ޚަބަރު

"އީޓް އޭން އެޕަލް ޑޭ" ފާހަގަކުރަން އެސްޓީއޯއިން އާފަލު ބަހައިފި

އަލީ ޔާމިން

"އީޓް އޭން އެޕަލް ޑޭ" ފާހަގަކުރުމަށް އެސްޓީއޯއިން ހިލޭ އާފަލު ބަހައިފިއެވެ.

އެސްޓީއޯއިން މިއަދު ހަވީރު 4:00 އިން 6:00 އަކަށް ވަނީ، އެސްޓީއޯ ޕާކް (އެސްޓީއޯ ހެޑް އޮފީހުގެ ފަހަތުން އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީގައި އޮންނަ ޕާކު) ސަރަހައްދުގައި ހިލޭ އާފަލު ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުވެސް ބައިވެރިވެލެއްވިއެވެ.

އެސްޓީއޯއިން ބުނިގޮތުގައި ހިލޭ އާފަލު ބަހާފައި ވަނީ އާފަލަކީ ސިއްހަތަށް އެތައް ގޮތަކުން ފައިދާކޮށްދޭ މޭވާއެއް ކަމަށްވާތީ، ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށެވެ.

އެސްޓީއޯއިން އިތުރަށް ބުނި ގޮތުގައި ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު، އެސްޓީއޯ ޕީޕަލްސް ޗޮއިސް (ސުޕަމާޓު) އިން ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯއިން ވަނީ ކޮންމެ ދުވަހަކެއްގެވެސް ކެއުމުގައި އާފަލެއް ހިމެނުމަށް އިސްތިމާސްކޮށްފައެވެ.