ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ޓޮޓެންހަމުން ކުޅުނު މެޗުގައި ސްޕޯޓިން ލިސްބަން އަތުން ބަލިވެއްޖެއެވެ.

ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމަށް އެންމެ ބޮޑަށް ރޭގެ މެޗުގައި ދިމާވި މައްސަލައަކީ ގޯލު ނުޖެހުމެވެ. އެ ޓީމުގެ ކުރިއަށް ކުޅުނު ހެރީ ކޭންއާއި ހިއުންމިއުން ސޮންއަށްވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރު ވެފައިވެއެވެ.

ރޭގެ މެޗަށް ޓޮޓެންހަމް ނުކުތީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި މާސޭގެ މައްޗަށް ކުރި ހޯދައި، ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. އެ މެޗުގައި ދެ ގޯލު ޖެހި ރިޗާލްސަން ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގައި އޭނާއަށް ގޯލު ޖަހަން ލިބުނު ފުރުސަތުވެސް ވީ ބޭކާރެވެ.

ސްޕޯޓިން ލިސްބަނުން މެޗުގައި ލީޑު ނެގީ 91 ވަނަ މިނެޓުގައެވެ. ޕެޑްރޯ ގޮންކާވްސް ނެގި ކޯނަރު ބޮލުން ގޯލަށް ވައްދާލީ ޕައުލީނިއޯއެވެ. މެޗު ނިމުމުގެ ކުރިން އިތުރު ވަގުތުގެ ތެރޭގައި ސްޕޯޓިން ލިސްބަނުން އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލަކީ ބަދަލަކަށް މެޗަށް ނުކުތް އަރުތޫރް ގޮމޭސް ޖެހި ގޯލެކެވެ.

ގްރޫޕް ޑީގެ އެއްވަނަ މަގާމުގައި މިވަގުތު އޮތީ ސްޕޯޓިން ލިސްބަންއެވެ. އެއީ ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޓޮޓެންހަމް އޮތް އިރު، ތިންވަނައިގައި އޮތީ ރޭ 1-0 އިން މާސޭ ބަލިކުރި ފްރެންކްފާޓެވެ. މާސޭ އޮތީ ދެ ބައްޔާއެކު ފުލުގައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ ބަޔާން ލެވަކޫސަންއިން ވަނީ 2-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ. އަދި އެ ގްރޫޕުގައި އެފްސީ ޕޯޓޯން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ކްލަބު ބުރޫޖު ކައިރިން ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިރޭވެސް އޮންނާނެއެވެ.