އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލްއަށް އަނެއްކާވެސް އެއްވަނައަށް، 15 އަހަރުގެ ވަނެރީއަށް ހާއްސަ ޝަރަފެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި އާސެނަލްއިން ބްރެންޓްފޯޑު ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި އާސެނަލްއިން ބްރެންޓްފޯޑު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ އާސެނަލް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލީ ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ހަތް މެޗުން 17 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމްއަށްވެސް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމާއި ސިޓީއާ ދެމެދު އޮތީ ފައިދާ ގޯލުގެ ފަރަގެކެވެ.

މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަމެޗުން އާސެނަލް މޮޅުވެފައިވާ އިރު، އެޓީމު ބަލިވީ މެންޗެސްޓާ ޔުނައިޓެޑް ކައިރިން އެކަންޏެވެ.

މިހާތަނަށް ސީޒަނުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުންދާ އާސެނަލްގެ ފުރަތަމަ ގޯލު މެޗުގައި ޖެހީ ޑިފެންޑަރު ވިލިއަމް ސަލީބާއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ސަލީބާ ޖެހި ގޯލަކީ ކޯނަރަކުން ބުކަޔޯ ސަކާ ހުރަސްކުރި ބޯޅައިގައި އޭނާ ޖެހި ގޯލެކެވެ. ހާފު ނިމުމުގެ ކުރިން މެޗުގެ 28 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ވަނީ އާސެނަލަށް ދެވަނަ ގޯލެއް ޖަހައިދީފައެވެ.

މެދުތެރެއިން ގްރަނިޓް ޒަކާ ހުރަސް ކޮށްލި ބޯޅައަށް ރަނގަޅަށް އަރައި ގެބްރިއަލް ޖީސަސް ފޮނުވާލި ބޯޅަ ވައްދައިލީ ގޯލުގެ މަތީ ކަނަށެވެ.

އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ 49 ވަނަ މިނެޓުގައި ފެނުނީ އަލަށް މި ސީޒަނަށް ޓީމާ ގުޅުނު ޕޯޗުގަލްގެ ފަބިއޯ ވިއެރާގެ ފަރާތުންނެވެ. އޭނާ ޖެހި ގޯލަކީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ މެޗުގެ ދެވަނަ ހާފަށް އުމުރުން 15 އަހަރާއި 181 ދުވަހުގެ އިނގިރޭސި މިޑްފީލްޑަރު އިތާން ވަނޭރީ ކުޅުމަށް ނެރެފައެވެ. އޭނާ ވެފައި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ކުޅުމަށް ނުކުތް އެންމެ ހަގު ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ އުމުރުން 16 އަހަރާ 30 ދުވަހުގެ ތެރޭގައި ލިވަޕޫލް މެޗަކަށް ނުކުތް ހާވީ އެލިއޮޓް އަތުގައެވެ.

އާސެނަލްއިން މެޗަށް ނެރުނު ވަނޭރީއަކީ ސްކޫލުގައި ކިޔަވަމުންދާ ކުއްޖެއް ކަމުން އޭނާގެ ޝަރަފުގައި ސަޕޯޓަރުން ވަނީ ހާއްސަ ޗޭންޓެއްވެސް ބޭނުން ކޮށްފައެވެ. އެ ޗޭންޓްގައި ބުނަމުން ދިޔައީ މާދަމާ ހެނދުނު ވަނޭރީ ސްކޫލަށް ދާން ޖެހޭނެ ކަމަށެވެ.