ޚަބަރު

ރޮޓަރީ ކްލަބް އޮފް މާލެއިން ހުޅުމާލޭ އިރުމަތީ ބީޗު ސާފުކޮށްފި

އަލީ ޔާމިން

"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމަށް ރޮޓަރީ ކްލަބް އޮފް މާލެއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިރުމަތީ ބީޗް ސަރަހައްދު ސާފުކޮށްފިއެވެ.

ރޮޓަރީ ކްލަބް އޮފް މާލެއިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:30 އިން 7:30 އަށެވެ.

މި ހަރަކާތާ ގުޅޭ މައުލޫމާތު ދެއްވަމުން ރޮޓަރީ ކްލަބް އޮފް މާލޭގެ ސެކްރެޓަރީ އައިމަން ޖަމީލް "ވަން" އަށް މިރޭ ވިދާޅުވީ، ސާފުކުރުމުގެ ހަރަކާތުގައި 80 އަށްވުރެ ގިނަ ވޮލެންޓިއަރުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ތިން ޑައިވް ސްކޫލަކާއި ވޯޓާ ސްޕޯޓްސް ސެންޓަރުތަކުން ބައިވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ބީޗު ސާފުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދީފައިވަނީ އެޗްޑީސީން،" އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވި ގޮތުގައި، އެ ޖަމިއްޔާގެ ބައެއް ޑައިވަރުން ވަނީ އެ ސަރަހައްދުގެ މޫދުވެސް ސާފުކޮށް ބައެއް ކުނިބުނި ނަގައިފައެވެ.

ރޮޓަރީ ކްލަބް އޮފް މާލެއަކީ ރޮޓަރީ އިންޓަނޭޝަނަލްގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާއެކެވެ. ރޮޓަރީ އިންޓަނޭޝަނަލް އަކީ 1.4 މިލިއަން މެމްބަރުން ހިމެނޭ ބޮޑު ޖަމިއްޔާކެއެވެ. އެ ޖަމިއްޔާ ފާހަގަވެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާ ގުޅިގެން ދުނިޔެއިން ޕޯލިއޯ ނައްތާލުމުގެ މަސައްކަތުގައި ބައިވެރިވި ޖަމިއްޔާއެއްގެ ގޮތުގައެވެ.