ދައުލަތަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހި ނުވާނެ ގޮތްތަކަށް ކަންކަން ކުރުމަކީ އަޅުގަނޑުމެންނަށް ތަރައްގީއާ ދިމާލަށް ދެވޭނެ ކަމެއްނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ގްރީން ޓެކްސް ނެގުމަށް މީގެ ކުރިން ގާނޫނަށް ގެނައި އިސްލާހުގައި ހިމެނޭ އޮޅުންތައް ރަނގަޅުކޮށް، އަންނަ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސް ނަގަން ފެށުމަށް ކަނޑައަޅައި، ބެކްޑޭޓްކޮށް ޓެކްސް ނެގޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ހުށަހެޅި ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ (ކޮމިޓީ އޮފްދަ ހޯލް ހައުސް)ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، ގިނަ ފައިސާތަކެއް ޓެކްސްގެ ގޮތުގައި ސަރުކާރަށް ނަގާވާހަކަ ދައްކާއިރު، ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދެވޭނީ މަސައްކަތްކުރާ ދާއިރާތަކުން އަދި އާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތަށް އާމްދަނީއެއް ލިބިގެން ކަމަށެވެ. އެހެންނޫންނަމަ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ހުރިހާ ދިމާލަކުންވެސް ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ކަން ކުރަންޖެހޭ ކަމަށާއި، ހަމަޖެހޭ އުސޫލެއްގެ ތެެއިން ދައުލަތަށް އެ ފައިސާ ނަގަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަންތައްތަކުގެ އެންމެން ވިސްނަންވާނީ ޕޮޒިޓިވްކޮށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުން ކުރެވޭކަމަކީ ކުރިންވެސް ގްރީން ޓެސްކްގެ ނަމުގައި ނަގަމުންއައި ޓެކުހެއް ނެގުން ކަމަށާއި އަދި އެއީ "މަޖިލީހުގެ އަތްދަށުންވެސް އަދި އެ ގާނޫނު ރައީސް ތަސްދީގު ކުރެއްވުމުގައި ގާނޫނީ ގޮތުން ބައްލަވަން ތިއްބެވި ބޭފުޅުންގެ ވެސް އަތްދަށުން ގޮސްފައިވާކަމެއް ރަނގަޅުކޮށްލުން،" ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެއް ސެކްޓަރެއްގައި މަސައްކަތްކުރާ ބައެއްގެއަތުން އެއް ހަމަޔަކުން، އެއް އުސޫލަކުން އެއްޗެއް ނެގުމަކީ ގާނޫނުއަސާސީގެ ސިފައެއް ކަމަށާއި، ބިލު އޮތްގޮތަށް ތާއީދު ކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަނަށް، ނުވަތަ ބޭނުމެއް ނެތް ގޮތަށް ސަރުކާރުން ހަރަދު ކުރާ ވާހަކަ ދެއްކުމަކީ އެހެން ކަމެއް ކަމަށެވެ. އެކަމަކީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮތް ކަމެއް ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުވައި، ސަރުކާރުން ކުރާ ވިޔާނުދާ އަމަލުތައް ހޯދައި ބަހުސްކޮށް ވާހަކަދައްކައިގެން އެކަން ހަމަމަގަށް އެޅުވުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް،" ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު