ސްޓެލްކޯއިން ހިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން އއ. އަތޮޅުގެ ފަސް ރަށަކާއި އދ. އަތޮޅުގެ ނުވަ ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެއްބަސްވެއްޖެއެވެ.
އެކަމަށްޓަކައި ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ 14 ރަށުގެ ރަށު ކައުންސިލާއެކު ސްޓެލްކޯ އިން ވަނީ އެކަމުގެ އެއްބަސްވުބްތަކުގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފްގެ އިތުރުން އެކުންފުނީގެ މެނޭޖްމަންޓުގެ ފަރާތްތައް އަދި އއ. އަދި އދ. އަތޮޅު ކައުންސިލަރުންނާއި އެ ދެ އަތޮޅުގެ ރަށްތަކުގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާނީ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުންނެވެ. މިހާރު ރަށްރަށުގެ މަގުމަބައްތި މަރާމާތުކޮށް ބަލަހައްޓަމުން އަންނަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
- އއ. މަތިވެރި
- އއ. ބޮޑުފޮޅުދޫ
- އއ. ފެރިދޫ
- އއ. މާޅޮސް
- އއ. ހިމަންދޫ
- އދ. ހަންޏާމީދޫ
- އދ. އޮމަދޫ
- އދ. ކުނބުރުދޫ
- އދ. މަހިބަދޫ
- އދ. މަންދޫ
- އދ. ދަނގެތި
- އދ. ދިގުރަށް
- އދ. ދިއްދޫ
- އދ. ފެންފުށި
ސްޓެލްކޯ އިން ވަނީ އއ. ތޮއްޑޫ އާއި އެ އަތޮޅު ރަސްދޫ އަދި އުކުޅަހުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ މިދިޔަ އޮގަސްޓު 28 ގައި ހަވާލުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯއިން އެ މަސައްކަތާ ހަވާލުވީ ނަމެއްގައި އެކަން ކުރަން ނޫން ކަމަށާއި އެމަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތަމްރީން ލިބިފައިވާ މުވައްޒަފުންނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް އެކުންފުނީގައި އެބަހުރި ކަމަށެވެ.
މި މަސައްކަތުގައި ކައުންސިލުތަކުން އަދާކުރަންޖެހޭ ހަމައެކަނި ދައުރަކީ އެއްވެސް ރަށެއްގެ މަގުބައްތިއަކަށް ގެންނަން ޖެހޭ ބަދަލެއް ނުވަތަ މަރާމާތަށް ހަރަދެއް ކުރަން ޖެހިއްޖެ ހާލަތުގައި އެކަމަށް އެޕްރޫވަލް ދިނުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މަގުބައްތިތައް މީގެ ފަހުން ދިއްލިފަ ހުންނާނީ. ދަބަރުޖަހާފައި ހުރި މަގުބައްތިއެއް، ހޮޅިދަނޑިއެއް ނުފެންނާނެ. އަޅުގަނޑުމެން އެ ބަދަލުކުރާނަން. ބަދަލުކޮށްދޭނަން. ރާއްޖޭގައި އަޅުގަނޑުމެން ހިދުމަތްދޭ ރަށްރަށުގެ ރައްޔިތުންނަށްޓަކައި އަދި ކައުންސިލުތަކަށް އެކަން ފަސޭހަކޮށްދިނުމަށްޓަކާ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ ރައްޔިތުންނާއި ކައުންސިލުތައް ބާރުވެރިކުރެއްވުމަށް ގެންގުޅުއްވާ ލާމަރުކަޒީ ސިޔާސަތުތަކަށް އެއްބާރުލުންދީ ސްޓެލްކޯގެ ފުދުންތެރިކަން ހުރި މިންވަރަކުން ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކައުންސިލުތަކުން އެދޭ ކަންތައްތައް ސްޓެލްކޯގެ ފުދުންތެރިކަން ހުރި މިންވަރަކުން ކޮށްދިނުމަށް ސްޓެލްކޯގެ ބްރާންޗުތަކުގެ މެނޭޖަރުންނަށް އިލްތިމާސްކުރައްވަމުން ޝަރީފު ވިދާޅުވީ އިޖުތިމާއީ ގޮތުން ރަށްރަށުގެ ރައްޔިތުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއްގައި ސްޓެލްކޯ އިން ބައިވެރިވާން ޖެހޭނެ ކަމަށެވެ.
އަދި ޕައިލެޓް ޕްރޮޖެކްޓެއް ގޮތުގައި އެކުންފުނިން ކ. މާފުށީފައި ފަށާފައިވާ ކުނިމެނޭޖު ކުރުމުގެ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސްޓެލްކޯ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި އެ ހިދުމަތްވެސް ފޯރުކޮށްދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވަނީ ކުންފުނީގެ ބޯޑުން އަތޮޅުތަކުގެ އިންޖީނުގެތަކުގެ އޮނިގަނޑު ރިވިއުކުރުމަށް ފަހު އަލުން ފާސްކޮށްފައިވާ ކަންވެސް ހާމަކުރައްވައިފައެވެ. އެގޮތުން އޮނިގަނޑަށް ގެނެވުނު އެންމެ ބޮޑު ބަދަލެއް ކަމަށް ޝަރީފް ފާހަގަކުރެއްވީ ރަށްރަށުގެ އިންޖީނުގެތަކުގައި ދެ މުވައްޒަފުން ޑިއުޓީކުރާ ގޮތަށް ގެނެވުނު ބަދަލެވެ.
"އެ ރިވިއުކުރި ގޮތަށް ބަލާއިރު، މީގެ ފަހުން އެއްވެސް ރަށެއްގައި ޑިއުޓީ ކުރަން އެންމެ ސްޓާފަކު ނުހުންނާނެ. ކޮންމެ ޑިއުޓީއެއްގައި ވެސް މަދުވެގެން ދެ ސްޓާފުން ތިބޭނެ. އެއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ބޭނުންވާ ކަމެއް. އެއީ ފެނުގެ ސައިޓެއް ވިޔަސް އިންޖީނުގެ ވިޔަސް، ކޮންމެ ސައިޓެއްގައިވެސް މަދުވެގެން ދެ ސްޓާފުން ކޮންމެ ޑިއުޓީއެއްގައި ވެސް ތިބޭ ގޮތަށް. ސްޓާފުންގެ އަދަދު އިތުރުވާގޮތަށް އޮނިގަނޑު ރާވާފައިވާނީ." އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތަށް ފަހު ސްޓެލްކޯގެ މެނޭޖުމަންޓުން ވަނީ އެ 14 ރަށުގެ ކައުންސިލުތަކުގެ ރައީސުންނާއި ސްޓޭޝަން މެނޭޖަރުންނާ އެކު މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވައިފައެވެ. މި ބައްދަލުވުމަކީ އިޖުތިމާއީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެކުންފުނިން ކައުންސިލުތަކަށް އެހީތެރިކަން ފޯރިކޮށްދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު