އައްޑޫސިޓީގައި ފުލުހުންނަށް އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 19 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ލައިސެންސްނެތި ނުރައްކާތެރިކޮށް ސައިކަލެއް ދުއްވުމުން އެ ސައިކަލް ޓޯކުރި ކަމަށެވެ.

ސައިކަލް ޓޯކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް އިންޒާރުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އުމުރުން 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.