ޖަރުމަނު ބުންޑަސްލީގާގައި މިރޭ ބަޔާން މިއުނިކް ކުޅުނު މެޗުން ހައިރާން ކުރުވަނިވި ބައްޔެއްވި އިރު، ޑޯޓުމަންޑުން ކުޅުނު މެޗުން މޮޅުވެ، އެއްވަނައަށް ޖެހިލައިފިއެވެ.

ބަޔާންއިން މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި އެފްސީ އޯގްސްބާގު ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ބްރޫޝިއާ ޑޯޓުމަންޑް ކުޅުނު މެޗުން ޝާލްކޭ ކައިރީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ބަޔާންއިން އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. މިރޭގެ މެޗުގެ ކުރިން ބަޔާންއިން ލީގުގައި ކުޅުނު ތިން މެޗުންވެސް އެއްވަރު ވެފައި އޮތް އިރު، އެޓީމުން މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ ހަތް މެޗުން 12 ޕޮއިންޓާ އެކުގައެވެ.

ޑޯޓުމަންޑުން ހަތް މެޗު ކުޅެ 15 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ޔޫނިއަން ބާލިންއަށް ހަ މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ފްރީބާގުންވެސް ހަ މެޗު ކުޅުނު އިރު، އެޓީމަށް ލިބިފައި އޮތީ 13 ޕޮއިންޓެވެ.

މިރޭގެ މެޗުން މޮޅުވެ ބަޔާންއަށް ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލެވެން އޮތް އިރު، މެޗުން ބަލިވީ 59 ވަނަ މިނެޓުގައި އޯގްސްބާގުގެ މާޖިމް ބެރިޝާ ޖެހި ގޯލުންނެވެ. އެ ގޯލާއެކު އޯސްބާގުން ހޯދި މޮޅަކީ އެޓީމަށް ހޯމްގައި މި ސީޒަނުގައި ލިބުނު ފުރަތަމަ މޮޅުވެސް މެއެވެ.

ޑޯޓުމަންޑުން ކުޅުނު މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އުމުރުން އެންމެ 17 އަހަރުގެ ޔޫސުފާ މޮކޯކޯއެވެ. މިރޭގެ މެޗުގައި ގޯލު ޖަހައި އޭނާ ވެފައި ވަނީ ބްރޫޝިއާ ޑޯޓުމަންޑާއި ޝާލްކޭ ވާދަކުރި ލޯކަލް ރައިވަލްރަރީ މެޗެއްގައި ގޯލުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މިރޭގެ މެޗުގައި ޑޯޓުމަންޑްގެ ކެޕްޓަން މާކޯ ރޫސްއަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވެއެވެ. ރޫސްގެ އަނިޔާ ވެގެންދާނީ ޖަރުމަނު ގައުމީ ޓީމަށް މާޔޫސް ކަމަކަށެވެ. އާންމުކޮށް އަނިޔާގެ ސަބަބުން ބޮޑެތި މުބާރާތްތައް ގެއްލޭ ކުޅުންތެރިއެއްގެ ގޮތުގައި ރޫސް ފާހަގަކުރެވޭ އިރު، ކުރިއަށް އޮތް ވޯލްޑް ކަޕަށް އޭނާ ފިޓްވާނެތޯ އެއީ އަނެއްކާވެސް އުފެދިފައިވާ ސުވާލެކެވެ.