ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިން ކަމަށް ބުނެ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މި އަޑުއެހުން އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

ނޫމަޑިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ޑރ. މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް އެންގީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. އެ މައްސަލާގައި ޑރ. މުއިއްޒު ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށްވެސް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.

ޑރ. މުއިއްޒުގެ މައްޗަށް ދައުވާކުރަނީ 25 ޖޫން 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާތީއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ބާއްދާގެ (ބ)ގެ ދަށުންނެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޑރ. މުއިއްޒު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ކަންކަން ފުރިހަމަވާ ދައުވާއެއް ނޫން ކަމަށް ބުނެ އެއީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.