ހުޅުމާލެ ފޭސް 2 ގައި ހަދަމުން އަންނަ ވިނަރެސް ފްލެޓް ގަންނަން ހުޅުވާލި ފުރުސަތު ބަންދުވި އިރު, ޖުމުލަ 1400 އަށްވުރެ ގިނަ ފަރާތަކުން ފްލެޓް ގަންނަން ކުރިމަތިލާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ހަދަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގައި 10 ޓަވަރު ހަދާފައިވާ އިރު, 902 އަކަފޫޓު އަދި 883 އަކަފޫޓް ޖުމުލަ 1344 އެޕާޓްމަންޓް ހިމެނެއެވެ. ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އަދި ތިން ފާހާނާ އަދި ބެލްކަންޏެއް ހުރެއެވެ.
ވިނަރެސް ފްލެޓް ގަންނަން ފޯމް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެޗްޑީސީން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން, އެ މުއްދަތު ހަމަވި އިރު, ފްލެޓް ގަންނަން ޖުމުލަ 1413 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.
މި ފްލެޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތުހަމަވާކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ. އެގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯ ތަރުތީބުން ލިސްޓު ކުރުމަށްފަހު އެޗްޑީސީން ލިސްޓް އޯޑަރަށް ޔުނިޓް ހިޔާރުކުރުމަށް ހުޅުވާލާނެއެވެ.
އެއަށްފަހު އެޗްޑީސީން ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސް, ޝަރުތުހަމަވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރާނެއެވެ. ފައިނޭންޝިއަލް އެލިޖިބިލިޓީން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓުތައް ކެންސަލްކޮށް, ވެއިޓްލިސްޓުގައި ފަރާތްތަކަށް ފުރުސަތު ދޭނެއެވެ.
އެޗްޑީސީން ބުނީ, މި ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ އިރު, 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިނަރެސް ފްލެޓް އާންމުންނާ ހަވާލުކުރެވޭނެ ކަމަށެވެ.