އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 12

އަބްދުﷲ ފާރޫގް ހަސަން

مــــــراد ގެ ދުޢާފުޅު

(09 ސެޕެޓެމްބަރުގެ އަދަދާ ގުޅޭ)

މަސީޙީންތިބީ މައިދާނުގެ ވައިމަތީފަރާތުގައެވެ. ވައި ވަރަށްގަދައެވެ. ވަޔާއެކު ވަރަށްބޯކޮށް ހިރަފުސް އާދެއެވެ. ހީވަނީ މުސްލިމުންގެ މޫނުމަތީގައި ގަދަވައިރޯޅިތަކާއި ހިރަފުހުގެ ތަފާތަކެއް ޖަހަމުން ގެންދާހެންނެވެ. މިއީ މުސްލިމުންނަށް ނިހާޔަތުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެފަދަ ޙާލަތެއްގެ ނިޝާނެކެވެ. މުސްލިމުންގެ ޢަދަދު މަދުކަމާއި މަސީޙީންގެ ނިސްބަތުން ހަތިޔާރުގެ ދޭސީކަން ފެނިވަޑައިގެންނެވުމުން سلطـــان مــــــراد އަރަހުށި މާތް اللّـــه ޙަޟުރަތަށް ރުޖޫޢުވެވަޑައިގެން އިލްތިޖާކުރައްވާން ފައްޓަވައިފިއެވެ. އެރޭގެ ފަތިސްދަންވެއްޖައުމަށް ދާންދެން مــــــراد އިންނެވީ ކީރިތިކުރެއްވުމާއި ދުޢާކުރެއްވުމުގައެވެ. سلطـــان ގެ ދުޢާފުޅުގައި ވިދާޅުވިއެވެ.

"ޢިއްޒަތްތެރިވަންތަ ގަދަކީރިތިވަންތަ ރަސްކަލާކޯއެވެ! މިއީ އިސްލާމާއި ކުފުރާ ދެމެދުގެ ކުރިމަތިލުމެކެވެ. އަޅަމެންގެ ފާފަވެރިކަމުގެ މައްޗަށް ބައްލަވައިވޮޑިނުގަންނަވާނދޭވެ! އިބަރަސްކަލާނގެ ރަސޫލާ محـمّــد عـــــربـِـــى صـلّــى اللّـــه عـليــه وسـلّــم ގެ ދީނުގެ ޝަރަފު ދަމަހައްޓަވައިދެއްވާނދޭވެ! މިއަޅާއަށް ޝަހީދުވުމުގެ މާތްކަން ދެއްވާނދޭވެ!" مــــــراد ގެ މަތިވެރި އިބްތިހާލާއި ރީތި ދުޢާފުޅުގެ ސަބަބުން ގަދަކީރިތިވަންތަ މާތް اللّـــه ގެ ރަޙުމަތްފުޅު އޭނާއަށް ލިބިވަޑައިގެންނެވިއެވެ. އޭގެ ނިޝާނެއްގެގޮތުން ފަތިސްވުމާއެކު ނުހަނު ބޯކޮށް ވާރޭވެހޭން ފަށައިފިއެވެ. ހިރަފުސް އޮބި ޖައްވު ސާފުވެ މޫސުން ވަރަށް ރީތިވެއްޖެއެވެ. (ޞަފުޙާ: 34)

