ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫ އާ ކޯޒްވޭ އަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ދެ ރަށް ގުޅާލާ ކޯސްވޭގެ މަސައްކަތް ފެށުމަށް މިއަދު ހަވީރު ހޯނޑެއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ދެ ރަށް ގުޅުވާލުމަށް ހަދާ ކޯސްވޭއަކީ އޭގެ ދަށުން އޮއިދޭ ގޮތަށް ހަދާ ކޯޒްވޭއެއް ކަމަށެވެ. އަދި ހެވީ ވެހިކަލްތަކަށް ކޯސްވޭމަތިން ދަތުރުކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ، ކޯސްވޭ ހެދުމުގެ މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ކޯޒްވޭގެ 5،442 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި 285 ސްޕަން ޕައިލް ހަރުކުރުމާއި 5،596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި 1،3781، އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތުގެ އިތުރުން ކޯޒްވޭ އަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3،144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ކޯސްވޭގެ މަގުތަކުގައި ރެއިލިން އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.
ކޯސްވޭއިން ހޯނޑެއްދޫ ދެމެދު އޮންނަ ހާދޫ ފަޅުރަށާއި ހޯނޑެއްދޫ ކައިރީ އޮންނަ ކަންނިގިލާ ފަޅުރަށްވެސް ގުޅާލާނެއެވެ.
އެ ކޯސްވާގެ ސަބަބުން މަޑަވެލި އާއި ހޯނޑެއްދޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބިގެންދާނެތީ ޕްލޭން ކުރެވިފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން މަޑަވެލި އަދި ހޯނޑެއްދޫ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ އަގަކީ 17.84 މިލިއަން ރުފިޔާއެވެ. ދެ ރަށް ގުޅުވާލަދޭ އެ ކޯސްވޭގެ މަސައްކަތް އެމްޓީސީސީން 300 ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހެއެވެ.
ކޯޒްވޭގެ ސަބަބުން ހޯނޑެއްދުއަށް ރާޅު އަރައި ގެއްލުންވަމުންދާ ކަމަށް ބުނެ މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ވަނީ އެ ކޯޒްވޭ ކަނޑާލައިފައެވެ. ފުރަތަމަ ކަނޑާލީ 2018 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ. އަދި ތިންވަނަ ފަހަރު ކަނޑާލީ މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. އެ ތިން ފަހަރު ވެސް އެ ކޯޒްވޭ ކަނޑާލާފައި ވަނީ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެއެވެ.