ޚަބަރު

ހިލޭ އެހީ މަހުން މަހަށް ދިނުމުގެ ބަދަލުގައި ތިން މަހުން ތިން މަހުން ދެނީ

ހިލޭ އެހީ މަހުން މަހަށް ދިނުމުގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން އެ އެހީ ދޭނީ ތިން މަހުން ތިން މަހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ހަތް އަތޮޅަށް އަމާޒުކޮށްގެން ލ. ގަމުގައި ކުރިއަށްގެންދިޔަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ކޮންމެ މަހަކު އެއްފަހަރު ދިނުމުގެ ބަދަލުގައި ކުއާޓާއަށް ބަހާލައިގެން ދިނުމަށް ހުށަހެޅުނު އިސްލާހަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. އަދި އެންމެ ފަހުން އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައިވެސް އަދި މިހާރު ކުރިއަށްދާ ކޮންފަރެންސްގައިވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ، ކައުންސިލުތަކަށް މާލީ ގޮތުން ހުރި ދަތިތަކާ ގުޅޭ ގޮތުން ކަމަށާއި އެހެންކަމުން ރަށްރަށާއި ސިޓީތަކަށް ދައުލަތުން ހިލޭ އެހީދިނުމުގައި އިތުރު ވިސްނުންތަކެއް ނެރެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަހުން މަހަށް ދިނުމުގެ ބަދަލުގައި ފައިސާ ކުއާޓަލީ ކައުންސިލްތަކަށް ލިބޭ ގޮތް ވެއްޖެ ނަމަ ބޭނުން ކުރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ," ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަށް މާލީގޮތުން ބާރުވެރިކުރުމަށް މިއަދު ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ އެކަމަށް ތާއީދު ކުރައްވައިފައެވެ. އެޕެނަލްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މާލީ ހާލަތަށް ބަލައި ކުއާޓަލީ ފައިސާ ދިނުމަކީ, ކުރެވޭނެ ކަމަކަށްވާނަމަ އެކަން ކުރަން ފައްޓަވާނެ ކަމަށެވެ.

ނަމަވެސް އެގޮތަށް ފައިސާ ދޫކުރާނީ ސަރުކާރުގެ "ވިއަ" މޮޑިއުލް އަޕްލޯޑް ކުރާ ކައުންސިލްތަކަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މޮޑިއުލްއަކީ ކައުންސިލްތަކުން ހަރަދު ކުރާ ގޮތާއި ބަޖެޓާ ގުޅޭ އެހެންވެސް ތަފާސް ހިސާބުތައް ހާމަކުރުމަށް ހަދާފައިވާ މޮޑިއުލްއެކެވެ.

ކައުންސިލުތަކުން ފައިސާ ހަރަދުތައް ކުރާ ގޮތުގެ ރެކޯޑު ބެލެހެއްޓުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ އެއީ ކައުންސިލުތަކުން ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މާލީ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ގެންގުޅޭ "ވިއަ" މޮޑިއުލްވެސް ބަރާބަރަށް އަޕްޑޭޓު ކުރުމަށް މިނިސްޓަރު ވަނީ ކައުންސިލުތަކަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިސެޝަންގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށާއި ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވެސް ވަނީ ވާހަކަދައްކަވައިފައެވެ.

ފައްޔާޒް ވިދާޅުވީ ކައުންސިލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް ހައްލު ހޯދުމުގެ މަސައްކަތްތަކެއް ރާވައިގެން ކުރިއަށްގެންދަވާ ކަމަށެވެ.