ނުހަނު ބޮޑު ފަތަޙައެއް

އުޑުމަތި ސާފުވުމާއެކު މުސްލިމުންނާއި މަސީޙީން އެއްބަޔަކު އަނެއްބަޔެއްގެ ކުރިމަތީގައި ސަފުތައް ރުކުރުވައިލައިފިއެވެ. އިސްލާމީ ލަޝްކަރަށް މަގުދައްކަވަމުން ވަރުގަދަޔަކަށް ހަނގުރާމަ ކުރައްވަމުން ގެންދެވީ ޚުދު سلطـــان مــــــراد އެވެ. މަސީޙީ ލަޝްކަރުގެ ކޮމާންޑަރަކީ ސާވިޔާގެ ރަސްގެފާނު ލަޒާރޫސެވެ. ހަނގުރާމަ ފެށުމާއެކު ދެފަރާތުންވެސް ވަރަށް ވަރުގަދަޔަށް ހިތްވަރު ގަދަކަމުގެ ޖައުހަރު ދައްކަމުން ގެންދިޔައެވެ. އެއްބަޔަކު އަނެއްބަޔަކާ ދިމާޔަށް އަރައަރައިގެންއައިސް ޙަމަލަދެމުން ގެންދިޔައެވެ. ވަރަށް ޖޯޝާއި ފޯރިއާއެކު ހަނގުރާމަ ހިނގަމުންދަނިކޮށް އިސްލާމީ ތުރުކިއޭއިންގެ ލަޝްކަރުގެ ވާތްފަރާތު އަރިމަތީން ބަލިބުރަކަމާއި ރޫޅުމުގެ އަސަރު ފެންނާން ފަށައިފިއެވެ. ބައެއްމީހުން ފަހަތަށް ފޭދޭންވެސް ފަށައިފިއެވެ. ނަމަވެސް سلطـــان مــــــراد ގެ ހިތްވަރުފުޅުގަދަ ބުޠޫލަތްތެރި ދަރިކަލުން بــايـــزيــد ޔިލްދިރިމްގެ ނިހާޔަތުގެ ހިތްވަރުފުޅާއި ފިރިހެންވަންތަކަމުން އިސްލާމީ ލަޝްކަރުގެ އުފުރެމުންދިޔަ ފައިތިލަ އަލުން ސާބިތުކުރައްވައިފިއެވެ. ކުރިއެކޭ އެއްގޮތަށް ނުހަނު ސާބިތުކަމާއެކު ވަރުގަދަޔަށް ޙަމަލަދޭން ފަށައިފިއެވެ. ދެފަރާތުގެ ލަޝްކަރުވެސް ނުހަނު ހިތްވަރާއި ފަންވަރާއި ކެރުމާއި ސާބިތުކަމާއެކު ހަނގުރާމަކުރަމުން ގެންދިޔައެވެ. އެކަމަކު އިރުމެދުޖެހުނުތަނާ ޢީސާއީންގެ ފައިތިލަތައް މައިދާނުން އުފުރިއްޖެއެވެ. ވިއްސިވިހާލިވެގެން މައިދާން ދޫކޮށްލައިފައި ފިލައިގެންދާން ފަށައިފިއެވެ. މުސްލިމުން ވަރަށް ވަރުގަދަޔަށް އެބައިމީހުންގެ ފަހަތުން ޤަތުލުކުރަމުން ހައްޔަރުކުރަމުން ފަހައިދިޔައެވެ. ހިސާބެއް ނެތްހައިގިނަ މަސީޙީން ޤަތުލުވިއެވެ. މިހަނގުރާމައިގެ މޭސްތިރިޔާ އަދި ކޮމާންޑަރ އިން ޗީފް ސާވިޔާގެ ރަސްގެފާނު ލަޒާރޫސްވެސް ހައްޔަރުވެވަޑައިގެންފިއެވެ. އަރަހުށި މާތް اللّـــه ގެ ގަދަކީރިތިވަންތަކަމާއި ދީލަތިވަންކަމުން މުސްލިމުންނަށް ނުހަނު މަތިވެރި ނުހަނުބޮޑު ފަތަޙައެއް ދެއްވައިފިއެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ވަރުގަދަ ފަތަޙައެކެވެ.

ކޮސޯވޯ ހަނގުރާމަ ހިނގި ތާރީޚާމެދު މުއައްރިޚުންގެ އަރިހުގައި ވަރަށްބޮޑަށް ޚިލާފު ހުރެއެވެ. ކްރޭޒީ ލިޔުއްވައިފައިވަނީ 27 އޮގަސްޓް 1389މ. އެވެ. (ޞަފުޙާ: 29) "ދައުލަތެ ޢުޘްމާނިއްޔާގެ މުއައްލިފު ލިޔުއްވާފައިވަނީ 15 ޖޫން 1389 ކަމުގައެވެ. ދުނިޔޭގެ ތާރީޚުގެ އެންސައިކްލޮޕީޑިޔާގެ މުއައްލިފު ވިދާޅުވަނީ 20 ޖޫން 1389 ކަމަށާއި އެކަމަކު މަޝްހޫރު ތާރީޚަކީ 15 ޖޫން ކަމުގައެވެ.

"މުސަލްމާން ޙުކުމްރާން" ގެ ފާޟިލް މުސަންނިފު ކޮސޯވޯ ހަނގުރާމަޔާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.

"ޔޫރަޕުގެ ރަސްރަސްކަލުންގެ ތެރެއިން ކުރީސަފަށް ނުކުމެވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ބަލްގޭރިޔާއާއި ސާވިޔާއާއި ބޮސްނިޔާއާއި ހަންގޭރީގެ ރަސްރަސްކަލުން ހިމެނިވަޑައިގެންނެވިއެވެ. ބަލްގާނުގެ ޖަޒީރާތަކުގެ އަމީރުންވެސް ލަސްކަރާއިގެން ބައިވެރިވެވަޑައިގެންނެވިއެވެ. ކުފުރުގެ މުޅިދުނިޔެ އެކަތިގަނޑަކަށްވެގެން ޔޫރަޕުން އިސްލާމްދީނުގެ ބައްތި ނިއްވައިލާން ތައްޔާރުވިކަހަލައެވެ. އެބައްތިއަކީ މުސްލިމުން ތުރުކިއޭއިން އެބައިމީހުންގެ ލެއިން ދިއްލައިފައިހުރި ބައްތިއެކެވެ. އެހަނގުރާމައަކީ ޔޫރަޕުގެ އަހްލުވެރީން ހިޖްރައިން ހަވަނަ ޤަރްނުގެ ފަހުކޮޅުގައި ޢަކާގެ ރަށްބޭރުގައި صــلاح الـدّيــــن الأيـّــوبـــــى އާ ކުރިފަދަ ހަނގުރާމައެކެވެ. ޔޫރަޕުގެ ރަސްރަސްކަލުން ކޮސޯވޯގެ މައިދާނުގައި ޝީންޓްޒާކޯރުގެ އައްސޭރީގައި مــــــراد أوّل އާވެސް ކުރެއްވީ ދާދިއެކަހަލަ ހަނގުރާމައެކެވެ. އޭގެތެރެއިން އެއްރަސްކަލަކު އެހަނގުރާމައިގެ ސާދައަހަރު ކުރީންވަނީ مــــــراد أوّل އޭނާގެ އެކޮއްކޮއަކަށް (ދަނބިދަރިކަލަކަށް) ވެސް ހައްދަވައިފައެވެ. ބައިޒެންޓައިންގެ ޤައިޞަރުވެސް ގެންދެވީ مــــــراد އަށް ޖިޒީދެއްވަމުންނެވެ. އަނެއް ރަސްކަލަކު ވަނީ مــــــراد ގެ ކުރިފުޅުމަތީގައި ކުޑަކަކޫފުޅު ޖައްސަވައިފައެވެ. ތާރީޚުގައިވާގޮތުން 1389މ. ވަނަ އަހަރުގެ ހޫނުގަދަ ދުވަހެއްގައި ދެފަރާތުގެ ދެމެދުގައި ހިނގީ ވަރަށް ބިރުވެރި ހަނގުރާމައެކެވެ. ދެފަރާތުންވެސް އެތަކެއްހާސް ކޮއްމަސްބުރިތައް މައިދާނަށް ފުނިޖެހުނެވެ. بــايـــزيــد ގެ ނަންފުޅު މިހަނގުރާމައިގައި ވަރަށްބޮޑަށް މަޝްހޫރުވިއެވެ. ކާމިޔާބު ލިބުނީ ތުރުކިއޭއިންނަށެވެ. ބަލިވީ އިއްތިހާދީންނެވެ. އެބައިމީހުންގެ ސަރަޙައްދަށް އެބައިމީހުން ފިލައިގެންދިޔައީ އެތަކެއް މަނުގެ ރަނާއި، ރިއްސާއި ޖަވާހިރާއި، ހިސާބެއްނެތްހައިގިނަ ހަތިޔާރާއި އެތަކެއްހާސް ކަށްތަކެއް މައިދާނަށް ދޫކޮށްފައެވެ." (ޞަފުޙާ: 643)

سلطـــان مــــــراد ޝަހީދުވުން

ނަމަވެސް ކޮސޯވޯގެ މަތިވެރި އަދި ޞަރީޙު ފަތަޙައިގެ އުފާވެރިކަމުގެ މައްޗަށް ހަމަ އެދަނޑިވަޅުގައިވަނީ ހިތާމަވެރި ހާދިސާއެއްގެ ހިޔަނި އެޅިފައެވެ. ފަތަޙައިގެ އެންމެ އުފާވެރި ވަގުތު ސާވިޔާގެ ހަނގުރާމަވެރި ހިޔަޅެއް ކެހިވެރިގޮތެއްގައި سلطـــان مــــــراد خــــان ޝަހީދުކޮށްލައިފިއެވެ. އެ ހާދިސާ ހިނގައިފައިވަނީ މިދަންނަވާ ގޮތަށެވެ.

ސާވިޔާގެ އޮފިސަރެއް ފިލައިގެން ގޮސްގޮސްހުރެފައި އޭނާގެ އަސް އަނބުރައިލައިފައި އޭނާ ފަހަމުންދިޔަ މުސްލިމުންނާ ދިމާއަށް އަތުވެއްޖެއެވެ. އޭނާ މުސްލިމުންގާތު ބުންޏެވެ. "އަހަރެން މަރައިނުލައި ހައްޔަރުކޮށްގެން ތިޔަބައިމީހުންގެ ރަސްގެފާނުގެ އަރިހަށް ގެންދާށެވެ. އަހަރެން ޢީސާއީންދެކެ ނަފުރަތުވެގެން ތިޔަބައިމީހުންގެ އަތްދަށުގައި ހައްޔަރުވަނީއެވެ. އަހަރެން ވަރަށް މުހިންމު އަދި ބޭނުންތެރި މަޢުލޫމާތުތަކެއް ތިޔަބައިމީހުންގެ ރަސްގެފާނަށް ދަންނަވާން ބޭނުމެވެ. އަދި އިސްލާމްދީން ޤަބޫލުކުރާންވެސް ބޭނުމެވެ." މުސްލިމުން އޭނާ ޤަތުލުނުކޮށް ހައްޔަރުކޮށްފިއެވެ. ފަތަޙައަށްފަހު ޚާއްޞަ ޤައިދީން سلطـــان مــــــراد ގެ އަރިހަށް ހުށަހެޅުނުއިރު އޭނާވެސް ހާޒިރުކޮށްފިއެވެ. އަދި އޭނާ ހައްޔަރުވިގޮތުގެ ވާހަކަވެސް ދަންނަވައިފިއެވެ. سلطـــان ވަރަށް އުފާކުރައްވައި އޭނާ އަރިހަށް ގެންދަވައިފިއެވެ. އޭނާ ވަރަށް އަދަބުވެރިކަމާއެކު އަރިހަށްގޮސް سلطـــان ގެ ފައިތިލަފުޅުމަތީގައި އޭނާގެ ބޯޖައްސައިލައިފިއެވެ. سلطـــان އަށާއި އަރިހުގައި ތިއްބެވި މުސްލިމް އޮފިސަރުންނަށް އޭނާގެ ވާހަކަ އިތުރަށް ޔަޤީންފުޅުކުރެއްވުނެވެ. އެ ހީލަތްތެރި ޢީސާއީ ހިޔަޅު مــــــراد ގެ ފައިތިލަފުޅުމަތީން ބޯހިއްލައިލައިފައި ތެދުވެ އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވައިފައިއޮތް ކަޓާރީއަކުން مــــــراد މޭފުޅަށް ޙަމަލަދީ ވަރަށްބޮޑަށް ޒަޚަމުކޮށްލައިފިއެވެ. އެ މާސިންގާ ކެހިވެރި ޖަރީމާއަށްފަހު އޭނާ ދިމާކުރީ ފިލައިގެންދާށެވެ. ނަމަވެސް سلطـــان مــــــراد ގެ އަރިހުގައި ތިއްބެވި މުސްލިމު އޮފިސަރުން ސާވިޔާގެ އެ ހިޔަޅު ހަމައެވަގުތު ކުދިކުދިކޮށް ކޮއްޓަވައިލައްވައިފިއެވެ. سلطـــان مــــــراد އަށް އެމަނިކުފާނުގެ ޒަޚަމު ފަސޭހަފުޅު ނުވާނެކަން ޔަޤީންވެވަޑައިގަންނަވައެވެ. ކުރިންވެސް ދެންނެވިފަދައިން އޭރު ސާވިޔާގެ ރަސްގެފާނު ލަޒާރޫސްވެސް ހުންނެވީ މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެވަޑައިގެންފައެވެ. سلطـــان مــــــراد ސާވިޔާގެ ރަސްގެފާނު ލަޒާނޫސް ޤަތުލުކުރަން އަމުރުކުރައްވައިފިއެވެ. ހަމައެވަގުތު އެ އަމުރުފުޅު ތަންފީޒުކުރެވިއްޖެއެވެ. ދާދި ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި سلطـــان مــــــراد ގެ މާތް ފުރާނަފުޅު އަރަހުށި ހުސްޠާހިރުވަންތަ މާތް اللّـــه ގެ ޙަޟުރަތަށް ދަތުރުކުރައްވައިފިއެވެ. (ތާރީޚެ އިސްލާމް، ޞަފުޙާ: 335)

ޝައްކެއްނެތެވެ. سلطـــان مــــــراد ޝަހީދުކުރެވުމަކީ އެމަނިކުފާނުގެ ދުޢާފުޅުގެ ނަތީޖާއެވެ. ހަނގުރާމަ ހިނގިދުވަހުގެ ކުރީރޭ އެމަނިކުފާނުވަނީ އެމަނިކުފާނަށް ޝަހީދުވުމުގެ މާތްކަން ދެއްވުމަށާއި މުސްލިމުންނަށް ނަޞުރާއި ފަތަޙަދެއްވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. ދީލަތިވަންތަ މަތިވެރިވަންތަ މާތް اللّـــه ވަނީ سلطـــان مــــــراد ކުރެއްވި ދެ ދުޢާފުޅުވެސް އެއްފަހަރާ އިޖާބަކުރައްވައިފައެވެ. އެކަލާނގެ ހެޔޮލަފާ ޞާލިޙު އަޅާ އެދިވަޑައިގެން ދުޢާކުރެއްވި ދެކަންތައްވެސް އެއްފަހަރާ ދެއްވައި ދީލަތިވެވޮޑިގެންފައެވެ.

"އެއީ اللّـــه ގެ ފަޟުލުވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެފަޟުލުވަންތަކަން ދެއްވަތެވެ. اللّـــه އީ ބޮޑުވެގެންވާ ފަޟުލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ." (الحـــديــد: 21)

ކޮސޯވޯ ހަނގުރާމައިގެ ނަތީޖާ

ކޮސޯވޯ ހަނގުރާމައިގެ ނަތީޖާއަކީތޯއެވެ؟ އާދެ، އެކަމާބެހޭގޮތުން މުއައްރިޚަކު ލިޔުއްވައިފައިވެއެވެ. "مــــــراد ގެ މި މަތިވެރި ފަތަޙައިގެ ސަބަބުން ޖަރުމަނާއި ފަރަންސޭސިވިލާތާ ހަމަޔަށް ތިއްބެވި ޔޫރަޕުގެ ހުރިހައި ރަސްރަސްކަލުން އެބޭފުޅުން ތިއްބެވި ތަނެއްގައި ތިއްބެވީ ތުރުތުރު އަޅައަޅައެވެ. ކޮސޯވޯގެ މައިދާނުގައި ބަލިވުމަށްފަހު ޔޫރަޕުގެ ރަސްރަސްކަލުންނަށް ޖެހިވަޑައިގެންނެވީ އެބޭފުޅުންގެ އަމިއްލަފުޅު ގެކޮޅުތަކުގެ ފިކުރުފުޅު ކުރައްވާށެވެ. އެހެންކަމުން މަޖުބޫރުވެވަޑައިގެން ޞަލީބީ ހަނގުރާމަތަކުގެ ޚިޔާލުފުޅު ދޫކޮށްލައްވައިފިއެވެ. ކޮސޯވޯ ހަނގުރާމައިގެ ކުރީން އެބޭފުޅުން ގެންދެވީ ޝާމުކަރަ ފަތަޙަކުރައްވާން ވަރުގަދަޔަކަށް ހިއްޕަވަމުންނެވެ. މުސްލިމުންގެ އަރައިހުންނެވި މުއައްރިޚު مـــولانــا أكــبــــــر خــــان ނަޖީބުއާބާދީ ލިޔުއްވައިފައިވެއެވެ. "އެތައްގޮތަކުން ބަލާއިރު ކޮސޯވޯގެ ހަނގުރާމައަކީ ދުނިޔޭގައި ހިނގައިފައިވާ އެންމެބޮޑެތި ހަނގުރާމަތަކުގެ ތެރެއިން އެއްހަނގުރާމައެވެ. އެހަނގުރާމައިގެ ސަބަބުންވަނީ ޞަލީބީ ހަނގުރާމަތަކަށްވެސް ނިމުމެއް އައިސްފައެވެ. ކޮސޯވޯ ހަނގުރާމައިގެ ކުރީން ޞަލީބީން ގެންދިޔައީ ވަރުނުލާ ރާޅުބާނީތަކެއް ފަދައިން ޝާމްކަރަޔަށް ޙަމަލަދެމުންނެވެ. ޔޫރަޕުގެ ރަސްރަސްކަލުންނަށް އަމިއްލަފުޅު ގެކޮޅުތަކުގެ ސަލާމަތާމެދު ވިސްނައިވަޑައިގަންނަވާން ޖެހިވަޑައިގެންނެވުމުން ޝާމުކަރަ ފަތަޙަކުރެއްވުމުގެ މަތީން ހަނދުމަފުޅު ނެތިއްޖެއެވެ. އެ ހަނގުރާމައިން ސާބިތުކޮށްދިނީ ޢީސާއީންގެ ބައިބޯކަމަކީ މަދު ޢަދަދެއްގެ މުސްލިމުންގެ ހިތްވަރުގަދަކަމާއި ޖޯޝުގެ ކުރިމަތީގައި ފަތަޙަ ހޯދޭނެކަމެއް ނޫންކަމެވެ. ކޮސޯވޯ ހަނގުރާމައިގެ ނާކާމިޔާބީއަކީ ދުނިޔޭގެ ތާރީޚުގައި ފާހަގަކުރެވިފައިވާ ހަނގުރާމައިގެ ނާކާމިޔާބީތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެންމެބޮޑު އެއްނާކާމިޔާބީއެވެ. ޢުޘްމާނީ ދައުލަތުގެ މި ފަތަޙައިގެ ސަބަބުން ޢުޘްމާނީންގެ ފައިތިލަތައްވަނީ މުސްތަޤިއްލު ގޮތެއްގައި ޔޫރަޕުގައި ހަރުކޮށްލެވިފައެވެ. އަނެއްކޮޅުން ސްޕޭނާއި ފަރަންސޭސީން ބައިވެރިވެގެން ޣަރްނާޠާގެ ރަސްކަން އުވައިލައި މުސްލިމުން ސްޕޭނުން ނެރެލާން ކުރަމުންއައި މަސައްކަތަށްވެސް ކޮންމެވެސްވަރެއްގެ މަޑުޖެހިލުމެއް އައެވެ. ޣަރްނާތާގެ މުސްލިމުންނަށް ހިސާބަކަށް ނަމަވެސް ހަމަނޭވާ ލެވޭގޮތްވިއެވެ." (ތާރީޚެ އިސްލާމް، ޞަފުޙާ: 336)

