މިމަހުގެ ނުވަވަނަ ދުވަހު ތިން ފުލުހަކަށް ހަމަލާދިން ފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ އޮފް ޑިއުޑީގައި އުޅުނު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ތިން ފުލުހަކަށް ހަމަލާ ދިނުމަކީ ރާވައިގެން ގޭންގުތަކުން ހިންގާ ކުށްތަކުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށްގެންދޭ ހަމަލާތަކުގެ ތެރެއިން ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
"އެ ތިން ފުލުހުން ދިޔައީ އެ ދުވަހު ހެނދުނު ފުޓްބޯޅަ ކުޅެން، ހަމަލާ ދިނީ ނިންމާފައި ގެއަށް ދަނިކޮށް ފަހަތުން އަވަގުރާނަގޮވައި އިންޒާރުދެމުން ގޮސް ޓްރެފިކުގައި ތާށިވެފައިވާ ވަގުތު ހަމަލާދިނީ، މި ހަމަލާ ދިން ފަރާތްތައް ދެނެގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވީ ނަމަވެސް މިއީ ވަރަށް ނުރައްކާތެރި، އެހާމެ ސީރިއަސް ހަމަލާއެއް، މިއީ ބަލާ ދިރާސާކޮށް ހައްލެއް ހޯދަންޖެހޭ މައްސަލައެއް،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމާއި ކުށްވެރިން ހިފައި ހައްޔަރުކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަން ތިބޭ ފުލުހުންނަށް އެފަދަ ހަމަލާދެމުންދާއިރު މިއަށްވުރެ ކުއްލި މައްސަލައެއް މި ޜާއްޖޭގައި ނޯންނާނެ ކަމަށެވެ.
ގާނޫނު ނަގަހައްޓައި ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ އެންމެ މުހިންމު އެއް އިދާރާކަމުގައިވާ ފުލުހުންނަށް ހަމަލާދިނުމަކީ، ފުލުހުންގެ ގާނޫނީ ބާރާމެދު ގޭންގުތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތަކުން އެއްވެސް ބިރެއް ނެތި އަދި އެ މައްސަލާގައި އަދަބެއް ނުދެވޭނެ ކަމުގެ ޔަގީންކަން އެބައި މީހުންނަށް އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ޖެހިލުމެއް ނެތި މަރުގެ އިންޒާރުދީ ފުލުހުންނާމެދު މާރާމާރިީ ހިންގާ ނަމަ މިއަށްވުރެ އަވަހަށް ހައްލު ހޯދަންޖެހޭ އެހެން މައްސަލައެއް މި ގައުމަކު ނޯންނާނެ،"
މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު