ފުލުހުންނަށް ހަމަލާދިން މައްސަލައިގައި ރޭ ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހެންވޭރުގައި ހަރަކާތްތެރިވާ ގޭންގަކުން ފަތިބުރި އާއި ލަކުޑިބުރި ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ފުލުހުންނަށް އޭޑިކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ ތިން މީހެއްގެ އިތުރުން 21 އަހަރުގެ މީހެއް ކަމަށެވެ.

އެ ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ މީހާ އާއި 19 އަހަރުގެ މީހާ އާއި 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދުކޮށް، 20 އަހަރުގެ އަނެއް މީހާ 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ހަމަލާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ ހަމަލާދީފައި ވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ތިން ފުލުހަކަށް ކަމަށާއި ހަމަލާދިން އިރު އެ ފުލުހުން ތިބީ އޮފް ޑިއުޓީގައި ކަމަށެވެ. ނަމަވެސް ގޭންގަކުން އެމީހުންނަށް ހަމަލާދިން ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ލ. ގަމުގައި ކުރިއަށްގެންދިޔަ ވިއަވަތި ކޮންފަރެންސް ނިންމާލުމަށް ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގޭންގަކުން ފުލުހުންނަށް ހަމަލާދިން ސަބަބު ވިދާޅުވެދެއްވައިފައެވެ. އެގޮތުން ގޭންގަކުން ހަމަލާދިން ފުލުހުންގެ ތެރެއިން އެކަކީ އެ ގޭންގުން މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަނުގައި އަމަލީގޮތުން އެންމެ އިސްކޮށް ބައިވެރިވި އޮފިސަރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން ވަނީ މިހާތަނަށް ޖުމުލަ ދިހަ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.