ޚަބަރު

ޅައިމަގު ބަނދަރު މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމެންޓު އެރަށަށް ގެންގޮސްފި

ރިފާ ހަލީލު

ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމުގެ މަސައްކަތް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 2019 ގައެވެ. މިއީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 2020 ގައެވެ.

އެ މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެއެވެ.