އުރީދޫން އެ ކުންފުނީގެ ވިޔަފާރި އެޕް މޫލީ މެދުވެރިކޮށް، އައިފޯން 14 ޕްރޯއާއި އައިފޯން 14 ޕްރޯ މެކްސްގެ ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

މިރެއިން ފެށިގެން އައިފޯންގެ އެ ދެމޮޑެލްއަށް ވެސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު އެ ކުންފުނީގެ ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފައެވެ. މިހާރު ޕްރީ އޯޑަރު ކުރާ އައިފޯނުތައް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށްވެސް އުރީދޫން ވަނީ ހާމަކޮށްފައެވެ.

އެ ކުންފުނިން އައިފޯނު ވިއްކާ އަގުތަކުގެ މައުލޫމާތު މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެއެވެ. އޭގެ އިތުރުން އެ ކުންފުނީގެ ވެބްސައިޓުންވެސް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެޕަލްއިން އާ އައިފޯން ދައްކާލައިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ބޭއްވި އެޕަލްގެ ހާއްސަ އިވެންޓުގައެވެ. އެ އިވެންޓުގައި އައިފޯން 14ގެ އިތުރުން އެޕަލް ގަޑީގެ ސީރީސް އަށެއްގެ ޕްރޮޑަކްޓްތަކާއެކު އާ އެއާޕޮޑްސް ދައްކާލައިފައިވެއެވެ.

އައިފޯން 14 ގެ ހަތަރު މޮޑެލްއެއް އެޕަލް އިވެންޓުގައި އިއުލާން ކޮށްފައިވެއެވެ. އެއީ އައިފޯން 14، 14 ޕްލަސް، 14 ޕްރޯ އަދި 14 ޕްރޯ މެކްސްއެވެ. ހިތްގައިމު "ސިމްޕަލް" ޑިޒައިނެއްގައި އައިފޯން 14 އިއުލާން ކޮށްފައިވަނީ ފަސް ކުލައެއްގައެވެ. އެއީ މިޑްނައިޓް، ސްޓާލައިޓް، ބްލޫ، ޕާޕަލް އަދި ޕްރޮޑަކްޓް ރެޑެވެ. ބަޔޯނިކް އޭ15ގެ ޗިޕަކާ އެކު އޮލެޑް ޑިސްޕްލޭއެއްގައި އައިފޯން 14 އިއުލާން ކޮށްފައިވާ އިރު، އެޕަލްއިން ބުނެފައި ވަނީ އެ ފޯނު ވެގެންދާނީ ދުނިޔޭގެ ތާރީހުގައިވެސް އެންމެ ރަނގަޅު ބެޓެރީލައިފެއް އެކުލެވޭ ފޯނަށް ކަމަށެވެ.

އައިފޯން 14 ޕްލަސްއަށް އާ ކުލައެއް އެޕަލްއިން ވަނީ ތައާރަފުކޮށްފައެވެ. އެއީ "ޑީޕް ޕާޕަލް"އެވެ.

އެޕަލް އައިފޯން 14 ޕްރޯގެ އެންމެ ބޮޑު ތަފާތުތަކެއް ގެނެސްފައިވަނީ ކެމެރާއަށެވެ. ހާއްސަކޮށް ޕްރޮފެޝަނަލް ފޮޓޯގްރަފީގައި ބޭނުން ކުރެވޭނެ ވަރަށް އެޕަލްއިން ވަނީ 14 ޕްރޯ އަދި 14 ޕްރޯ މެކްސްގެ ކެމެރާއަށް ކުރިއެރުންތައް ގެނެސްފައެވެ. އެގޮތުން އެ ދެ ފޯނުގައިވެސް ބޭނުންކުރާނީ 48 މެގަ ޕިކްސެލްގެ ކެމެރާއެކެވެ. ސިނެމެޓިކް ވިޑިއޯ މޯޑުގައި 4K/30fps އަދި 4K/24 ވީޑިއޯ ނެގުމުގެ ގާބިލުކަން އައިފޯން ޕްރޯ އާއި މެކްސްގެ ކެމެރާގައި ހިމެނިފައިވެއެވެ.

ވައިޑް ކެމެރާގެ ފީޗާސް ތިން ގުނައަށް އެޕަލްއިން ރަނގަޅު ކޮށްފައިވާ އިރު، އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސްގައި ބޭނުންކުރާނީ އޭ16 ގެ ބަޔޯނިކް ޗިޕެކެވެ.

ހާޑްވެއާގެ އިތުރުން އައިއޯއެސް 16އާ އެކު އައިފޯން ޑިސްޕްލޭގެ އެންމެ މައްޗަށް ޑައިނަމިކް އައިލެންޑްގެ ހާއްސަ ފީޗާއެއް ޕްރޯ އާއި މެކްސްގައި ތައާރަފުކޮށްފައިވެއެވެ. އެ ޑިސްޕްލޭއަކީވެސް އަބަދުވެސް ފޯނުގެ އެންމެ މަތިން ފެންނަން އިންނާނެ ޑިސްޕްލޭއެކެވެ. ޑިސްޕްލޭގައި ފެންނަ އެ ބާއިން އަބަދުވެސް ލައިވްކޮށް ފޯނުގައި ކުރަމުންދާ ކަންކަން ތަފްސީލުކޮށް ފެންނަމުންދާނެއެވެ.