އެމްޓީސީސީން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަމުން އަންނަ ހެޔޮ ބަދަލާއެކު ރަށްރަށުގައި ގާއިމުކުރަމުންގެންދާ ފެރީ ހަޓްތަކުގެ ތެރެއިން ށ. ގޮއިދޫގައި ގާއިމުކުރި ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ގޮއިދޫގައި ގާއިމުކޮށްދިން ފެރީ ސްޓޮޕްގައި ކިއޮސްކަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހާނާވެސް ހިމަނާފައިވެއެވެ. އެ ފެރީ ސްޓޮޕަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ހިންގަމުންދާ އާރްޓީއެލް ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ފެރީގެ ހިދުމަތަށް ބޭނުންކުރުމަށް ގާއިމުކޮށްފައިވާ ފެރީ ސްޓޮޕެކެވެ.

އެމްޓީސީސީން ރާއްޖޭގެ ދަތުރުފަތުރަށް ހެޔޮ ބަދަލެއް ގެނައުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ނަމުގައި ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ދެމުންދެއެވެ. އެ ހިދުމަތް މިއަހަރު ތެރޭގައި ފަށައި، ވަރަށް ބޮޑަށް ވަނީ ފުޅާވެސް ކޮށްފައެވެ. އަތޮޅު ތެރޭގައި ރަށް ރަށުން އާރުޓީއެލްގެ ފެރީ ހިދުމަތްދެމުން އަންނަ އިރު، މާލެއާއި ލ. ގަން ފޮނަދޫ ސަރަހައްދުގައިވެސް މިހާރު ވަނީ ބަހުގެ ހިދުމަތް ފަށައިފައެވެ.

އާރުޓީއެލްގެ ދަށުން އެންމެފަހުން ތައާރަފު ކޮށްފައިވަނީ މާލޭ މިނީ ބަހުގެ ހިދުމަތެވެ. އެ ހިދުމަތަށް މަދު ދުވަސްކޮޅެއް ވެފައިވީ ނަމަވެސް ރައްޔިތުން ހިދުމަތް ބޭނުންކުރާ އަދަދު ބޮޑުތަނުން އިތުރުވެ، އެ ހިދުމަތް ގިނަ ބަޔަކަށް ކަމުދާ ކަމަށް ބުނަމުންދެއެވެ.

އާރުޓީއެލްގެ ފެރީގެ ހިދުމަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ ހިދުމަތް މިހާރު ހއ. ހދ. އަދި ށ. އަތޮޅުގައި އަންނަނީ ދެމުންނެވެ. އެ ހިދުމަތާއެކު ރަށްރަށުގައި ފެރީ ހަޓްތަކާއި ސްޓޮޕްތައްވެސް ދަނީ ގާއިމުކުރަމުންނެވެ.