ދުނިޔެ

ނޮސްޓްރަޑޭމަސް ބުނާގޮތުން ވިލިއަމްގެ ބަދަލުގައި ތަޚުތު ލިބޭނީ ހެރީއަށް

މިޝޭލް ޑި ނޮސްޓްރަޑޭމަކީ މީލާދީން ފަނަރަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ފްރާންސްގައި އުޅުނު ހަކީމެކެވެ. ރަމަލުޖަހާ މީހެކެވެ. ބޭސްވެރިޔެކެވެ. ނަކަތްތެރިއެކެވެ. ކަންކަން ކުރިއަށް ލަފާކޮށްފައި ބުނެދޭ ކާހިނެކެވެ. ދުނިޔޭގައި ކުރިއަށް ހިނގާންހުރި ކަންކަމަށް އިޝާރާތްކޮށްފައި ޅެންބަހުރުވައިން 942 ރައިވަރެއް އޭނާ ލިޔެފައިވެއެވެ. އެހުރިހާ ރައިވަރެއް އެއްފޮތަކަށް ގެނެސް އެފޮތަށް ކިޔަނީ ލެސް ޕްރޮފެޓިއެސް އެވެ. އިނގިރޭސި ބަހުން ދަ ޕްރޮފެސީސްއެވެ. މުޅި ދުނިޔޭގައި އޭނާ މަޝްހޫރުވެފައިވަނީ ނޮސްޓްރަޑޭމަސްގެ ނަމުންނެވެ. މީނާގެ ލަފާކުރުންތަކުގެ ތެރެއިން ފުރަތަމަ ބޮޑު ހަނގުރާމަޔާއި ދެވަނަ ބޮޑު ހަނގުރާމަޔާއި ހިޓްލަރުގެ އެރުމާއި ވެއްޓުމާއި ކޮމިއުނިޒަމްގެ އެރުމާއި ވެއްޓުންވެސް ފާހަގަ ކުރެވެއެވެ.

އައިބުގައިވާ ކަންކަން އެކަކަށްވެސް ނޭނގޭނެއެވެ. މުސްތަގުބަލް ކިޔައިދޭކަށް ނޭނގޭނެއެވެ. އެހެންނަމަވެސް ނޮސްޓްރްޑޭމަސްގެ 942 ރައިވަރުގައި އޭނާ އިޝާރާތްކޮށްފައިވާ ބައެއް ކަންކަން ދިމާވެފައިވާ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ފަހަރުގައި އެއީ ޅެންބަހުރުވައިން ހުންނަ އެއްޗެއް ޝަރަހަކުރުމުގައި އެކިގޮތްގޮތަށް މޭރުންކޮށްގެން އެކިކަންކަމާ ގުޅުވަނީ ކަމަށްވެސް ވެދާނެއެވެ. ނޮސްޓްރަޑޭމަސްގެ ލަފާކުރުންތަކުގެ ތެރެއިން މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ އިނގިރޭސި ރަސްކަމާމެދު އޭނާ ލިޔެފައިވާ ބަސްތަކަށެވެ. އިނގިރޭސި ރާނީ މީލާދީން 2022 ވަނަ އަހަރު އަވަހާރަވާނޭ ކަމަށްވެސް ލަފާކޮށްފައިވެޔޯލައެވެ. އަދި ޗާލްސް ތިނެއްގެ ނަމުގައި އައު ރަސްކަލަކު ތަޚުތަށް އިސްވެ މީހުން ހީވެސް ނުކުރާގޮތަށް ރަސްކަމުގެ ލައިނު ބަދަލުވެގެންދާނޭ ކަމަށް ބުނެފައިވެޔޯލައެވެ.

ޔޯލައޭ މިދެންނެވީ އެފޮތް އަޅުގަނޑު ނުދެކޭ ކަމުންނެވެ. އަދި ފެނުނަސް އޭގައިވާ އެއްޗެއް މޭރުންކޮށްގަތުމުގެ ކުޅަދާނަކަން ބަހަވީގޮތުން ލިބިފައި ނެތުމުންނެވެ. ހައްތާވެސް މިފެންނަނީ އެފޮތް ބެލި މީހުންނާ ހަވާލާދީ އިނގިރޭސި ބަހުން ލިޔެފައި ހުންނަ ތަކެއްޗެވެ. އެޒާތުގެ ތަކެއްޗަށް ރިއާޔަތްކޮށްފައި ޔޯލައޭ ދެންނެވީއެވެ. ކޮންމެއަކަސް މިހާރު އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އިނގިރޭސި ރަސްކަމުގެ ކުރިމަގާމެދު ނޮސްޓްރަޑޭމަސްގެ ބުނުމަށެވެ. އޭނާ ބުނެފައިވެޔޯލައެވެ. ޗާލްސް ތިންވަނަ އަވަހާރަވުމުގެ ކުރިން އަމިއްލަފުޅަށް ރަސްކަން ދޫކޮށްލައްވާނެއެވެ. ދެން ތަޚުތަށް އިސްވެވަޑައިގަންނަވާނީ އެކަކުވެސް ހީނުކުރާ ބޭފުޅެކެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ. މީގެ މާނަޔަކީ ކޮންމެވެސް ސަބަބުތަކަކާހެދި ވަލީއަހުދު ޕްރިންސް ވިލިއަމް މަގުން އެކަހެރިކުރެވި ކިންގް ހެންރީ ނުވައެއްގެ ނަމުގައި ޕްރިންސް ހެރީ ތަޚުތަށް އިސްވެވަޑައިގަތުމެވެ.

