Close
ޚަބަރު

އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަން ދެކޮޅު: އަފްޝަން

އިބްރާހިމް ޒަކީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުނުކުރައްވާ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އަފްޝަން މިގޮތަށް ވިދާޅުވީ، ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުނުް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު އަތޮޅު ކައުންސިލްތަކުން ބާއްވާގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހެޅީ އެ އިންތިހާބުތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭތީއެވެ.

އަފްޝަން ވިދާޅުވީ ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލުން ކުރިއަށް ގެންދިއުމަށް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް އަހަރަކު އެއްފަހަރު ބައި-އިލެކްޝަންތައް ބޭއްވުމަކީ ޑިމޮކްރަސީއާ އަހުލުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، ބައި-އިލެކްޝަންތައް އީސީން ބޭއްވުމަކީ އިންތިހާއަށް ހަރަދުބޮޑު ކަމެއްކަން ގަބޫލުކުރައްވާ ކަމަށާއި އެކަން އެގޮތަށް ވަނީ އީސީން އިންތިހާބުތައް ބާއްވާ ނަމަ ސެކިއުރިޓީ ވަކި ފީޗާސްތަކަކާއެކު އިންތިހާބު ބާއްވަންޖެހޭތީ ކަމަށެވެ. އަދި ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން ބާއްވާ ނަމަ އެ ހުރިހާ ސެކިއުރިޓީ ސްޓޭންޑްތައް ހިފަހައްޓަން ނުޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން އެކަމުގެ ހަރަދު އިންތިހާއަށް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ބުނަނީ، ޑަބްލިޔުޑީސީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، އެކަން 14 ދުވަސް ތެރޭގައި އެލްޖީއޭއަށް އަންގަންވާނެ ކަމަށެވެ. އަދި މަގާމު ހުސްވުމުން ކޯރަމް ގެއްލޭ ހާލަތެއް މެދުވެރިވާ ނަމަ، އީސީއަށް އެކަން އަންގާތާ ދެ މަސް ދުވަސް ތެރޭ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

"އެބަ އޮތް ކޯރަމް ނުގެއްލޭ ނަމަ އަހަރަކު އެއްފަހަރު އޭ، ކޯރަމް ގެއްލޭ ނަމަަ އެލްޖީއޭއިން އީސީއަށް އަންގާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނެ ކަމަށް، ނަމަވެސް އަތޮޅު ކައުންސިލުން އިންތިހާބު ބާއްވާ ނަމަ މަހެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ، އަފްޝަން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން މި އަހަރުގެ ޖޫން މަހާ ހަމައަށް އެކަނިވެސް 1.4 މިލިއަނަަށްވުރެން ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލްތަކުން އެ މަސައްކަތް ކުރި ދިވަސްވަރު، އެފަދަ އިންތިހާބަކަށް ހަަރަދުވަނީ އެންމެ އެއްލައްކަ ރުފިޔާ ކަމަށެވެ.