Close
ޚަބަރު

މަކުނުދޫން ކުޅުދުއްފުއްޓަށް ދިޔަ ލޯންޗެއް ހައިޖެކުކުރި ދެމީހަކު ޖޫރިމަނާކުރަން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

މަކުނުދޫން ކުޅުދުއްފުއްޓަށް ދިޔަ ލޯންޗެއް ހައިޖެކުކުރި މައްސަލައިގައި، ހދ. މަކުނުދޫ އުނިމާގެ މުހައްމަދު ނާއިފް އާއި ގުލްއަލާގެ މުހައްމަދު ޔާސިރު ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، މީގެ 12 އަހަރު ކުރިން، ތިނެއް ނޮވެމްބަރު 2010 ވަނަ ދުވަހު، 4:20 އެހާކަންހާއިރު، ނާއިފާއި ޔާސިރު އިތުރު ބަޔަކާއެކު މަކުނުދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ސްޕީޑް ލޯންޗުގެ ކެޕްޓަން، ހދ. ކުޅުދުއްފުށީ ބަގީޗާގެ އަހުމަދު ހަސަން އާއި ލާންޗުގެ ފަޅުވެރިޔަކަށް ހުރި ހަމަ އެރަށު ޕާޓީގެ ޖައުފަރު މުހައްމަދަށް ބިރު ދައްކައިގެން، އެ ދެމީހުންގެ ބެލުމުގެ ދަށުން އެ ލޯންޗު ހދ. ވައިކަރަ މުރާދޫއަށް ގެންގޮސްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ނާއިފާއި ޔާސިރުގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ ދައުވާއެވެ. ނަމަވެސް ޓެރަޒިމްގެ ގާނޫނު މިހާރު އުވާލާފައިވާތީ، އެ ދެ މީހުންގެ މައްޗަށް ހުކުމްކޮށްފައި ވަީ ގާނޫނުލްއުގޫބާތުގެ 140 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައެވެ.

މި ދައުވާއަށް ކޯޓުގައި އެދެމީހުން ވަނީ އިއުތިރާފުވެސް ވެފައެވެ.

ގާނޫނުގައި ބުނަނީ އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް ދައުވާއަށް އިއުތިރާފުވެފައިވާތީ އާއި އެ މައްސަލައާ ގުޅިގެން އެމީހުން ބަންދުގައި ހޭދަކުރި މުއްދަތު، އަދަބުން އުނިކުރުމުން، އޭގެ ތެރެއިން ނާއިފް ތަންފީޒު ކުރަންޖެހެނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި، ޔާސިރު ތަންފީޒު ކުރަންޖެހެނީ އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައަޅައި، އެ އަދަބުތައް ޖޫރިމަނާއަށް ބަދަލުކޮށް، ނާއިފު ދައްކަން ޖެހޭނީ 12،600 ޖޫރިމަނާއެއް ކަމަށާއި، ޔާސިރު ދައްކަންޖެހޭނީ 9،600 ރުފިޔާގެ ޖޫރިމަނާއެއްކަމަށް ނިންމައި، ތިންމަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.