ވޮކޭޝަނަލް ޓްރެއިނިން އާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެގޮތަށް ވިދާޅުވީ މިއަދު ރައީސް އޮފީހުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކުވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ނައިބު ރައީސްއާ ހިއްސާކޮށްފައެވެ.
ސުކޫލްތަކުގެ ހާއްސަ އެހީއަށްބޭނުންވާ ކުދިންނަށްވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ވޮކޭޝަނަލް ޕްރޮގްރާމް ހިންގަމުންދާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓެކްނޮލޮޖީ ގޮތުން ތަމްރީން ލިބިފައިވާ މީހުން ބޭނުންވާކަން އެ ބައްދަލުވުމުގައި އެ ބޭފުޅުން ފާހަގަކުރިއެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ނައިބު ރައީސް ވަނީ އެކަމުގައި އެކަޑެމިކްކޮށް ދަރިވަރުން އުނގެނުން މުހިންމުވާ ފަދައިން ހުނަރާއި ތަމްރީނު ދަސްކޮށްދިނުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސް ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ދޭ ހިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ވޮކޭޝަނަލް ޕްރޮގްރާމުގައި މިހާރު 450 ދަރިވަރުން ކިޔަވަމުންދާއިރު، އޭގެ ތެރެއިން 150 ދަރިވަރުން މިހާރު ދަނީ ދަސްވެނިވުމަށް ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު