ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރޭގައި ހުރި މުހިއްމު އިމާރާތްތަކާއި މުދާ ބަލަހައްޓަން "އެސެޓް ސެކިއުރިޓީ ސާވިސަސް" (އޭއެސްއެސް)ގެ ނަމުގައި ވަކި ހިދުމަތެއް އުފައްދައިފިއެވެ.
ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިއްޔެ ބުނީ އޭއެސްއެސް ހިންގާނީ އެއާޕޯޓުގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުގެ ދަށުން ކަމަށެވެ. އަދި މި ހިދުމަތަކީ އެއާޕޯޓްގެ މުހިއްމު އިމާރާތްތަކާއި ތަންތަނާއި އަދި ތަކެތި ރައްކާތެރި ކުރުމަށްޓަކައި ހާއްސަކޮށްގެން އުފެއްދި ހިދުމަތެއް ކަމަށެވެ.
އޭއެސްއެސްގެ ޔުނީފޯމު ދައްކާލައި އެ ހިދުމަތް ތައާރަފުކުރަން އިއްޔެ ވީއައިއޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި އެމްއޭއެސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެއާޕޯޓަށް އަންނަމުންދާ ތަރައްގީއާ އެކު ގޮންޖެހުންތަކެއް ވެސް ކުރިމަތިވާ ކަމަށެވެ. އަދި ކުރިން އެއާޕޯޓު ވަކި ރަށެއްގެ ގޮތުގައި އޮތް އިރު، އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަސޭހަވީ ނަމަވެސް މިހާރު އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެކަމަކު ދެ ފަރާތުން މާލެ އާއި ހުޅުމާލެއާ ގުޅުވާލުމުން އެއާޕޯޓަށް ފަސޭހަ އިން ވަދެވޭ. އެއާ އެކު، ސަލާމަތީ ކަންކަމަށް ގޮންޖެހުންތަކެއް ކުރިމަތިވޭ." ތޯހާ ވިދާޅުވިއެވެ.
ތޯހާ އިތުރަށް ވިދާޅުވީ އާ ސެކިއުރިޓީ ހިދުމަތާ އެކު އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ.
- އާ ސީޕްލޭން ޓާމިނަލް
- އާ ފިއުލް ފާމް ސަރަހައްދު
- އާ ކާގޯ ޓާމިނަލް
- އެއާ ޓްރެފިކް މެނޭޖްމަންޓު އިމާރާތް
- އިންޖީނުގެ
- ވޯޓާ ސަޕްލައި އިމާރާތް
- އެމްއޭސީއެލްގެ އިދާރީ އިމާރާތް
- އެއާޕޯޓުގެ ލޭންޑްސައިޑް ބައުންޑަރީ ފެންސު
- ޕާކިން ސަރަހައްދު
އޭގެ އިތުރުން، އެއާޕޯޓުގެ ފަޔާ އެލާމް ކޮންޓްރޯލް ޕެނަލްތަކާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތަކާއި ސީސީޓީވީ ސިސްޓަމްތައް ވެސް ބަލަހައްޓައި އޮޕަރޭޓުކޮށް، ޓާމިނަލް ސަރަހައްދު ޕެޓްރޯލް ކުރާނީ އޭއެސްއެސްއިންނެވެ.
އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އުންމީދަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަމާއި އެކު އެންމެ މަތީފެންވަރު ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު