ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްއަށް ލ. ގަމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްއަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށާއި ކައުންސިލްތަކާއެކު ސީދާ ރައީސް މަޝްވަރާތައް ބޭއްވުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. މީގެ ފުރަތަމަ ކޮންފަރެންސް ކޮރޮސްރޯޑުގައި ބޭއްވި އިރު، ދެވަނަ ކޮންފަރެންސް ބޭއްވީ މެދުރާއްޖެ ތެރެއަށް ހާއްސަކޮށްގެން އއ. އުކުޅަހުގައެވެ. ތިން ވަނަ ކޮންފަރެންސް ބާއްވާފައިވަނީ ލ. ގަމުގައެވެ.
މިފަހަރުގެ ކޮންފަރެންސް ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވެފައިވަނީ، އެފަދަ ކޮންފަރެންސްއެއް ބޭއްވުމުގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާ ހިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރުން ކަމަށެވެ.
ވިއަވަތި ކޮންފަރެންސް ފަށާފައިވަނީ އެ ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ސްޕޯޓްސް ފެސްޓިވަލަށް ފަހުއެވެ. ދެ ދުވަހުގެ މުއްދަތަށް، މި މަހުގެ 10 އިން 12 އަށް ކުރިޔަށް ގެންދިޔަ އެ ކޮންފަރެންސްގައި، ހަތަރު ސެޝަނެއް ކުރިއަށް ގެންދިޔައެވެ.
ވިއަވަތި ކޮންފަރެންސް ނިންމާލުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިއަވަތި ކޮންފަރެންސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުފުޅާކޮށް އެ ކޮމިޓީގެ މެމްބަރުންނަށް ސިވިލް ސާވިސްގައި އުޅޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި ބިނާވެށި ޕްލޭނަށް މުހިންމު ހައްލުތަކެއް ހޯދައިދެވިފައިވާ ކަމަށެވެ.
ރަށު ކައުންސިލްތަކައްދޭ ބްލޮކް ގްރާންޓް ދިނުމުގައި ބަދަލުތަކެއް ގެނެސް، ރަށް އުފެދިފައިވާ ގޮތާއި ހާލަތަށް ބަލައި އަދި ފައިސާ ދޭ ފޯމިއުލާއިން އިސްތިސްނާއެއް ގެނެސް، ސިޓީތަކަށް ފައިސާ ދޫކުރުމުގައި ހާއްސަ ގޮތްތަކެއް އެކުލަވާލެވުމަކީ ވެސް ވިއަވަތި ކޮންފަރެންސްއިން ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލތަކުގެ އިހުތިސޯސް ކަނޑައެޅިފައި ނެތް މައްސަލައިގައި މަޝްވަރާގެ ކުރަން ނިންމެވުމަކީ ވެސް ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ޔުޓިލިޓީ ކުންފުނިތަކަށް ރަށްރަށުން ދޭ ބިންތަކުން ކުލި ނުނަގައި އެބިންތައް ވީހާވެސް ލުއި ގޮތެއްގައި ދޫކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނިމިގެން މިދިޔައީ ވަރަށް ކާމިޔާބު ވިއަވަތި ކޮންފަރެންސްއެއް ކަމަށެވެ.
ރައީސް ވިދާޅުވީ އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގައި ކައުންސިލްތަކުގެ ފަރާތުން އައި މިންވަރަށް މިފަހަރުގެ ކޮންފަރެންސްގައި ވެސް ޝަކުވާތައް އަންނާނެ ކަމަށް ލަފާކުރެއްވި ކަމަށެވެ. މިފަހަރު ކޮންފަރެންސްގައި އެހާވަރަށް ޝަކުވާ ލިބިފައިނުވަނީ ކުރިންފަހަރު ފާހަގަކުރި ކަންކަމަށް ހައްލު ހޯދައި ދެއްވާފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ ކޮންފަރެންސްގައި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. ގދ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުން ހިމެނޭހެން 107 ބޭފުޅަކު ބައިވެރިވި އެވެ. އަދި މުޅި ކޮންފަރެންސްގައި ވަޒީރުންނާއި މަޖިލީސް މެންބަރުން ހިމެނިވަޑައިގަންނަވާހެން 270 ބޭފުޅުން ބައިވެރިވިއެވެ.