ކައިވެނިކޮށްގެން އުޅޭތާ 8 އަހަރު ފަހުން ފިރިމީހާއަކީ ހަގީގަތުގައި އަންހެނެއްކަން އެނގިގެން އިންޑިޔާގެ 40 އަހަރުވީ އަންހެނަކު ފިރިމީހާޔާއި ފިރިމީހާގެ އާއިލާ ގޮވައިގެން ފުލުހަށް ހިނގައްޖެއެވެ. އަނބިމީހާގެ ދައުވާޔަކީ އޮޅުވާލައިގެން މަކަރު ހަދައިގެން ކައިވެނި ކުރުމާއި ދެމަފިރިއެއްގެ މެދުގައި ޖިންސީ މުއާމަލާތު އޮންނަން ނުޖެހޭ ގޮތަކަށް އެ މުއާމަލާތު ބެހެއްޓުމުގެ ދައުވާއެވެ.
ގުޖަރާތު ސްޓޭޓްގެ ވަދޯދަރާ ޑިސްޓްރިކްޓަށް ނިސްބަތްވާ ޝީތަލް ބުނާގޮތުގައި އޭނާޔާއި ވިރާޖް ވަރުދާން ދިމާވީ މީގެ 9 އަހަރު ކުރިން ކައިވެނިކުރަން އެދޭ މީހުން ގުޅުވައިދޭ ވެބްސައިޓެއް މެދުވެރިކޮށެވެ. ދިމާވިތާ އެއް އަހަރު ފަހުން ކައިވެނިކޮށްގެން ކަޝްމީރަށް ހަނީމޫން ހަދަން ދިޔަކަމަށްވެސް ބުންޏެވެ. އެކަމަކު ހަނީމޫން ފެށުމާއެކު މައްސަލަތައް އުފެދެން ފެށިކަމަށާއި މަގުމަތީގެ އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަކާހެދި ފިރިއެއްގެ ޒިންމާ އަދާކުރަން ނުކުޅެދޭ ވާހަކަޔާއި ދުވަސްކޮޅަކުން އައު އޮޕަރޭޝަނެއް ކޮށްގެން މުޅިން ބަރާބަރުވާނޭ ވާހަކަ ފިރިމީހާ ތަކުރާރު ކުރާކަމަށްވެސް އަނބިމީހާ ބުނެއެވެ.
އެބުނާ އޮޕަރޭޝަނެއް ކުރާ ދުވަހެއް، މުޅިން ބަރާބަރުވާ ދުވަހެއް ނައިސްގެން އަނބިމީހާގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް އެނގުނީ ފިރިމީހާޔަކީ ހަގީގަތުގައި އަންހެނެއް ކަމާއި އޭނާގެ ކުރީގެ ނަމަކީ ވިޖޭތާކަމެވެ. އޮޕަރޭޝަނެއް ކޮށްގެން ޖިންސު ބަދަލުކޮށް ފެންނަ ފެނުމުގައި ފިރިހެނަކަށް ބަދަލުވެގެން އުޅޭ މީހެއް ކަމެވެ. މިހިސާބުން ފިރިމީހާ ގޮވައިގެން ފުލުހަށްދާން ޝީތަލް ނިންމީއެވެ.
ފިރިމީހާގެ ހަގީގަތް ޝީތަލްއަށް ފަޅާއެރުމުން ލަދުގަތުމާއި ކަންބޮޑުވުމުގެ ބަދަލުގައި އަނިޔާވެރިކަން އިސްކޮށް އިންޒާރުދޭން ފެށީކަމަށްވެސް ޝީތަލް ބުނެއެވެ. މިވާހަކަ އެއްވެސް ބައެއްގެ ކައިރީގައި ބުނެފިނަމަ ތަޅައި ރޯނާ ގަންނަވާނޭ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށްވެސް ބުންޏެވެ. ޝީތަލްއަކީ ކުރީގައި ކައިވެންޏެއްކޮށް ދަރިޔަކުވެސް ލިބިފައިވާ އަންހެނެކެވެ. ސައިކަލް އެކްސިޑެންޓެއްގައި ކުރީގެ ފިރިމީހާ މަރުވީއެވެ. އެހެންވީމާ ފިރިނެކާއި އަންހެނެއްގެ ތަފާތު އެނގޭވަރަށް މިދާއިރާގައި ޝީތަލްއަށް ވަނީ ތަޖުރިބާތަކެއްވެސް ލިބިފައެވެ.