ޚަބަރު

އެސްޓީއޯއަށް 1.7 މިލިއަން ރުފިޔާ ދިނުމަށް ސްޓްރާޑާގެ މައްޗަށް ހުކުމްކޮށްފި

އިބްރާހިމް ޒަކީ

އެސްޓީއޯގެ އައިފާން ބިލްޑިން، މިހާރުގެ (އެފްއެސްއެމް ބިލްޑިން) އިން ސްޓްރާޑާ ކުންފުންޏަށް ކުއްޔަށް ދިން ބްލޮކަށް ދައްކަން ޖެހޭ ކުލީގެ މައްސަލައިގައި އެސްޓީއޯއަށް 1.7 މިލިއަން ރުފިޔާ ދައްކަން ސްޓްރާޑާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަ ސިވިލްކޯޓަށް ފުރަތަމަ ހުށަހެޅީ އެސްޓީއޯ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ދެމެދު 14 ނޮވެމްބަރު 2017 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޓްރާޑާއަށް ކުއްޔަށް ދީފައިވާ އައިފާން ބިލްޑިންގެ G-A ބްލޮކްގެ އެއްބަސްވުން ބާތިލުކުރަން ފޮނުވި ނޯޓިސްތަކަކީ އެއަށް އަމަލު ނުކުރެވޭނެ ނޯޓިސްތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލަ ބަލައި ސިވިލްކޯޓުން ހުކުމް ކުރީ ސްޓްރާޑާއާ އެއްކޮޅަށެވެ.

ނަމަވެސް އެ ހުކުމާ އެއްގޮތަށް އެ ފަރާތުން އަމަލު ނުކުރާ ކަމަށް ބުނެ އެސްޓީއޯއިން، 2019 އޮކްޓޯބަރު 14 ގައި ތަން ހުސްކުރަން އެންގިއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުވެއްޖެ ކަމަށް ކަނޑައެޅުމަށާއި، އެތަން ހުސްކުރުމަށްފަހު އެސްޓީއޯއާ ހަވާލު ކުރުމަށާއި އެ އިމާރާތް ހަވާލުކުރާ ދުވަހާއި ހަމަޔަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއާއި ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރަމުންދާ ފައިސާއައި ނުދައްކާ ހުރި ފެން، ކަރަންޓް އަދި އެހެނިހެން ޔުޓިލިޓީސް ބިލްތަކަށްވާ ފައިސާ ހޯދުމަށް އެދި އެސްޓީއޯއިން ސްޓްރާޑާގެ މައްޗަށް ސިވިލްކޯޓުގައި ދައުވާ ކުރިއެވެ.

މި ހުކުމަކީ އެ މައްސަލަ ބެލުމަށް ފަހު ސިވިލްކޯޓުން އިއްޔެ ކުރި ހުކުމެކެވެ.

ސިވިލްކޯޓުގެ ހުކުމްގައި ވަނީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުއްޔަށްވާ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ކޮވިޑާއެކު 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ޑިސެމްބަރަށް ކުލީގެ 50 ޕަސަންޓު މާފުކޮށްދީފައިވުމާއެކު، ކުލީގެ ގޮތުގައި ސްޓްރާޑާއިން ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 1.6 މިލިއަން (1،666،516.50) ރުފިޔާ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން އެއާއެކު ކަރަންޓު ބިލަށް ނުދެއްކިވާ ޖުމުލަ 80،835.35 ރުފިޔާއާއި ފެން ބިލަށް ނުދެއްކިވާ ޖުމްލަ 7،072.01 ރުފިޔާއާއެކު 1.7 މިލިއަން (1،754،423.86) ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ސްޓްރާޑާގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.