސް އުނދަގުލަކާ ނުލައި ނަބީހު ޖަވާބުދޭ ކަމަށެވެ.
ނަބީހުއަކީ އޯޓިސްޓިކް ކުއްޖެއްކަން އެނގުމުން ސައުދީ އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުން ވަރަށް ބޮޑަށް ހައިރާންވި ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"އަޅުގަނޑުވެސް އަދި އެ ބޭފުޅުން ވެސް ފާހަގަ ކުރައްވަނީ މީ ހަމަ މުއުޖިޒާތެއްގެ ގޮތުގައި. ނަބީހު ގުރުއާން ކިޔަވާ އިރު، އެއްވެސް ވަރަކަށް އަޅައެއްނުގަނޭ. އެކަމަކު ވާހަކަ ދައްކާއިރު ހަމަޔަށް ދެބަސްވެސް ނުބުނެވޭނެ. އެންމެ މޮޅެތި ގާރީން ގުރުއާން ކިޔަވާ ފެންވަރަށް ނަބީހު އެބަ ކިޔަވާ. މަހުރަޖުތައް ވެސް އެހާ ރީތި. ނަބީހުއަކީ މުޅި ދުނިޔެއިންވެސް އާދަޔާ ހިލާފު ކުއްޖަކަށްވެގެންދާނެ،" އިލްޔާސް ވިދާޅުވިއެވެ.
އޯޓިސްޓު ކުއްޖަކަށްވެފައި ނަބީހުގެ ގުރުއާން ކިޔެވުމުގެ ހުނަރު ފެނި، ސައުދީގެ ވަރަށް ގިނަ މީޑިއާތަކުން ނަބީހު އާއި އޭނާގެ މަންމަގެ އިންޓަވިއު ނަގަން ހުށަހަޅާފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ސައުދީ ސަރުކާރުގެ ވަރަށް އިސްބޭފުޅުން ނަބީހުއާ ބައްދަލުކޮށް ގުރުއާން ކިޔަވާ އަޑުއަހާފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވި ސައުދީ ސަރުކާރުގެ ބޭފުޅުން، އެކި ގިރާއަތްތަކަށް ނަބީހު ލައްވާ ގުރުއާން ކިޔުއްވި ކަމަށާއި އެގޮތުން ދުނިޔޭގައި މަޝްހޫރު އިމާމް އަބްދުއްރަހްމާން އިބްނު އަބްދުލްއަޒީޒް އަލް ސުދައިސް (އަލްސުދައިސް) އާއި މަޝްހޫރު ގާރީން ކަމުގައިވާ މަހްމޫދު ހަލީލް އަލް ހުސަރީ (ހުސަރީ) އާއި މިޝަރީ ބިން ރާޝީދު އަލަފަސީ (މިޝަރީ) ގެ ރާގަށް ނަބީހު ގުރުއާން ކިޔަވާފައިވާ ކަމަށެވެ. އިލްޔާސް ވިދާޅުވި ގޮތުގައި ނަބީހުގެ ކިޔެވުން އަޑުއިވިފައި އެމީހުން ތިބީ އާޝޯހުވެފައެވެ.
"އެ ބޭފުޅުން މުޅިން ހަމަ އާޝޯހުވެއްޖެ. ބަސް ހުއްޓިފައި ތިބީ. އެ ބޭފުޅުން ބުނެގެން ނަބީހު ބަންގިވެސް ގޮވި. އެ ބޭފުޅުން ބުނީ ހަމަ ސީދާ ހަރަމްފުޅުގެ ތެރެއިން ބަންގިގޮވާހެން ހިވާކަމަށް،" އިލްޔާސް ވިދާޅުވިއެވެ.
ގުރުއާނުގެ އިލްމުން ޕީއެޗްޑީއަށް ވެސް ކިޔަވައިގެން ތިބި މީހުންނާ އެކު، ޖުމްލަ 153 މީހުން ބައިވެރިވި މި މުބާރާތުގައި ނަބީހުގެ އިތުރުން ދެން ރާއްޖެއިން ބައިވެރިވެފައިވަނީ، މުހައްމަދު ޔޫޝައު ބިން ޒަމްޒަމް އަށެވެ. އިލްޔާސް ވިދާޅުވި ގޮތުގައި މުބާރާތުގެ ބައިވެރިންގެ ގޮތުގައި ގައުމުތަކުގެ މަޝްހޫރު ގާރީން ވެސް ހިމެނޭއެވެ.
ފައިނަލުގައި ގުރުއާން ކިޔެވުން އޮތީ ހަރަމްފުޅުގެ ތެރޭގައި ހާމަ ތަނެއްގައެވެ. އެތަނުގައި ނަބީހު ގުރުއާން ކިޔަވަމުން ދަނިކޮށް އޭނާއަށް ދޫންޏެއް ފެނުނު ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް އެންމެ ރަނގަޅަށް ކިޔެވުން ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ. އިލްޔާސް ވިދާޅުވި ގޮތުގައި ނަބީހަކީ އެންމެ ކުޑައިރުއްސުރެ ދޫނިދެކެ ބިރު ގަންނަ ކުއްޖެކެވެ.
ގުރުއާން މުބާރާތަށް ނަބީހު ހޮވުނަސް އެންމެ ފުރަތަމަ އޭނާއަށް މުބާރާތުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ. އެއީ ނަބީހުގެ އާއިލާގެ ކިބައިގައި މާލީ ތަނަސްވަސްކަން ނެތުމުންނެވެ. އިލްޔާސް ވިދާޅުވީ ނަބީހުއަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސައުދީ ސަރުކާރުގައި އެދުމުން އެކަން ހަމަޖެހިގެން ދިޔަ ކަމަށެވެ.
"ދެން އަޅުގަނޑުމެން އަނެއްކާވެސް ގުރުއާނާ ބެހޭ މަރުކަޒުގެ ސައުދީ ސަރުކާރުގައި އެދުނީ ނަބީހުގެ ހާލަތު ހުރި ގޮތުން އޭނާގެ މަންމަގެ ކަންތައް ވެސް ހަމަޖައްސައިދެއްވުމަށް. ސައުދީ ސަރުކާރުން ވަނީ ނަބީހުގެ މަންމަގެ އިތުރުން އޭނާގެ ބައްޕަގެ ކަންތައް ވެސް ހަމަޖައްސައިދީފައި. އަދި ނަބީހު ގުރުއާން ކިޔަވާއިރު މަންމަ އާއި ބައްޕައަށް ވަދެވޭނެ އިންތިޒާމު ވެސް އެފަރާތުން ހަމަޖައްސައިދިން. އެ ފުރުސަތު އެހެން ބައިވެރިއަކަށް ނުދޭ،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ނަބީހުއަކީ އޯޓިސްޓިކް ކުއްޖަކަށްވުމުން ސައުދީ ސަރުކާރުގެ އޮފިޝަލުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ނަބީހުގެ ބައްޕަގެ ވީލްޗެއާ ދުއްވައިދެނީ ވެސް އޮފިޝަލުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"ނަބީހުގެ ހުވަފެނެއް ހަރަމްފުޅު ފަދަ ތަނެއްގައި ގުރުއާން ކިޔެވުމަކީ އަދި އުމްރާ ކުރުމަކީ ވެސް. އެ ހުރިހާ ހުވަފެން މިހާރު އެވަނީ ހަގީގަތަކަށްވެފައި. ސައުދީ ސަރުކާރުގެ ބޭފުޅުން ވިދާޅުވެފައި ވަނީ ނަބީހުއަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް،" އިލްޔާސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު