އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވުލްވްސް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ސިޓީ ކުޅުނު މެޗުގައި ވުލްވްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ސިޓީއަށް އެންމެ ބޮޑަށް ފަސޭހަވެގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްގެ ނެތަން ކޮލިންސްއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެ ރަތް ކާޑަކީ އޭނާ ޖެކް ގްރީލިޝްއަށް ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.

މިރޭގެ މެޗުން ސިޓީ އެއްވަނައަށް އެރީ ހަތް މެޗުން 17 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތީ ހަމެޗުން 15 ޕޮއިންޓް ހޯދާފައިވާ އާސެނަލްއެވެ. މިހަފުތާގައި އާސެނަލް ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ.

މިރޭގެ މެޗު ފަށައިގެން 55 ސިކުންތު ތެރޭގައި ސިޓީން ލީޑު ނެގިއެވެ. އެގޯލު ޖެހީ ގްރީލިޝްއެވެ. ކެވިން ޑިބްރޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގްރީލިޝް ވަނީ ގޯލު ތެރެއަށް ވައްދާލައިފައެވެ.

ރަނގަޅު ކޮންޓްރޯލެއްގައި ކުޅެމުން ގޮސް، މެޗުގެ 16 ވަނަ މިނެޓްގައި ސިޓީން ވަނީ ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ގޯލު ޖެހީ އާދަޔާ ހިލާފު ފޯމެއްގައި ހުރި ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. އެ ގޯލަކީ މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުން ހާލަންޑް ޖެހި 11 ވަނަ ގޯލެވެ. ހާލަންޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ވެސް ވުލްވްސް އިން ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނު ނަމަވެސް ސިޓީން ވަނީ ތިންވަނަ ގޯލެއް ޖަހައިފައެވެ.

ސިޓީގެ ތިންވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނެޓްގައި ފިލް ފޯޑެންއެވެ. މިއީ ޑިބްރޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ފޯޑެން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހިގޯލެކެވެ.