އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާ އުފުލާފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ކުށަށް އިއުތިރާފުވެ، އާއްމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރާއެކު ރަފީއު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޖުލައި މަހުގެ ތެރޭގައި އާއްމުވިއެވެ.
އެ މައްސަލާގައި ރަފީއު ކުށަށް އިއުތިރާފުވީ ސިއްރުކޮށްގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އިބްތިދާއީ އަޑުއެހުމުގައެވެ. އަދި ފަހުން ވަނީ އާންމުންގެ ކިބައިން މައާފަށް އެދި ބަޔާނެއްވެސް ނެރިފައެވެ.
ރަފީއު ކުށަށް އިއުތިރާފުވުމުން އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، އަވަސް ނިޔާގެ އަޑުއެހުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
ރަފީއުއަށް ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ރަފީއު ކުށަށް އިއުތިރާފުވުމުން ކުށުގެ އަސާސީ އަބަދުން އެއް ދަރަޖަ ދަށްކުރާނެއެވެ. އެހެންވެ އޭނާއަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.
ރަފީއުއަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ނަމަ، އަދަބު ލުއިކޮށްދޭން އޭނާގެ ފަރާތުން އެދުމުން އެ އަދަބު އެއަށްވުރެވެސް ލުއިވާނެއެވެ. އަދި ބަންދުގެ މުއްދަތުވެސް އަދަބުން ލުއިކުރާނެއެވެ. އޭރުން އޭނާއަށް އަންނާނީ އެއް މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ އަދަބު ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދިނުމުގެ އިހްތިޔާރު ގާޒީއަށް އޮންނާނެއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރްއާއި ގާނޫނީ ވަކީލް ނާޒިމް ސައްތާރަށްވެސް ވަނީ ހުކުމްކޮށްފައެވެ. އަލަމްގީރް ހަތް މަހަށް ޖަލަށްލި އިރު، ނާޒިމަށް ހުކުމްކުރީ ތިން މަހާއި 26 ދުވަހު ގޭ ބަންދު ކުރުމަށެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވެ، މައާފަށް އެދިފައިވުމުންނެވެ. އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދަށެވެ. އޭނާގެ ޝަރީއަތްވެސް ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު