ޚަބަރު

އެހެން ގައުމުތަކުގެ ދިދައަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހެޅި ބިލު ޖުޑިޝަރީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ރާއްޖެއާ ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކަށް، ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް، އެ ގައުމެއްގެ ދިދައަކަށް ނުވަތަ ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި، އެފަދަ އެއްޗަކަށް ބަދަލު ގެނައުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހެޅި ބިލު އިތުރަށް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް އަމާޒު ކޮށްގެން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން މި ބިލު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމަނައި މި ބިލުގައި ވަނީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގެ ފަހަތަށް 619 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް ހުށަހަޅައިފައެވެ.

މި ބިލު މަޖިލީހަށް ބަލައި ގަތީ، ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ގާނޫނުލްއުގޫބާތުގެ 610 ވަނަ ބާބުގައި ބަޔާންކުރާ އަމަންއާއްމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމަނައި، އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުން ކަމަށެވެ.

މި ބިލުގައި ބުނެފައިވަނީ ރާއްޖެއާ ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކަށް ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް، އެ ގައުމެއްގެ ދިދައަކަށް ނުވަތަ ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި އެފަދަ އެއްޗަކަށް ބަދަލު ގެނައުމަކީ ކުށެއް ކަމަށެވެ. އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އޭނާއަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމާއި އޭނާގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާ މެދު ނަފުރަތު އުފެއްދުމަކީވެސް ކުށެކެވެ.

މީގެ އިތުރުން އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާއްމުންގެ މެދުގައި ހިތްހަމަ ނުޖެހުމާއި ނަފުރަތާއި ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ (އާއްމުންނަށް ފެންނާނެހެން ބެހެއްޓުމާއި އާއްމުންގެ ތެރޭގައި ފެތުރުމާއި ސޯޝަލް މީޑިއާގެ ވަސީލަތެއް ނުވަތަ އެނޫންވެސް އެފަދަ އެހެން ވަސީލަތެއް މެދުވެރިކޮށްގެން) އާއްމު ކުރުމަކީ ކުށެކެވެ. އަދި އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމާއި އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފުރަތު އުފެދިދާނެ އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކުރުމާއި އެފަދަ އަމަލެއް ކުރަން އުޅުމަކީވެސް ކުށެކެވެ.

މި ކުށްތަކަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން އެ ކުށްތަކުގެ އަދަބަކީ، އެއް އަހަރަށްވުރެ ގިނަ ނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުމަކީ ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ. އެހެންކަމުން އެފަދަ ކުށެއްގެ އަދަބަކީ ދެ އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

އެހެން ގައުމުތަކުގައި، އެ ގައުމުތަކުގެ ދިދައަށް ނުކުރާ އިހުތިރާމެއް ރާއްޖޭގައި ކުރަންޖެހޭގޮތަށް ހުށަހަޅައި، އެގޮތަށް ކަން ނުކުރާ ފަތާތްތައް އެކުރަނީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށް ހުށަހަޅާފައިވާތީ، މި ބިލަށް ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންނާއި އާއްމުން ގެންދަނީ ފާޑު ކިޔަމުންނެވެ.