ބިދޭސީންނަށް މިނިމަމްވޭޖް (އެންމެ ކުޑަ އުޖޫރަ) ދިނުން މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ގާނޫނަށް ހުށަހެޅި އިސްލާހު އިތުރަށް ދިރާސާކޮށް ގޮތެއް ކަނޑައެޅުމަށް އެ ބިލު އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ.
އެބިލު ބަލައި ގަތުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބިލު ބަލައިގަތީ، ޖަލްސާގައި ތިއްބެވި 47 މެމްބަރުންގެ ތެރެއިން 42 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. މަޖިލީހަށް ބިލު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފައެވެ.
ބިލު މަޖިލީހަށް ބަލައި ގަނެފައި މިވަނީ، އެ އިސްލާހު އަނބުރާ ގެންދިއުމަށް މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ދެ ޖަމާއަތް ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލާފައި ވަނިކޮށެވެ.
ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް، އެ ގާނޫނަށް އަމަލު ކުރަން ފެށީ 22 ސެޕްޓެމްބަރު 2020 ގައެވެ. އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެންމެ ކުޑަ އުޖޫރަ ދޭން ފެށި ނަމަވެސް ބިދޭސީ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ގާނޫނުގައި ވަނީ ހިމަނައިފައެވެ.
ނަމަވެސް ގާނޫނުގައި ހިމެނޭ އެބަޔަށް ބަދަލު ގެނެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ހުށަހެޅި ބިލުގައި، ވަޒީފާއާބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) އަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުގައި ވަނީ، މި މާއްދާގެ (ޅ)ގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާއަތްކޮށް (މިނިމަންވޭޖް އެޑްވައިޒަރީ) ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މި މާއްދާގެ (ބ)ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ސަރުކާރުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް މިނިމަމް ވޭޖް ދޭނެ ތާރީހެއް ކަނޑައެޅުމުގެ ބާރު މި އިސްލާހުން ލިބިދީފައި ވަނީ މިނިސްޓަރަށެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ އިރު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކޮށްފައިވުމެވެ.
އެހެންކަމުން އެކަމަށް ރިއާޔަތްކޮށް، މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރުމަށް، ގާނޫނުގައި ލާޒިމް ކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމާއި އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމު ވާނީ ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުންދޭ ލަފަޔާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅައި އާއްމު ކުރާ ތާރީހެއްގައި ކަމަށް ގާނޫނުގައި ކަނޑައެޅުން ކަމަށްވެސް ބުނެފައިވެއެވެ.
މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މޯލްޑިވްސް ޓްރޭޑް ޔޫނިއަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ވަނީ އެ އިސްލާހަކީ ދިވެހި ދައުލަތު ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފު އިސްލާހެއް ކަމަށެވެ. އަދި އެއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމު ކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.
"އެ އިސްލާހު ހުށަހަޅާ ސަބަބު، ރާއްޖެއިން 4 ޖެނުއަރީ 2013 ގައި "އައިއެލްއޯ" (އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން) ގެ "އީކުއަލް ރެމިއުނެރޭޝަން ކޮންވެންޝަން" ގައި ސޮއިކޮށްފައިވާ (އީއާރުސީ1961) އާއި ހިލާފުވާނެ،"
އެ އެއްބަސްވުމުގެ ބައިވެރިން، އެއް މަސައްކަތެއްކުރާ މަސައްކަތްތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަ ދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މަސައްކަތްތެރީންގެ މެދުގައި ހަމަހަމަކަން ގާއިމުކުރަން ޖެހޭއިރު، ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ބިދޭސީ މަސައްކަތްތެރީންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތް ކުރުވުން ގާނޫނު ހުއްދަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.