ޚަބަރު

ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގްރޫޕު ހަދައިގެން ރާވައިގެން ކުށްކުރާ މާފަންނަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާ ކަމަށެވެ. އަދި ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެ މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"އޭގެފަހުން އެސްޓޭޝަން ދޮށަށް އެއްވި އެގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ. ޖަމާއަތް ހަދައި، ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ހަމީދު ވިދާޅުވިއެވެ.

ގްރޫޕަކުން ޕޮލިސް ސްޓޭޝަނަށްވެދެ ފުލުހަކަށް އިންޒާރުދީފައިވާ އިރު، މިމަހުގެ ނުވަ ވަނަ ދުވަހު ފަތިބުރި އާއި ލަކުޑުބުރި ބޭނުންކޮށްގެން ތިން ފުލުހަކަށް ވަނީ ހަމަލާދީފައެވެ. އެ ފުލުހުންނަށް އަނިޔާވުމުގެ ސަބަބުން ވަނީ އޭޑިކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.

އެ ހަމަލާއާ ގުޅިގެން ހަމީދު ވިދާޅުވެފައިވަނީ މަލާދީފައި ވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ތިން ފުލުހަކަށް ކަމަށާއި ހަމަލާދިން އިރު އެ ފުލުހުން ތިބީ އޮފް ޑިއުޓީގައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ އެންމެން ބަންދުގައި ބޭއްތިބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގްރޫޕަކުން ޑީއީޑީ ފުލުހުންނަށް ހަމަލާދީފައިވަނީ އެ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަން މައްސަލައެއްގައެވެ.