ކުޅުންތެރިންގެ މުސާރައިގެ މައްސަލަތައް ކުރިމަތިވީ އެފްއޭއެމުން ދޭން ޖެހޭ ފައިސާ ގަވާއިދުން ލިބިފައި ނުވާތީ ކަމަށް ކްލަބު ގްރީން ސްޓްރީޓްސްއިން ބުނެފިއެވެ.

މުސާރައިގެ ކަންތައްތަކާ ގުޅިގެން ގްރީންއިން ރޭ ބަޔާނެއް ނެރެފައިވެއެވެ. އެބަޔާން ނެރެފައި ވަނީ ކުރިން ކްލަބަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންޖެލް މުނޯޒް، މުސާރަ މައްސަލައިަގައި ފީފާއަށް ގޮސް ކޭސް ކާމިޔާބު ކޮށްފައިވާތީއެވެ. މިދިޔަ ސީޒަން ފެށިއިރު، ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ޕްރިމިއާ ލީގުގެ ކުރީކޮޅުގައި މުނޯޒް ކުޅެފައި ވަނީ ގްރީންއަށެވެ. އޭނާ ފަހު އީގަލްސް އަށް ބަދަލުވެ ލީގުގައި ކުޅެފައިވާ އިރު، މުނޯޒަކީ ކުރިން ދިވެހި ގިނަ ކްލަބުތަކަކުން ފެނުނު ކުޅުންތެރިއެކެވެ.

މިހާރު ހޮންޑިއުރަސްގެ ލީގުގައި ކުޅެމުން އަންނަ މުނޯޒަށް ގްރީން ސްޓްރީޓްސް އިން ދޭން ޖެހޭ ފައިސާގެ އަދަދު 20،000 ޑޮލަރަށް އަރައެވެ. އެ މުސާރަ ހޯދަން ގްރީން ގޮވައިގެން އޭނާ ފީފާ ޓްރިބިއުނަލް ގޮސްފައިވާތީ، ގްރީންއަށް ވަނީ ޖުލައި މަހުގެ 22 އިން ފެށިގެން 45 ދުވަސްތެރޭ ނުދީ ހުރި މުސާރަތައް ދޭން ޖެހިފައެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ގްރީންއިން ކޮށްފައި ނުވާތީ ފީފާއިން ނިންމީ ކުރިއަށް އޮތް ތިން ޓްރާންސްފާ ޕީރިއަޑްގައި ގްރީންއަށް އާކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އަދަބު ދިނުމަށެވެ.

އެ އަދަބާއި ގުޅިގެން ގްރީންއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފްއޭމުން ކްލަބަށް ދޭން ޖެހޭ ތިން މިލިއަން ރުފިޔާ، މިދިޔަ ސީޒަނުގެ ތެރޭގައިވެސް ގަވައިދުން ލިބިފައި ނުވާތީ އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. މައްސަލަ ހައްލުވާނެ ކަމަށް އެފްއޭއެމުން ބުނެފައިވާ ކަމަށްވެސް ގްރީންއިން ބުނެފައިވެއެވެ.

"އެއްބަސްވެފައިވާ އަދަދަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާވެސް މިދިޔަ ސީޒަނުގައި މި ކްލަބަށް ލިބިފައެއް ނުވޭ. މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިފައިގެން މި ކްލަބުން ވާނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އާއި ރައީސްގެ އަރިހަށް ގޮސްފައި. ދެތިން ހަފުތާއެއްހާ ދުވަސްތެރޭ މައްސަލަ ހައްލުވާނެ ކަމަށް ވަނީ ބުނެފައި. ހައްލު ނުވެ އޮތުމުން މިހާރު ގިނަ ކުޅުންތެރިންތަކެއްގެ މުސާރަ މައްސަލަ ވަނީ ކުރިމަތިވެފައި،" ގްރީން ސްޓްރީޓްސްގެ ބަޔާނުގައިވެއެވެ.

ގްރީންއިން ބުނެފައި ވަނީ ސްޕޮންސާޝިޕެއްގެ އެހީގައި ކްލަބުގެ މުސާރައިގެ ކަންކަން ހައްލުކުރަން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ފެށުމުގެ ކުރިން އަދަބުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.