"ދައުލަތެ ޢުޘްމާނިއްޔާ" ގެ މުއައްލިފު ލިޔުއްވައިފައިވެއެވެ. "ކޮސޯވޯގެ ހަނގުރާމައަށްފަހު ފަސްސަތޭކަ އަހަރުވީއިރުވެސް ސާވިޔާގެ މީހުންނަކަށް އެއްބައިވެގެން ތުރުކިޔޭއިންނާ ކުރިމަތިލާކަށެއް ނުކެރެއެވެ. ޚުދުމުޚުތާރު ރަސްކަމެއްގެ ހައިސިއްޔަތުން ކޮސޯވޯގެ ރަސްކަންވަނީ ނިމުމަކަށް އައިސްފައެވެ. ކޮސޯވޯ ހަނގުރާމަޔަށްފަހުވެސް ހަތްދިހައަހަރުވަންދެން ކޮސޯވޭގެ ވެރިކަމުގައި އެތާނގެ އަމިއްލަ މީހުން ތިބިކަމުގައިވިޔަސްވެހެވެ. އެހައިތަނުން ފެށިގެން ކޮސޯވޯގެ ރަސްކަމުގެ ހައިސިއްޔަތަކީ އެހެންބަޔަކަށް ޖިޒީދޭ ރަސްކަމެއްގެ ހައިސިއްޔަތެވެ." (ޞަފުޙާ: 51)

سلطـــان مــــــراد أوّل ގެ އާދަޔާޚިލާފު މަސައްކަތްޕުޅު

މުއައްރިޚަކު ފާހަގަކުރައްވާފައިވާ ގޮތުގައި مــــــراد ގެ ވެރިކަމުގެ ދުވަސްވަރަކީ ޢުޘްމާނީ ދަރިކޮޅުގެ ތާރީޚުގެ އެންމެ މުހިންމު ދައުރުތަކުގެ ތެރެއިން އެއްދައުރެވެ. އޭނާ ތިރީސްއަހަރު ރަސްކަންކުރެއްވިއެވެ. އޭގެތެރެއިން ސައުވީސްއަހަރު ހޭދަކުރެއްވީ ހަނގުރާމައިގެ މައިދާނުގައެވެ. އޭނާ ކުރެއްވި ކޮންމެ ހަނގުރާމައަކުންވެސް ކާމިޔާބު ހޯއްދެވިއެވެ. مــــــراد ގެ ކުރީން ތުރުކިއޭއިން ހަނގުރާމަކޮށްފައިވަނީ ބައިޒެންޓައިން ރަސްކަމާއެވެ. އެދުވަސްވަރަކީ ބައިޒެންޓައިން ރަސްކަން އުވިދިޔުމުގެ މަރުޙަލާ ކަޑައްތުކުރަމުން ގެންދިޔަ ދުވަސްވަރެވެ. ނަމަވެސް مــــــراد ގެ ފަތަޙަ ލިބިފައިވާ ލަޝްކަރު ފެތުރިގަތީ ޔޫރަޕުގެ އެންމެ ހަނގުރާމަވެރި އަދި އެންމެ ގަދަފަދަ ސަލާފީ ޤައުމުތަކުގައެވެ. ބަލްގޭރިޔާއާއި، ސާވިޔާއާއި، ބޮސްނިޔާގެ މައްޗަށް ޢުޘްމާނީ ދައުލަތުގެ ބާރު ހިންގެވީ سلطـــان مــــــراد އެވެ. ޢުޘްމާނީން އެންމެފުރަތަމަ ހަންގޭރީއާ ހަނގުރާމަކުރީ مــــــراد ގެ ދައުރުގައެވެ. ޢުޘްމާނީންވަނީ ހަންގޭރީން ވަރަށްބޮޑަށް ބަލިކޮށްފައެވެ. مــــــراد ގެ ފުތޫޙާތުގެ ސަބަބުން ޢުޘްމާނީ ދައުލަތުގެ ވެރިކަންވަނީ ޑައިނޫބުކޯރާ ހަމަޔަށް ފުޅާވެފައެވެ. ބައެއް ދައުލަތްތަކުން (ސާވިޔާއާއި ބޮސްނިޔާ ފަދަ) ހަމައެކަނި ޖިޒީ ނަންގަވާން އެއްބަސްވެވަޑައިގެންނެވި ކަމުގައިވިޔަސް ތުރޭސާއި، މަޤްދޫނިޔާއާއި، ބަލްގޭރިޔާގެ ދެކުނުގެ ދައުލަތްތައް މުސްތަޤިއްލު ގޮތެއްގައި ޢުޘްމާނީ ދައުލަތުގައި ހިމަނައިލެއްވިއެވެ.

