އިނގިރޭސިވިލާތުގެ ތަޚުތު މިލްކުވެގެންވާ ބޭފުޅަކީ ގާނޫނަށްވުރެ މަތީގައި ހުންނަވާ ބޭފުޅެކެވެ. ރަސްގެފާނު ޗާލްސް ކިތަންމެ ބޮޑު ކުށެއް ކުރެެއްވިޔަސް އޭނާގެ މައްޗަށް މަދަނީ ތަހުގީގެއްވެސް އަދި ޖިނާއީ ތަހުގީގެއްވެސް ނުހިންގޭނެއެވެ. ސަރިޔަތެއްވެސް ނުކުރެވޭނެއެވެ. އެލިޒަބަތު ދެވަނައިގެ ރަނިކަމުގެ ދިގު ހަތްދިހަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ އެއްވެސް ގާނޫނެއް އެކަމަނާ މުގުރައިލެއްވިކަން އެނގޭކަށް ނެތެވެ. އަބަދުވެސް ކަންކަން ކުރައްވަމުން ގެންދެވީ ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިންނެވެ. ރަސްގެފާނު ޗާލްސް ފަހަރުގައި ތަފާތުވެދާނެއެވެ. އެކަމަކު ޔަގީންވާ އެއްޗަކީ ޗާލްސްގެ މައްޗަށް ދުވަހަކުވެސް ދައުވާއެއް ނުކުރެވޭނޭކަމާއި ތަހުގީގެއްވެސް ނުހިންގޭނެކަމާއި ހުކުމެއްވެސް ނީއްވޭނެ ކަމެވެ. ރަސްގެފާނުގެ މައްޗަށް ގާނޫނު ނުހިންގޭނެތީއެވެ.
އިނގިރޭސިވިލާތުގެ ކޮންމެ ރައްޔިތަކަށްވެސް ޕާސްޕޯޓެއް ދޫކުރެވެނީ ތަޚުތުގައި އިންނަވާ ބޭފުޅެއްގެ ނަންފުޅުމަތިންނެވެ. އެހެންވީމާ ތަޚުތުގައި އިންނަވާ ބޭފުޅަކު ދަތުރުފަތުރު ކުރެއްވުމަށް ޕާސްޕޯޓެއް ބޭނުންފުޅެއް ނުވެއެވެ. ރާނީ އެލިޒަބަތުވެސް ޕާސްޕޯޓެއް ނުގެންގުޅުއްވައެވެ. ވަލީއަހުދުގެ ގޮތުގައި ޗާލްސް ހުންނެވިއިރު ޕާސްޕޯޓް ބޭނުން ކުރެއްވިއެވެ. ޕާސްޕޯޓުގެ ބޭނުންވެސް ޖެހެއެވެ. ޝާހީ އާއިލާގެ އެހެން ހުރިހާ ބޭފުޅުންނަށްވެސް ޕާސްޕޯޓް އޮވެއެވެ. އެކަމަކު ރަސްކަމަށް އިސްވެވަޑައިގެންނެވުމާއެކު ޗާލްސްއަށް ދެން ޕާސްޕޯޓެއްގެ ބޭނުމެއް ނެތެވެ. އިނގިރޭސިވިލާތުގެ ހުރިހާ ޕާސްޕޯޓެއްވެސް ދެން ދޫކުރެވޭނީ ޗާލްސްގެ ނަންފުޅުމަތީގައެވެ. ޕާސްޕޯޓް ދޫކުރާ މީހާއަށް ޕާސްޕޯޓުގެ ބޭނުމެއް ނޯންނަ ބީދަޔަކުންނެވެ. ޗާލްސްއަށްވުރެ މަތީގައި ވެރިޔަކު ނެތީމާ އޭނާއަށް ޕާސްޕޯޓެއް ދޫކުރެވޭނެ ފަރާތެއްވެސް ނެތީއެވެ.
ރާނީ އެލިޒަބަތު ދެވަނައިގެ ދިގު ރަނިކަމުގައި އެކަމަނާ އެކިކަހަލަ އުޅަނދުތައް ދުއްވަވަނިކޮށް ފެނިފައިވެއެވެ. އެކަމަކު ރާނީއަށް ޑްރައިވިން ލައިސަނެއް ނޯވެއެވެ. ޑްރައިވިން ޓެސްޓެއްވެސް ނުހައްދަވައެވެ. އަދި ރާނީ ހުންނަވާ އުޅަނދެއްގައި ނަންބަރު ބޯޑެއް ހުރުންވެސް ލާޒިމެއް ނޫނެވެ. އައު ރަސްގެފާނު ޗާލްސްއަށްވެސް އޮތީ އެ ހުކުމެވެ. އެކަމަކު ވަލީއަހުދުގެ ގޮތުގައި ހުންނެވިއިރު ޑްރައިވިން ލައިސަންސް ބޭނުންވާތީ އެފަދަ ލައިސަނެއް އޮވެއެވެ. ޝާހީ ޚާންދާނުގެ އެހެން ބޭފުޅުންނަށްވެސް ލައިސަންސް ބޭނުންވެއެވެ. ތަޚުތަށް އިސްވެވަޑައިގަތީމާ ލައިސަނާއި ނަންބަރު ބޯޑުގެ ގާނޫނުން ޗާލްސް އިސްތިސްނާވީއެވެ. އަދި ސްޕީޑް ލިމިޓުންވެސް އިސްތިސްނާވީއެވެ. ބޭނުންފުޅު ސްޕީޑެއްގައި ބޭނުންފުޅު ތަނެއްގައި ބޭނުންފުޅު ކޮޅަކަށް ދުއްވެވޭނެއެވެ.