މި އެއްޗެއް ނޮސްޓްރަޑޭމަސް ލިޔެފައިވަނީ މީގެ 450 އަހަރު ކުރިންނެވެ. އޭނާގެ ރައިވަރުތައް ޝަރަހަކޮށް އޭގައިވާ ވާހަކަތައް ދިރާސާކޮށް އިނގިރޭސިބަހުން، މާރިއޯ ރެޑިންއޭ ކިޔުނު މުޒައްނިފަކު 2005 ވަނަ އަހަރު ބޮޑު ފޮތެއް ޝާއިއު ކުރިއެވެ. އެންމެންގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ މީގެ ސަތާރަ އަހަރު ކުރިން ރެޑިން ޝާއިއުކުރި މި ފޮތަށެވެ. އޭގައި ވެޔޯލައެވެ. ޗާލްސް ތިންވަނައަށް ތަޚުތު މިލްކުވާނީ އުމުރުފުޅުން 74 އަހަރުގައެވެ. އެއަށްފަހު ހެންރީ ނުވަވަނަޔަށް ތަޚުތު ލިބިވަޑައިގަންނަވާނީ އުމުރުފުޅުން 38 އަހަރުގައެވެ. ޕްރިންސް ހެރީގެ އުމުރުފުޅުން މިހާރުވެސް 38 އަހަރެވެ. އެހެންވީމާ ނޮސްޓްރަޑޭމަސްގެ މި ބުނުން ސީދާވާނީ މިއަހަރު ޕްރިންސް ވިލިއަމް މަގުން އެކަހެރި ކުރައްވައި ރަސްގެފާނު ޗާލްސް ޕްރިންސް ހެރީއަށް ތަޚުތު ދޫކޮށްލައްވައިފިނަމައެވެ.

ނޮސްޓްރަޑޭމަސްގެ ރައިވަރުތައް ޝަރަހަކޮށްދީފައިވާ ފޮތުގައި މާރިއޯ ރެޑިން ބުނެފައިވެއެވެ. ހެންރީ ނުވައެއް ރަސްކަމަށް އިސްވެވަޑައިގަންނަވާއިރު ކޮމަންވެލްތެއް ނޯންނާނެއެވެ. ކޮމަންވެލްތު ރޫޅިގެން ހިނގައިދާނެއެވެ. އެހެންވީމާ ހެންރީވާނީ ހަމައެކަނި އިނގިރޭސި ޖަޒީރާގެ ރަސްކަލަކަށެވެ. ރެޑިންގެ މިފޮތް ރާނީ އެލިޒަބަތު އަވަހާރަވުމަށްފަހު ވިކެމުންދަނީ ނުހަނު ބާރަށެވެ. ރާނީ އަވަހާރަވުމުގެ ކުރީ ހަފުތާގައި ވިކިފައިވަނީ އެންމެ ފަސް ކޮޕީއެވެ. އެކަމަކު ރާނީ އަވަހާރަވުމަށްފަހު މިމަހު ސަތާރަވަނަ ދުވަހާ ހަމަޔަށް އަށްހާސް ކޮޕީ ވިކިފައިވާ ކަމަށްވެއެވެ. ނޮސްޓްރަޑޭމަސްގެ ލަފާކުރުންތަކުގެ ހަތްދިހަ އިންސައްތަ މިހާތަނަށް ސީދާވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އޭގެތެރޭގައި ކޮވިޑް ނަވާރަޔާއި ސެޕްޓެމްބަރު އެގާރައިގެ ޓެރަރިސްޓް ހަމަލަޔާއި ލަންޑަނުގެ ބޮޑުހުޅު ވެސް ހިމެނެއެވެ.

ނޮސްޓްރަޑޭމަސްގެ ލަފާކުރުންތައް އޮތީ އަދިވެސް ކުރިއަށެވެ. ނޮސްޓްރަޑޭމަސްގެ ރައިވަރުތައް ޝަރަހަކުރާ ތަޖުރިބާކާރެއް ކަމަށްވާ ބޮބީ ޝެއިލަރ ލިޔެފައިވެއެވެ. ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަވެސް ނޮސްޓްރަޑޭމަސް ވަނީ ލަފާކޮށްފައެވެ. އެ ހަނގުރާމަ ދާދި އަވަހަށް ފެށޭނެއެވެ. ހަނގުރާމަ ފެށޭނީ އިރުމަތީ ބިތުން ފްރާންސަށް ކޮންމެވެސް ވަރުގަދަ ބާރަކުން ހަމަލާދިނުމުންނެވެ. މީގެ މާނަޔަކީ ރަޝިޔާއިން ނުވަތަ ޗައިނާއިން އިސްވެ ހުޅަނގު ޔޫރަޕަށް ހަމަލާދިނުމުންނެވެ. ޔުކްރޭނުގެ މައްސަލަ މިހާރު އޮތްގޮތަށް ވިސްނާއިރު އަދި ފްރާންސަކީ ނޭޓޯގެ މުހިންމު ބައިވެރިޔަކަށްވާއިރު ރަޝިޔާގެ ހަމަލައެއް ފްރާންސަށް އައުމަކީ މިހާރު މުސްތަހީލުކަމެއް ނޫނެވެ. ނޮސްޓްރަޑޭމަސް މަރުވެފައިވަނީ އުމުރުން 63 އަހަރުގައި މީލާދީން 1566 ގައެވެ. އެދުވަސްވަރު ދިވެހިރާއްޖެ އޮތީ ޕޯޗުގީޒުންގެ އިސްތިއުމާރުގެ ދަށުގައެވެ.