މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގައި އިސްދައުރެއް އަދާކުރެއްވި އާދަމް ނަސީމް (ބީއޭ ނަސީމް) މިއަދު އަވަހާރަވެއްޖެއެވެ.

ނަސީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭ ފަތިހު 4:30 ގައި އައިޖީއެމްއެޗުގައެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 80 އަހަރެވެ. އަދި ދުނިޔޭގައި ހަތަރު ދަރިން އެބަ ތިއްބެވިއެވެ.

ނަސީމްގެ ދަރިފުޅު އަހުމަދު މުބާރަކް ނަސީމް މިއަދު "ވަން" އަށް ވިދާޅުވީ، ބައްޕާފުޅުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.

ނަސީމަށް ބީއޭ ނަސީމްގެ ނަމުން އާންމުކޮށް މުހާތަބު ކުރަން ފެށީ ރާއްޖޭގައި އިނގިރޭސި ބަހުން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމުންނެވެ.

ނަސީމަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަމާއި މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަކިވެވެޑައިގެން 2013 ވަނަ އަހަރު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތެވެ. އަދާލަތާ ގުޅިވަޑައިގަތުމަށްފަހު ނަސީމް ހުންނެވީ، ސިޔާސީ ކަންކަމުން ދުރުގައެވެ.