ދުނިޔެ ތަރައްގީވެ ތަމައްދުންވެ، ތަހުޒީބުގެ ކުލަތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ސޯޝަލްމީޑިޔާގެ ތެރޭގައި ދުވާލާއި ރޭގަނޑުގެ ވަގުތުތައް ޣަރަގުވެ ގެނބެނީއެވެ. މުޅި ދުނިޔެ ދުރުގާތްވެފައި ވަނީ އަމިއްލަ ދިރިއުޅުން ނެތިފަނާވެދާއިރުވެސް އިހުސާސެއްްވެސް ނުކުރެވޭހާ ބޮޑަށެވެ. މިއީ ވިސްނާލަންވެއްޖެ ކަމެއް ނޫންބާވައެވެ.
މެދުނުކެނޑި ފޯނުގައި ހުރެގެން އެއްވެސް މުހިންމު ވާހަކައެއް ނުދެއްކޭއިރުވެސް ފޯނު ކަންފަތުން ދުރުނުވެވެއެވެ. ހަގީގަތުގައި މިއީ ނޭނގި ނަމަވެސް ދެވި ހިފާ ކަމެކެވެ. ނުހަނު ލޯބިން ކައިވެނި ކުރާ ބައިވެރިޔާއާ ގުޅުން ހީނަރުވެ، ފުރާނަފަދަ ލޯބިވާ ދަރިންނާއި އޮންނަ ގުޅުން ބީރައްޓެހި ވެގެންދާއިރުވެސް ރޭކާވެސް ނުލައި ސޯޝަލްމީޑިޔާއާއި އިންޓަނެޓުގައި އުދުހެމުންދަނީއެވެ.
ދަރިފުޅަށް ސަމާލުކަން ނުދީ ފޯނުގައި ތިބޭ މަންމައިން ވަރަށް ގިނައިން ފެނެއެވެ. މިފަދަ މީހުންނަށް ހީވެފައި އޮންނަނީ ކައްކައި ކާންދީ، ބޭނުން ހުރިހާ ކަމެއް ކޮށްދިނީމާ ކުދީންނަށް އެނިމުނީކަމަށެވެ. އެކަމަކު ދަރިފުޅާ ވާހަކަ ދައްކައި، ހިޔާލުބަދަލުކޮށްލައި، ދަރިފުޅަށް ވަގުތުކޮޅެއް ދިނުމަކީ ކިހާ މުހިންމުކަމެއްކަން އިހުސާސެއް ނުކުރެވެއެވެ. އަބަދުވެސް ކޮންމެވެސް މީހަކަށް ގުޅައިގެން އެހެން މީހުންގެ ހަބަރު ކިޔުމާއި ފާޑުފާޑުގެ އެޕް އަޅައިގެން ގްރޫޕު ހަދައިގެން އެމީހުންނާ އޮންކޯލުގައި ތިބުމަކީ މިއީ ކިހާވަރެއްގެ ގެއްލުމެއް ދިރިއުޅުމަށް ވާ ކަމެއްކަމެއް ނޭނގެއެވެ. މިކަމުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރާއި ތިމާއާއި ގުޅުން ގާތް ވާން ޖެހޭ މީހުންނާ، ގާތުގައި ތިބިއިރުވެސް ބޮޑުތަން ދުރުވެގެންދާކަން އިހުސާސްކުރެވޭ އިރު މާލަސްވެގެންދެއެވެ.
"މަންމަ އަބަދު އިންނަނީ ލަވަ ކިޔާށެވެ. ބައްޕަ ބޭރުގައި ބިޒީއެވެ. އެންމެން ގޭތެރޭގައި ހީނ މަޖާ ނެގުމެވެ. ދެން އެހެން ގަޑިގަޑީގަ ބޮޑެތި މީހުން ފޯނުގައި ބިޒީއެވެ. ދަރީންނަށް ވަގުތެއް ނުދެވެއެވެ. އެކުދީންގެ އަތަށްވެސް ދީފައި އޮންނަނީ ފޯނެެކެވެ. ޓިޔުޝަން ޓީޗަރު އައީމާ ކިޔަވަންދާން މަންމަ ނުވަތަ ބައްޕަގެ އަމުރު އާދެއެވެ. ކޮބާ ސުކޫލުގަޑި ޖެހުމުން ތައްޔާރުވާންދާން އަމުރު އާދެއެވެ. ގޭގައި ގެންގުޅޭ މީހާ ކައްކައި ކާން ހެދުމުން ކެއުމަށް އަންގައެވެ. މައިންބަފައިން ދަރީންގެ މައްޗަށް މި ހުރިހާ އަމުރެއް ހިންގަނީވެސް ފޯނުގައި ބިޒީކަންމަތީގައި ތިބެގެންނެވެ. މި ކަންކަމުގެ ނަތީޖާއަކީ 15 އަހަރު ފުރޭ އަންހެން ދަރިފުޅު ގާތްކަން ބާއްވާ "ފްރެންޑްސް" ކުދީންނާއި އެކު ސިއްރުން "މަގުމަތި"ވުމެވެ. ސިނގެރޭޓުން ފަށައި މަސްތުގެ ދުނިޔެއަށް ވެސް ދިއުމަށް ދޮރު ހުޅުވުމެވެ. ފިރިހެން ދަރިފުޅު ވެސް މަގުމައްޗަށް ނުކުމެ ގޭންގާ ގުޅުމެވެ. ގޭންގު ކުދީން މާ "ކްލޯސް" ވެފައި އެކުވެރިއެވެ.
ބައެއް މައިންބަފައިންނަށް ހޭލެވެނީ މި މިހުރިހާ ކަމެއް ވެ ނިމި ދަރިފުޅު އަތުން ބީވީމަ އެވެ. ދެން އަނބުރާ ނުގެނެވޭ ވަރުވީމަ އެވެ. އެކުއްޖާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސް ބިރުވެރިކަމުގެ އިންޒާރެއް ޖެހޭ ހިސާބުންނެވެ.
"ދަރިފުޅު ރުޅިގަދަވާ ސަބަބެއް ނޭނގެ، ގޭތެރޭގައި ހުންނަ އަގުބޮޑު ހުރިހާ އެއްޗެހި ހަލާކު ކުރަނީ. މިހާރުދެން ވަަރަށް ގޯސްވެއްޖެ. އިހަށް ދުވަހު ސުކޫލުން ގެއަށް އައީ ކުލާސްޓީޗަރު ގަޔަށް ޖޫސްތަށްޓެއް ވެސް ޖަހާފަ، ދެން ސުކޫލަކަށްވެސް ނުދާނަމޭ ބުނީ." އެގާރައަހަރުގެ ފިރިހެންކުއްޖެއްގެ މަންމަ އޭނާގެ ރައްޓެއްސަކަށް މިވާހަކަ ކިޔައިދިނީ ފޯނުންނެވެ.
ހަމައެހެންމެ ދެމަފިރިންގެ ގުޅުންވެސް ހީނަރުވެގެންދާ ކަމަކަށް މިފަދަ ދިގު ކޯލުތަކާއި ސޯޝަލް މީޑިޔާގައި ހޭދަކުރާ ވަގުތުތައް ދިގުލައިގެން ދިއުން ހިމެނެއެވެ. ދުވަހެއް ދުވަހަކަށް އިންޓަނެޓްގެ ދުނިޔެ ފުޅާވެ، ގަދަފަދަވާއިރު، އާންމު ދިރިއުޅުން ހަލާކުވެ ނެތިގެން ދަނީއެވެ. ކައިވެނީގެ ކުރިން މެސެޖުންނާއި ފޯނުން 24ގަޑިއިރު ވަކިވުމެއް ނެތި، އެކުގައި ހުރިހާ ކަމެއް ހިއްސާ ކުރަމުން ދިޔަ ދެމަފިރިން ކާމިޔާބު ދިރުޅުމެއް ބިނާކުރުމަށް ކައިވެނި ކުރިފަހުން ހުއްޓާލެވުނު ހަމައެކަނި ކަމަކީ އެކަކު އަނެކަކަށް ކުރި މެސެޖުތަކާއި ކޯލުތަކެވެ. އެކަމަކު ފޭސްބުކާއި އިންސްޓާގްރާމާއި ޓިކްޓޮކްގެ އެކުވެރިންނާ އެކު ސޯޝިއަލް މީޑިއާގައި ހޭދަކުރަމުން އައި ވަގުތު މަދެއް ނުކުރެވެއެވެ. ނަތީޖާ ގޯސްވެއްޖެކަން އިހުސާސް ވާއިރު އޮންނަނީ މާބޮޑަށްވެސް ލަސްވެ ވަގުތު ފާއިތުވެފައެވެ.
އެހެންކަމުން މިފަދަ ކަންތައްތަކަށް ސަމާލުވާން ޖެހޭކަން ދެނެގަންނާށެވެ. އިންޓަނެޓުން ބޭނުންވާ މުހިންމު ކަންތައް ކުރަން، ދިރިއުޅުން ފަސޭހަކޮށްދޭ އެއްޗަކަށް ވެފައިވާ ސޯޝަލް މީޑިޔާ، އަދި ދުރު ގާތްކޮށް ގުޅުން ބަދަހިކުރުމަށް ބޭނުންކުރެވޭ ފޯންކޯލުތަކަކީ ތިމާއަށް ހުރި ގެއްލުމަކަށް ނުހަދައި، އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އާދަކުރާށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް