ރާނީ އެލިޒެބަތު 2

ސިޑްނީގެ ރައްޔިތުންނަށް ރާނީ ލިޔުއްވި ސިއްރު ސިޓީފުޅު ކެނޑުމުގެ އިޒުނަ އޮތީ އަދިވެސް 63 އަހަރު ފަހުން!

އޮސްޓްރޭލިޔާގެ ދައުލަތުގެ އެންމެ އިސްވެރިޔަކީވެސް އިނގިރޭސި ތަޚުތުގައި އިންނަވާ ބޭފުޅެކެވެ. އެގޮތުން ފާއިތުވި 70 އަހަރު އޮސްޓްރޭލިޔާގެ އެންމެ އިސްވެރިޔަކީ ރާނީ އެލިޒަބަތެވެ. އެކަމަނާ ތަމްސީލު ކުރައްވަން އޮސްޓްރޭލިޔާގައި ހުންނަވަނީ ގަވަރުނަރ ޖެނެރަލެކެވެ.

ރާނީގެ ދިގު ރަނިކަމުގައި އެކަމަނާ 16 ފަހަރު އޮސްޓްރޭލިޔާއަށް ވަޑައިގެންނެވިއެވެ. އެގޮތުން 1986 ވަނަ އަހަރު ވަޑައިގެން އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސަހަރު ކަމަށްވާ ސިޑްނީގެ ރައްޔިތުންނަށް ސިޓީފުޅެއް ލިޔުއްވައި ސިޑްނީގެ ތާރީޚީ އިމާރާތެއްގައިވާ ތިޖޫރީއެއްގައި އެސިޓީފުޅު ވަނީ ރައްކާ ކުރައްވާފައެވެ. އޭގައި އެކަމަނާ ލިޔުއްވާފައިވާ އެއްޗެއް އެކަކަށްވެސް ނޭނގެއެވެ.

ރާނީގެ އަމުރުފުޅުގައި ވަނީ 2085 ވަނަ އަހަރުގެ ކުރިން އެސިޓީފުޅު ނުބެލުމަށެވެ. ސިޓީ އުރަވެސް ނުކެނޑުމަށެވެ. އެހެންވީމާ ސިޑްނީގެ ރައްޔިތުންނަށް ރާނީ ދެއްވި މެސެޖުގައިވާ އެއްޗެއް އެނގޭނީ އަދިވެސް 63 އަހަރު ފަހުންނެވެ. ސިޓީފުޅު އެޑްރެސް ކުރެވިފައިވަނީ ސިޑްނީގެ މޭޔަރަށެވެ. އަދި 63 އަހަރުފަހުން ސިޑްނީގެ މޭޔަރަކަށް ހުންނަވާނީ ކޮންބޭފުޅެއްކަމެއް ނޭނގެއެވެ.

އެބޭފުޅަކު މިހާރު އުފަންވެއްޖެކަމެއްވެސް ނޭނގެއެވެ. މޭޔަރަށް ރާނީ އަންގަވާފައިވަނީ 2085 ވަނަ އަހަރުގެ ކޮންމެވެސް ދުވަހެއް އިޚުތިޔާރު ކުރައްވައި ސިޓީފުޅު ކަނޑުއްވައި އޭގައިވާ އެއްޗެއް ސިޑްނީގެ ރައްޔިތުންނަށް ވިދާޅުވެދެއްވުމަށެވެ. ތަޚުތުގައި އިންނަވައިގެން އޮސްޓްރޭލިޔާއަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ރާނީއަކީވެސް ރަސްކަލަކީވެސް އެލިޒަބަތު ދެވަނައެވެ. ރާނީ އަވަހާރަވީމާ އޮސްޓްރޭލިޔާގެ އައު ހެޑް އޮފް ސްޓޭޓަކީ އިނގިރޭސި އައު ރަސްގެފާނު ޗާލްސް ތިންވަނަ ކަމަށް އޮސްޓްރޭލިޔާއިން ވަނީ ރަސްމީކޮށް ބަލައިގެންފައެވެ.