މައިންބަފައިން ދުނިޔޭގައި ތިއްބައި ކާފަޔަކަށް ނުވަތަ މާމަޔަކަށް އެމީހުންގެ ކާފަ މާމަ ދަރީންގެ ބަލަދުވެރިކަން ލިބެނީ އާއްމު ހާލަތުގައި ކޯޓުމެދުވެރިކޮށެވެ. އެހެންނަމަވެސް އިނގިރޭސި ރަސްގެފާނު ޗާލްސް ބޭނުންފުޅުވެއްޖެނަމަ ކޯޓު މެދުވެރި ނުކުރައްވައި ޕްރިންސް ވިލިއަމްގެ ތިން ބޭފުޅުންނާއި ޕްރިންސް ހެރީގެ ދެބޭފުޅުން ބަކިންހަމް ޕެލަސްއަށް ގެންދަވައި އެކުދީންގެ ބަލަދުވެރިކަން ނެންގެވިދާނެއެވެ. ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީ އެކަމާ ކިތަންމެ ބޮޑަށް ދެކޮޅު ހެއްދެވިޔަސް ކުރެއްވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. ކާފަ މާމަ ކުދީންގެ ބަލަދުވެރިކަމަކީ ތަޚުތުގައި އިންނަވާ ބޭފުޅަކު ބޭނުންފުޅުވެއްޖެނަމަ އެގޮތަކަށް ނިންމައިލެވެން އޮންނަ ކަމެކެވެ. ޗާލްސްއަށް މިބާރު އޮތަސް ޕްރިންސް ހެރީގެ ބޭފުޅަކުވެސް އަދި ޕްރިންސް ވިލިއަމްގެ ބޭފުޅަކުވެސް ނަންގަވާނެ ކަމަށް ނުބެލެވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދޭ ގާނޫނެއް އިނގިރޭސިވިލާތުގައި އޮތަސް ޝާހީ އާއިލާގެ ޚަރަދުބަރަދާއި އެބޭފުޅުންނާއި ގުޅުންހުރި ރަސްމީ ކަންތަކާއި ނުރަސްމީ ކަންތަކާއި ބެހޭ މައުލޫމާތު ލިބިގަތުމުގެ ހައްގެއް ނޯވެއެވެ. ރައްޔިތުންނަށް ލިބޭނީ ޝާހީ ޚާންދާނުން ފޯރުކޮށްދިން މިންވަރެކެވެ. ފޯރުކޮށްނުދިނަސް ޖެއްސޭނެ މައްސަލައެއް، ޝަކުވާ ހުށައެޅޭނެ އިދާރާއެއް ނެތެވެ. އެހެންވީމާ އައު ރަސްގެފާނު އެވެނި ކަމަކަށް ޚަރަދު ކުރެއްވި މިންވަރާއި އެވެނި ބޭފުޅަކަށް ދެއްވި ހަދިޔާގެ މިންވަރު ގަނޑުވަރުން ހާމަނުކުރާހާ ހިނދަކު ރައްޔިތުންނަކަށް ނޭނގޭނެއެވެ. ދެނެގަތުމުގެ ހައްގެއްވެސް ނެތީއެވެ. ރާނީގެ ދައުރުގައި ޝާހީ ޚަރަދުބަރަދާއި ގުޅޭ ރިޕޯޓެއް ކޮންމެ އަހަރަކުވެސް ގަނޑުވަރުން ނެރެއެވެ. ޗާލްސް ވެސް އެވަރު ކުރައްވާނޭ ކަމަށް ގަބޫލު ކުރެވެއެވެ.
އިނގިރޭސިވިލާތުގެ ކޮންމެ ރައްޔިތަކީވެސް އިންކަމް ޓެކުހާއި ޕްރޮޕަޓީ ޓެކުހާއި މިހެންގޮސް ނަންހުސްކޮށް ހުރިހާ ބާވަތެއްގެ ޓެކުހެއް ދެއްކުން ލާޒިމް މީހެކެވެ. ޓެކުސް ނުދައްކައި މަކަރު ހެދުމަކީ ގާނޫނީ ކުށެކެވެ. އެކަމަކު ޓެކުހުގެ ގާނޫނުން ޝާހީ ޚާންދާނުގެ މެންބަރުން އިސްތިސްނާ ވެގެންވެއެވެ. ޚާއްސަކޮށް ރަސްގެފާނަކީ އެއްވެސް ބާވަތެއްގެ ޓެކުހެއް އެއްގޮތަކަށްވެސް ދައްކަވާން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރާނީ އެލިޒަބަތު ދެވަނައިގެ ދައުރުގައި އެކަމަނާ އަމިއްލަފުޅަށް ފެނިވަޑައިގެން ޒާތެއްގެ ޓެކުހެއް ދެއްކެވިއެވެ. އެއީ ތަންތަނުގެ ކުއްޔާއި ވިޔަފާރީގެ ނަފާއިން އެކަމަނާއަށް ފެނިވަޑައިގެންނެވި ވަގުތެެއްގައި ފެނިވަޑައިގެންނެވި މިންވަރަކަށް ކުރެއްވި ޚައިރާތެކެވެ. އެއީ ދައުލަތަށް ގަނޑުވަރުން ކުރާ އަމިއްލަ ޚައިރާތެކެވެ. އެގޮތުން ޗާލްސް ވެސް ޓެކްސްގެ ނަމުގައި ކޮންމެވެސް މިންވަރެެއްގެ ޚައިރާތެއް ކުރައްވާނެއެވެ. އެއީ ޕަބްލިކް ރިލޭޝަނާއި ގުޅުންހުރި ކަމަކަށްވާތީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