ޚަބަރު

އެމްޓީސީސީގެ "ބޮޑު ޖައްރާފާ"ގެ ފުރަތަމަ މަޝްރޫއު، ދާންދޫ ބިންހިއްކުން އިފްތިތާހުކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ގެނައި ޑްރެޖަރު "ބޮޑު ޖައްރާފު" ގެ ފުރަތަމަ މަޝްރޫއުގެ މަސައްކަތް އިފުތިތާހުކޮށްފިއެވެ.

އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު "ބޮޑު ޖައްރާފާ" އިފުތިތާހުކުރުމަށާއި ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ދާންދޫގައި ވަނީ މިރޭ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ބޮޑު ޖައްރާފާއި ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދާންދޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޓަނޭޝަނަލް ފައިނޭސިންގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫއު ކަމަށެވެ. އަދި ވިދާޅުވީ އެމްޓީސީސީން އަލަށް ގެންނަ ބޮޑު ޖައްރާފުގެ ވެސް ފުރަތަމަ މަޝްރޫއަކީ ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ.

"އެމްޓީސީސީގެ މުޅި ހަޔާތުގެ މިހާތަނަށް އިންޓަނޭޝަނަލް ފައިނޭސިންއެއްގެ ދަށުން ލިބިފައިވާ އެންމެ ބޮޑު ޕްރޮޖެކެޓް ލިބިފައިވަނީ މިނިސްޓަރު އަސްލަމް އަޅުގަނޑުމެންނަށް ދެއްވާފައިވާ ސިޓީއެއްގެ ސަބަބުންނާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ރިކޮމެންޑޭޝަންގެ ސަބަބުން. އެކަމަށްޓަކައި ދިވެހިރާއްޖޭގެ ތަރައްގީގެ ކުރިއެރުމަށްޓަކާ ތިކޮށްދެއްވާ މަސައްކަތަށް މިނިސްޓަރު އަސްލަމަށް ފަށްފަށުން ޝުކުރު އަދާކުރަން،" އާޒިމް ވިދާޅުވިއެވެ.

ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށް ގެންދާނެ މަސައްކަތްތައް އާޒިމް ވަނީ ޖަލްސާގައި ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ދާންދޫއިން 25 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެ މަސައްކަތް އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ. އަދި އަލަށްހިއްކާ ބިން ދާންދޫގެ ބިމަށްވުރެ އުސްވާނެތީ އެ ބިމާއި ދާންދޫ ފާލަމަކުން ގުޅާލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަލަށް ހިއްކާ ބިމާއި ދާންދޫ ގުޅުވާލުމަށް އަޅާ ފާލަމުގެ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ ފާލަމަކީ ތިމާވެއްޓާ ރަށްޓެހި ފާލަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު ދާންދޫ ރައްޔިތުން މޫދަށް ދިޔުމަށާއި ދަތުރުދާނެ ސަރަހައްދެއް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫގެ އަމަލީ މަސައްކަތް މިރޭ އިފުތިތާހުކުރި އިރު، ދާންދޫގެ ބިން ހިއްކުމުގެ 50 ޕަސަންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި މުޅި މަޝްރޫއުގެ 31 ޕަސަންޓް މަސައްކަތް ނިމިފައިވާ އިރު، ބިންހިއްކުމާއެކު ހިލަތޮށީގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

"މިފަހަރު އިއްތިފާގުން ލަސްވެފައި މިއޮތީ ދާންދޫ ބިން ބޮޑުކުރުމުގެ މަޝްރޫއެއް ނޫން. ލަސްވެފައި މިއޮތީ އިފުތިތާހީ ޖަލްސާ. މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާލެއް ބާރުކަމުން ފަހަތަށް މިޖެހެނީ ޖަލްސާތައް. އޭގެ ބަދަލުގައި ކުރިއަށް ޖެހެނީ ހަމަގައިމު ވެސް މަޝްރޫއުގެ އަމަލީ މަސައްކަތް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 186.64 މިލިއަން ރުފިޔާއަށް ކަމަށެވެ. އަދި ވިދާޅުވީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް 70 މިލިއަން ރުފިޔާއަށް ހަރަދުވާނެ ކަމަށެވެ.