މިސްޓަރ ގިބޯންސް ލިޔުއްވައިފައިވެއެވެ. "سلطـــان مــــــراد ތިރީސްއަހަރު ވަންދެން ޢުޘްމާނީ ރަސްކަލެއްގެ ހައިސިއްޔަތުން ހިންގެވި މޮޅު ސިޔާސަތަކީ އެދައުރުގެ އެހެން އެއްވެސް ވެރިޔަކަށް ނުހިންގެވޭފަދަ މޮޅު ސިޔާސަތެކެވެ. محمّـد الــفــاتــح އާއި سـليمــان الأعـظــــم އާ ބެހޭގޮތުން مــــــراد އަށްވުރެ އަހަރެމެންގެ މަޢުލޫމާތު މުއްސަންޖެވެ. އެހެންކަމުން مــــــراد ގެ ޙަޤީޤީ މަޤާމާ ބެހޭގޮތުން ދަންނަވާންޖެހެނީ އޭނާއަކީ ޢުޘްމާނީ ޚާންދާނުގެ އެންމެމޮޅު އަދި އެންމެ ކާމިޔާބު ސިޔާސީ މާހިރުކަމުގައެވެ. އެންމެ ޤާބިލު ހަނގުރާމަވެރިޔާ ކަމުގައެވެ. މިނޫންގޮތެއް އަހަންނަކަށް ހޯދައެއް ނުގަނެވުނެވެ. مــــــراد އަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ދަތި އުނދަގޫފުޅުތަކާއި އޭނާ ޙައްލުކުރެއްވި މައްސަލަތަކާއި އޭނާގެ ވެރިކަމުގެ ނަތީޖާއާ އޭނާއަށްވުރެ މާ ޢިއްޒަތްތެރި ފަހުތިބީންގެ މަސައްކަތްޕުޅުތަކާ އަޅައިބަލާއިރު އެބޭފުޅުންނަށްވުރެ އޭނާ މަތިވެރިކަމުގައި ނުވިޔަސް، އެބޭފުޅުންނާ އޭނާއާ އެއްވަރުކަން ޔަޤީނެވެ. އޭނާގެ ޙަޔާތްޕުޅުގައި އޭނާ ގެންނެވި ބަދަލުތަކަކީ ތާރީޚުގެ އިންތިހާދަރަޖައިގެ ޙައިރާންކުރުވަނިވި މަސައްކަތްޕުޅުތަކެއްކަން ޔަޤީނެވެ. އޭނާގެ ފުތޫޙާތު ފަސްސަތޭކަ އަހަރުވަންދެން ދެމިއޮތެވެ. 1878 ގެ ބަރލިންގ މުޢާހަދާއާ ހަމަޔަށެވެ. އޭގެތެރެއިން ބައެއްތަންތަން މިފަހުގެ ބަލްޤާނު ހަނގުރާމައަށްފަހުވެސް ދެމިއެބަހުއްޓެވެ." (ހާބަޓް ގިބޯންސް: 178)

(ނުނިމޭ)