ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކުން މިންޖުކޮށްދެއްވާ ރައީސެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު "ބޮޑު ޖައްރާފު" އިފުތިތާހުކުރުމަށާއި ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ދާންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި ސަރުކާރުން ދާންދޫ ބަނދަރު ބޮޑުކޮށް، ތަރައްގީކުރުމުގެ މަޝްރޫއުވެސް އެމްޓީސީސީންއާ ހަވާލުކޮށްގެން ބާރުު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މި މަޝްރޫއުތައް ނިމިގެންދާއިރު ދާންދޫ ވެގެންދާނީ ތަރައްގީގެ އާ ހަޔާތަކާއި ލުއިފަސޭހަކަން އިންތިހާއަށް އޮތް ރަށަކަށް ކަމަށެވެ.

"..އާ ހާލަތަކަށް ދާންދޫގެ ލޮބުވެތި ރައްޔިތުން އެ ނެރެދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން. ތިޔަ ލޮބުވެތި ރައްޔިތުންނަށް ރޯޝަނީ މުސްތަގުބަލެއް ހޯއްދަވައި ދެއްވާނީ ޝައްކެއްވެސް ނެތް ގޮތުގައި އެ މަނިކުފާނު... އަދުގެ ރައީސަކީ ތަކުލީފުތަކުން ރައްޔިތުން މިންޖުކޮށްދޭ ރައީސެއް. އަޅުގަނޑުމެން އެކަމާ މެދު ޝައްކެއް ނުކުރާނަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދާންދޫ ބިންހިއްކުމުގެ މަޝްރޫއުގެ ސަބަބުން އެ ރަށު ރައްޔިތުން ބޭނުންވާ ތަރައްގީ ރަށަށް ގެނެވޭނެ ކަމަށެވެ. އެގޮތުން އަލަށް ހިއްކާ ސަރަހައްދުގައި އެރަށު ރައްޔިތުން ބޭނުންވާ އާ އިންޖީނުގެ އަޅާނެ ބިންވެސް ހިމެނޭނެ ކަމަށާއި ހިއްކާ ބިމުގެ ސަރައްހައްދުން ދާންދޫ ރައްޔިތުން މޫދަށް ދިޔުމަށާއި ދަތުރުދާނެ ސަރަހައްދެއް ތަރައްގީކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.