މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުނުވުމުން އަމުރު ނެރެގެން ނަމަވެސް ދެން އަންނަ ކޮމިޓީއަކަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މިއަދު ހެނދުނު 11:00 ގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ތައާވަލުކޮށްފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބޭފުޅުންނާއި އޮޑިޓް އޮފީހުގެ ބޭފުޅުންނާ ބައްދަލުކޮށް، ސުވާލުކުރުމަށެވެ.

ނަމަވެސް އެ ބައްދަލުވުން ފެށިއިރުވެސް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ކޮމިޓީއަށް ހާޒިރުވެފައެއް ނުވެއެވެ.

އެހެންވެ ކޮމިޓީގެ މެމްބަރުން އެދިވަޑައިގެންނެވީ އަމުރެއް ނެރެގެންވެސް ދެން އޮންނަ ކޮމިޓީއަކަށް މިނިސްޓަރު ނަހުލާ ހާޒިރުކުރުމަށެވެ. އެގޮތަށް ނިންމަވާފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވަނީ ކޮމިޓީގެ ޖަލްސާ ނިންމަވައިލައްވަމުން އިއުލާން ކުރައްވައިފައެވެ.

"އަޅުގަނޑު މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނަށް އަހަރީ ރިޕޯޓް ހުށަހެޅުމަށް ދަންނަވާފައި ވަނީ އެހެންވީމަ ކޮމެޓީގެ އިއްޒަތްތެރި މެންބަރުން ވިދާޅުވަނީ މިއަދު ކޮމެޓީއަށް ވަޑައިނުގަތް ކަމަށް ބަލާފައި ކެންސަލް ކޮށްފައި، ދެން އަންނަ ދުވަހަކަށް އަމުރު ނެރެގެން ވެސް ހާޒިރުކުރުމަށް. އެވާހަކަ ރެކޯޑަށްޓަކައި އަޅުގަނޑު ދަންނަވާލީ," އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީއަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ، މިނިސްޓަރު ކޮމިޓީއަށް ހާޒިރުނުވި ސަބަބު ސާފުވާގޮތް ވަނީ ނުވެފައެވެ.