ވިލިމާލޭ ހޮސްޕިޓަލުން އަނެއްކާވެސް މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުދިންތަކަަކަށް ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އާމިނަތު ޝަތުފާ "ވަން" އަށް މިއަދު ވިދާޅުވީ އެއީ އާ މައްސަލައެއް ނޫން ކަމަށާއި މުއްދަތު ހަމަވެފައި ހުއްޓައި މީގެ ކުރިން ވެކްސިން ޖެހުނު ކުދިންތަކުގެ ބެލެނެވެރިންނަށް އެކަން އަންގަނީ ކަމަށެވެ. އަދި އެކަން އަންގަނީ ރަނގަޅު ވެކްސިން ކުދިންނަށް ދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"ރަނގަޅު ވެކްސިން ގެނެސް ބެޗު ބެޗަށް މި ޖަހަނީ. އެހެންވެ ފަހަރަކު ކުދިންތަކަކަށް މި އަންގަނީ. މިއީ މީގެ ކުރިން ފިޔަވަޅު އެޅި މައްސަލަ،" އޭނާ ވިދާޅުވިއެވެ.
ވިލިމާލޭ ހިންގަމުންދާ އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރަށް ގުޅައިލުމުން ވިދާޅުވީ އެކަން ބެއްލެވުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.
ވެކްސިން ދިން ކުދިންގެ ތެރެއިން އެއްކުއްޖެއްގެ އާއިލާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ، ވެކްސިން ޖެހީ މިދިޔަ ޖޫން މަހުގައި ކަމަށެވެ.
އޭނާ ބުނީ މިއަދު ވިލިމާލޭ ހޮސްޕިޓަލުން ގުޅާފައި މާދަމާ ޑޮކްޓަރާ ބައްދަލުކޮށްލަން އާދެވޭނެތޯ އެހި ކަމަށާއި ކީއްކުރަންތޯ އެހުމުން އެއީ ތުއްތު ކުއްޖާއަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހިފައިވާތީ ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށެވެ.
އޭނާ ބުނީ އޭރު ކުއްޖާއަށް ހަތަރު މަސް ކަމަށާއި ޖޫން މަހު ދިން ވެކްސިން މުއްދަތު ހަމަވެފައި ހުރިކަން އެ ހޮސްޕިޓަލަށް އެނގުނީ އަދި ކިރިޔާ ކަމަށެވެ.
"މިއީ ފުރަތަމަ ފަހަރެއް ނޫން، އެ ހޮސްޕިޓަލުން މިފަދަ ކަންތައް ކުރާތާ. ފިޔަވަޅު އަޅަން ބުނަނީ. ވާކަމެއް ނޯވޭ. ވެކްސިން ދިނީމަ އާންމުކޮށް ކުދިން ހުން އާދޭ. އެދުވަސްކޮޅު އެކުއްޖާވެސް ވަރަށް ގަދައަށް ހުން އައި. އިތުރު ކަމެއް ވެފައި ހުރިކަން އެނގޭނީ ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދީމަ،" އޭނާ ބުންޏެވެ.
އެ ބެލެނިވެރިޔާ ބުނީ އެ ވާހަކަ ވިލިމާލޭ ކޮމިއުނިޓީ ވައިބާ ގުރޫޕެއްގައި ޖެހުމުން އެހެން ތިން މީހަކުވެސް އެމީހުންގެ ދަރިންނަށް މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއީ މެދުކަނޑާލުމަށްފަހު ޖޫން މަހު އަލުން ވެކްސިން ދޭން ފެށި ފަހުން ޖެހި ވެކްސިނެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ ކުރިންވެސް ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައި ހުރި ވެކްސިނެއް ކުޑަކުއްޖަކަށް ދިން މައްސަލައިގައި އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނަށް ވަނީ ފިޔަވަޅު އަޅައިފައެވެ. އެ މައްސަލަ ބެލުމަށް ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލުމަށްފަހު، އަލުން އެ ހިދުމަތް ޖޫން މަހުގެ ހަތްވަނަ ދުވަހު ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު