ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް 3000 މަގުބައްތި ހަދިޔާކޮށްފިއެވެ.

މަގުބައްތިތައް ހަދިޔާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ބައްތިތައް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިންއެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައްތިތަކާ ހަވާލުވެ ވަޑައިގަތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ޗައިނާ ސަރުކާރުގެ ފަރާތުން މި ލިބުނު އަގުހުރި އެހީގެ ސަބަބުން މާލޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ވަރަށް ޒަމާން ވަންދެން ބަދަލުނުކުރެވި ހުރި ބައްތިތައް ޒަމާނަށް ފެތޭ އަލި ހެޔޮވަރު ލެޑް ލައިޓިންއަށް ބަދަލުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗައިނާ ސަފީރާއި ބައްދަލުކުރަން ލިބުނު ފުރުސަތުގައި މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ވާހަކަދެކެވުނު. އަދި އަދާކުރަމުންދާ ޒިންމާތަކުގެ މައުލޫމާތު އެކަމަނާއަށް އަޅުގަނޑު ދެއްވިން. އެގޮތުން މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ލުއި ފަސޭހަވެގެންދާނެ އަދި އަޅުގަނޑުމެންގެ ހިދުމަތްތައް ހަލުވިވެ، ފުޅާވެގެންދާނެ ބައެއް ކަންކަމުގެ ވާހަކަވެސް ދެންނެވިން. އޭގެ ނަތީޖާއަކީ މިއަދު މި ހަދިޔާކުރާ މަގުބައްތިތައް ހަމަޖެހިގެން ދިއުން," އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ އުމްރާނީ ތަރައްގީއަށް އަދި މާލޭގެ ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރުމަށް ޗައިނާއިން އަބަދުވެސް ވެދެމުންދާ ދީލަތި އެހީއަށް ޗައިނާ ސަރުކާރަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ހަމަހަމަކަމާއި އިހުތިރާމުގެ ނުގުޑާ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ގޮތަށް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ ތަރައްގީގެ ބައިވެރިޔާ ކަމަށް ވިދާޅުވިއެެވެ.