ޚަބަރު

ސުލޫކީ މައްސަލަ ސާބިތުވެ ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲއަށް ފިޔަވަޅު އަޅަން ނިންމައިފި

އަލީ ޔާމިން

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ވަގުތީ އަމުރަކަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު، "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ ކަމަށެވެ.

"އަދި ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ގާޒީ އަލީ އަބްދުﷲ ފަރުވާކުޑަކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ،" ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާޒީ އަލީ އަބްދުﷲގެ އެ އަމަލަކީ ގާނޫނުއަސާސީގެ 151 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަމްބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަމްބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންވެ ޖޭއެސްސީން ވަނީ ގާޒީ އަލީ އަބްދުﷲ އަށް ނަސޭހަތް ދިނުމަށް ނިންމައި އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގައިފައެވެ.