އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 08

އަބްދުﷲ ފާރޫގް ހަސަން

(5 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

"މަޚްލޫޤުންގެ ޝަކުވާގެ އަޑުއެހުމަކީ އެންމެހައި އިންސާނުންގެ މައްޗަށް ވާޖިބުކަމެކެވެ. އަނިޔާވެރިކަންވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެކަންކަން ދުށުމުގެ ކުޅަދާނަކަމެއް އަހަރެންގެ ކިބަޔަކު ނެތެވެ. އަހަރެން ޠޫސު (ސަލްޖޫޤީ ދައުލަތުގެ އޭރުގެ ވެރިރަށް) ދޫކޮށްލައިފައި އައީ އެހެންވެގެންނެވެ. އަނިޔާކުރެވޭތަން ނުދުށުމަށްޓަކައެވެ. އެކަމަކުވެސް ބައެއް މުހުތާދުތަކުގައި އަހަންނަށް ޠޫސަށް ދާންޖެހެއެވެ. އަހަރެންގެ އަމިއްލަ ރަށްކަމުގައިވާތީއެވެ. އަނިޔާވެރިކަމުގެ އުޑި މިހާރުވެސް އެނބުރެމުންދާތަން ފެނުމުން އަހަރެން ވަރަށް މޮޅިވެއެވެ."

ރަސްރަސްކަލުންގެ ސާދާކަމާއި ޢިލްމުވެރީންގެ ޣާފިލުކަން

ފަރުދުންވެސް ޖަމާޢަތްތައްވެސް ދީނާއި ޝަރީޢަތާ ތަބާވާންޖެހޭނީ އެއްވަރަކަށެވެ. އެކަކަށްވެސް އެކަމަކުން ދުލެއް ނުލިބެއެވެ. ރެކިއެއް ނުގަނެވެއެވެ. އެކަކަށްވެސް އަނެކަކަށް އަނިޔާވެރިވުމުގެ އިޒުނައެއް ނޯންނާނެއެވެ. ދީނަށް ޢަމަލުކުރުމުގައި ފަރުދެއްގެ ފަރާތުން ފަރުވާކުޑަކުރެވުނުކަމުގައިވިޔަސް އެކަމާ ޒިންމާކުރެވޭނެއެވެ. ޖަމާޢަތުގެ ޒިންމާދާރު މީހުނާމެދުވެސް ކަންހުރީ އެފަދައިންނެވެ.

އުންމަތުގެ އަމީރުވެސް ޖަވާބުދާރީ ކުރެވޭނެއެވެ.

މިއުންމަތުގެ ޢިލްމުވެރީންގެ ބިރުފުޅު ކުޑަކަމާއި ޖެހިލުންވެވަޑައިގެންނެވުމެއް ނެތުމުގެ ރަންކުލައިގެ ވާހަކަތަކުން ތާރީޚުގެ ޞަފުޙާތައްވަނީ ފުރިފައެވެ. މިޒަމާނުގެ ޢިލްމުވެރީން ގަލްފުގެ މުއްސަނދިފުޅު އަމީރުންގެ އަރިހުގައި ވިދާޅުވާންޖެހެއެވެ. މިހާރަކަށްއައިސް މުޅި އިސްލާމީ ދުނިޔެއަށާއި ހުރިހައި މުސްލިމުންނަށް ލިބިފައިވާ ނިކަމެތިކަމާއި ފުލަށްފޭދުމާއި، ބަލިކަށިކަމުގެ ޒިންމާ ސީދާ އުފުއްލަވާން ޖެހިވަޑައިގަންނަވާނީ އެބޭފުޅުންނެވެ.

ކީރިތި ޤުރްއާނުގެ ســــورة الأنــفــــال ގެ ފަސްދޮޅަސްވަނަ އާޔަތުގެ މާނައިގައިވަނީ މިދަންނަވާ ފަދައިންނެވެ.

"އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަސްތައްވެސް ބަނދެ (ކައިދާއަޅުވައި) ތައްޔާރުކުރާށެވެ! އެކަމުން اللّــه ގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ." (الأنــفــــال: 60)

މިމާތް އާޔަތުގައިވަނީ ހަތިޔާރު އުފެއްދުމުގެ ޙުކުމެވެ. ހަތިޔާރުގެ ފެންވަރެއްކަމުގައި އަންގަވައިފައި އެވަނީ މުސްލިމުންގެ އެންމެހައި ދުޝްމިނުން މުސްލިމުންދެކެ ޖެހިލުންވެ ބިރުގަންނަވަރެވެ. ދުޝްމިނުންގެ އަތުގައިހުރި ހަތިޔާރަށްވުރެ ބަރު (މޮޅު ވަރުގަދަ) ހަތިޔާރެވެ. އެއަށްވުރެ ފުރިހަމައަށް ނަތީޖާ ނެރެވޭ ހަތިޔާރެވެ. މި އާޔަތުގައި މުޚާޠަބުކުރައްވާ ޙަޤީޤީ ފަރާތަކީ ޢާންމު މުސްލިމުންނެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މުސްލިމުންގެ ވެރީންނެވެ. ދައުލަތްތަކުގެ އަމީރުންނެވެ. ހަމައެފަދައިން ســــورةالــتــّــوبــــة ގެ 123 ވަނަ އާޔަތުގައި އިރްޝާދު ދެއްވައިފައިވާ "ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭހުށިކަމެވެ!" މި މާތް އިރްޝާދުގެ މަޠުލަބަކީވެސް މުސްލިމުންނަކީ އުރައްޕުހުރި ބާރުހުރި ބަޔަކު ކަމުގައިވުމެވެ. މުޚާޠަބުކުރެވޭ ފަރާތަކީ އިސްލާމީ އުންމަތުގެ ވެރިކަމާ ޙަވާލުވެ ތިއްބަވާ ފަރާތްތަކެވެ. ޚާއްޞަކޮށް އަރަހުށި މާތް اللّــه "ކަޅުރަނުގެ" މުއްސަނދިކަމާއި ގިނަގުނަ ޤުދުރަތީ ވަސީލަތްތައް ދެއްވައިފައިވާ ޤައުމުތަކުގެ ވެރީންނެވެ. މިދެންނެވި ވެރީން މާތް اللّــه އެބޭފުޅުންނާ ޙަވާލުކުރައްވައިފައިވާ އަގުބޮޑު ވަސީލަތްތައް ބޭނުންކުރައްވަނީ އުންމަތަށް ކުޑަވެސް ލާބައެއް ނުކުރާގޮތްގޮތަށެވެ. ޔޫރަޕުގައި ވުނަކުރެއްވުމަށާއި ނާޗަރަންގީ ކުޅުއްވުމަށެވެ. ޤައުމާއި އުންމަތް ކުރިއެރުވުމުގެ ރަނގަޅު މަޝްރޫޢުތަކެއް ނެތިއެވެ. ސާބިތުކުރައްވަމުން ގެންދަވަނީ އެބޭފުޅުންގެ ނާޤާބިލުކަމެވެ. އިސްލާމީ ޤައުމުތަކަށް މަސައްކަތްތެރިކަމުގެ އިންޤިލާބެއް ގެންނަވާކަށެއްވެސް ސައިންސާއި ފަންނިއްޔާތުގައި އެމެރިކާއާއި ޔޫރަޕާ ފައިހަމަކުރެވޭތޯ ބައްލަވާކަށެއް އެއްވެސް މަސައްކަތްޕުޅެއް ނުކުރެއްވެއެވެ. ޢަރަބި ޤައުމުތަކުގެ ވެރީން އެޤައުމުތައް ހައްދަވައިފައިވަނީ ޞާރިފުންގެ ވަޒަންތަކަކަށެވެ. އެއްވެސް ހުނަރެއް ލިބިފައިނުވާ އެއްވެސް ފަންނެއް ނުދަންނަ ބަޔަކު ދިރިއުޅޭ ތަންތަން ކަމުގައެވެ. ދަތްކޮއްޓާ އިލޮށިކޮޅަކަށް ދާންދެން ބޭރުން އެތެރެކޮށްގެން ބޭނުންކުރާ ބައެއްގެ ހާލިތަކަކަށެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މަންދޫބުން އިރުއިރުކޮޅާ ގަލްފަށް ވަޑައިގަންނަވައެވެ. ހަތަރުފަސް މަހާސިންކު (ވިހިއަކުރުގެ ޢަދަދު) ޑޮލަރުގެ މުޢާހަދާތަކުގައި ސޮއިކުރައްވައިފައި އަވަސްއަވަހަށް ވަޑައިގަންނަވަނީ އިސްރާއީލަށެވެ. ގަލްފުގެ ޤައުމުތަކުގެ ވެރީން ބޭނުންފުޅުކަމުގައިވާނަމަ އެ ފައިސާތަކުން އަމިއްލަފުޅު ޤައުމުތަކުގައި ބޮޑެތި ކާރުޚާނާތައް ބިނާކުރެއްވިއްޖައީހެވެ. އެކަމަކު ވަރުގަދަ ހަތިޔާރުތައް އުފެއްދުމުގެ ޤުރްއާނީ ޙުކުމަކަށް އެބޭފުޅުން އަޅުއްވައެއް ނުލައްވައެވެ. މަސައްކަތްތެރިކަމުގެގޮތުން އަމިއްލަ ފައިމައްޗަށްތެދުވެވަޑައިގެން ހަށިފޮޅައިލެއްވުމުގެ އިސްލާމީ އަމުރަކަށް ފަރުވާލެއް ނުބަހައްޓަވައެވެ. ޢަރަބި ޤައުމުތަކުން ކިތަންމެވަރަކަށް ޞަދަޤާތް ބެހިކަމުގައިވިޔަސް އެއީކީ އިސްވެ ބަޔާންކުރި އިސްލާމީ މަޞްލަޙަތުތައް ޙިމާޔަތްކުރެވެނީކީ ނޫނެވެ. ކިތަންމެގިނަ ކަދުރެއް ފޮނުވައި ހެޔޮކަންތައްތަކެއް ކުރިކަމުގައިވިޔަސް ޤުރްއާނުގައި އަމުރުކުރައްވައިފައިވާ ފަދައިން އުންމަތް ބާރުވެރިކުރުވަން ކަމެއްކުރެވުނުކަމުގައިވާނީ ހަމަ އެ ފަރްޟު އަދާކޮށްގެންނެވެ.

ދީނީ ޢިލްމުވެރީން ގަލްފުގެ ތާޖު ނާޅުއްވާ ރަސްރަސްކަލުންގެ އަރިހުގައި ޞަރީޙުކޮށް ވިދާޅުވެލައްވާންޖެހެއެވެ. ތިޔަބޭފުޅުން މުޅި އުންމަތް ބަލިކަށި ކުރައްވައިފީމުއެވެ. ނާށިގަނޑު ހިފައިގެން މީހުންގެ ގާތަށް ހިނގާންޖެހޭ ބަޔަކުކަމުގައި ހައްދަވައިފީމުއެވެ. އިސްރާއީލާއި ގަލްފުގެ ޤައުމުތަކާމެދު ބަދަހިވަމުންދާ ގުޅުމަކީ ސިއްރެއް ނޫނެވެ. ޢަރަބި ވެރީން މިހާރުވަނީ ފަލަސްޠީނު މިނިވަންކުރެއްވުމާއި މަސްޖިދުލްއަޤްޞާ ޔަހޫދީ ވަކިތަކުގެދަށުން ސަލާމަތް ކުރެއްވުމުގެމަތީން ހަނދުމަފުޅު ނައްތައިލައްވައިފައެވެ. ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަމުންގެންދާ ޙަމާސް ޖަމާޢަތް ހައްދަވައިފައިވަނީ ނިރުބަވެރި ޖަމާޢަތެއްކަމުގައެވެ. އިސްލާމީ ދުނިޔޭގެ އަޣުލަބިއްޔަތު ކަމުގައި ހިމެނޭ ޤައުމުތަކުން ދެކޭގޮތުގައި ޢަރަބި ސަރުކާރުތަކުގެ މި ސިޔާސަތަކީ އިސްލާމްދީނާއި މުސްލިމުންނަށް ބޭވަފާތެރިވުމެވެ. ޚިޔާނާތްތެރިވުމާ އެއްފަދަ ކަމެކެވެ. އިސްލާމީ އުންމަތުގެ މެޔަށް ޚަންޖަރެއް ހަރައިލުމެކެވެ.

އިސްލާމީ ޢިލްމުވެރީން ގަލްފުގެ ޤައުމުތަކުގެ ވެރީންނަށް ވިސްނައިދެއްވާން ޖެހިވަޑައިގަންނަވަނީ އެމެރިކާއާއި އިސްރާއީލަކީ ނިރުބަވެރި ދެ ދައުލަތްކަމުގައި އިޢުލާން ކުރެއްވުމުގެ ބަދަލުގައި އިސްލާމީ ތަޙްރީކުތަކަކީ ނިރުބަވެރި ޙަރަކާތްތަކެއްކަމުގައި ކަނޑައެޅުއްވުމާއި އިސްލާމީ ވަރަށްގިނަ ޢިލްމުވެރީންގެ ފޮތްތައް މަނާކުރެއްވުމަކީ ވިސްނުންފުޅު ކޮށިކަމާއި ދީނާ ދުރުހެލިވެވަޑައިގެންނެވުމުގެ ޢަލާމާތްތަކެއްކަމެވެ. ޢިލްމުވެރީން އެބޭކަލުންގެ އަނގަފުޅު ހުޅުއްވާންޖެހެއެވެ. ސާފުބަހުން ވާހަކަފުޅު ދައްކަވާންޖެހެއެވެ. އިސްލާމީ ޤައުމެއްގައި އިސްލާމީ ޚިޔާލުގެ ބަޔަކު ވެރިކަމަށް އަންނައިރަށް އެބައެއްގެ ސަރުކާރު ވައްޓައިލުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމާއި ޢަސްކަރީ އިންޤިލާބުތަކަށް ބަސްފުޅާއި ޢަމަލުފުޅުން ތާއީދުކުރެއްވުމަކީ މުސްލިމުންނާ ދުޝްމިނުވެވަޑައިގެންނެވުމާ އެއްމާނައެއްގެ ކަންކަމެވެ. މާފު ނުކުރެވޭފަދަ ބޮޑެތި ކުށްކުށެވެ.

މުސްލިމް ޢިލްމުވެރީން ގަލްފުގެ ޙާކިމުންނަށް ވިސްނައިދެއްވާންޖެހެއެވެ. ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުއްވުމާއި ދުލާއި ގަލަމުގައި ހިލިހިލާ ޖެއްސެވުމަކީ މާތް اللّــه ދެއްވައިފައިވާ ނިޢުމަތެއް ފޭރިގެންނެވުމެވެ. އިންސާނުންނަށް އަނިޔާވެރިވެވަޑައިގެންނެވުމެވެ. ދޫބަންދުކުރެއްވުމުގެ ޤާނޫނުގެ ޒަރީޢާއިން ތިޔަކުރެއްވޭކަމަކީ ޤައުމުގެ ރައްޔިތުން ބަސްނުމޮށެވޭ ޖަނަވާރުތަކާ އެއްފަދަކުރެއްވުމެވެ. ރައްޔިތުން ނިކަމެތިކުރެއްވުމެވެ. ގަލްފުގެ މުއްސަނދިފުޅު ކިބުރުވެރި ޙާކިމުން އެމަޤާމުތަކުގައި ތިއްބެވިހައި ދުވަހަކު މުސްލިމުންނަށް އައުހެއިލައިގަތުމެއް އަތުވެދާނެކަމުގެ އެއްވެސް އުންމީދެއްނެތެވެ.

ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ. މިޒަމާނުގެ އިސްލާމީ ޢިލްމުވެރީންވަނީ ވެރީން އިޙްތިސާބު ކުރެއްވުމުގެ ވާޖިބު އަދާކުރެއްވުން ހުއްޓައިލައްވައިފައެވެ. ތަނެއްގައި ބަޔަކު އަނިޔާވެރިކަމާ ދެކޮޅަށް އިޙްތިޖާޖުކުރާން ފަށައިގެންފިކަމުގައިވާނަމަ އެބޭކަލުންނަށް ހީފުޅުވަނީ އެބޭކަލުންގެ ރިޒުޤު ބަންދުވާން އުޅެނީހެންނެވެ. "އަމީރަށް ކިޔަމަންވޭ! އަމީރަށް ކިޔަމަންވޭ!" މިފަދައިން ވިދާޅުވެ ނައުރާކުރައްވާން ފައްޓަވައިފަތެވެ. ރަސްރަސްކަލުންގެ ކުށްހީފުޅުތަކުގައި ޙިމާޔަތުގެ ތައްގަނޑު ޖައްސަވައިދެއްވާން ފައްޓަވައިފަތެވެ. ފަސޭހައިން ބޭނުންފުޅުތައް ފުދުމުގެ ފުރުސަތު ގެއްލިގެންދިޔަ ނުދެއްވުމަށްޓަކައެވެ. "ޢުލަމާއުއްސޫއު" ގެ ނަމުން ހަނދާންކުރާންޖެހޭ ދަންނަބޭކަލުންނަކީ މިއީއެވެ.

ޙައްޤުގައި ތިއްބަވާ ޢިލްމުވެރީންނަކީ ވެރީންގެ ނުރަނގަޅު ނިންމެވުންތަކަށް ފާޑުވިދާޅުވާ ބޭކަލުންނެވެ. އެކަމުގައި އިމްތިޙާނުތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވިކަމުގައިވިޔަސް ކެތްތެރިވެވަޑައިގަންނަވާ ބޭކަލުންނެވެ. މިތާނގައި މިދެކެވެނީ ވެރީން އިޙްތިސާބުކުރުމުގެ ވާހަކައެވެ. ހަރުއަޑުފުޅުން އިޙްތިސާބު ކުރެއްވުމެއްވެސް ކޮންމެހެން ލާޒިމެއް ނޫނެވެ. ޢިލްމުވެރީން ބަޣާވަތް ކުރައްވާކަށެއްވެސް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ކޮންމެއަކަސް ޢިލްމުވެރީންގެ ޒިންމާއަކީ ވެރީންގެ ޢަމަލުފުޅުތަކަށް ފާރަވެރިވެވަޑައިގެންނެވުމެވެ. ވެރީން އެބޭފުޅުންގެ އިމުން ބޭރަށްނުކުމެވަޑައިގެންނެވިޔަ ނުދެއްވުމެވެ.

އިސްލާމްދީނަކީ އިންސާނީ ޙަޔާތުގެ ފުރިހަމަ ނިޒާމެކެވެ.

އިސްލާމްދީނަކީ އިންސާނީ ޙަޔާތުގެ ފުރިހަމަ ނިޒާމެކެވެ. މިއަދުގެ އިސްލާމީ ދުނިޔެ ފަހަތަށް ފޭދިފައި އޮތުމާއި، ދިރޭ ރޫޙެއްނެތި މުޅަ ގަބުރުތަކެކޭ އެއްފަދަވެފައި އޮތުމާއި ޤައުމުތަކުގެ ހުރިހައިކަމެއް އަގަޑަބަގަޑަވެފައި އޮތުމުގެ ސިއްރަކީ ޙަޔާތުގެ ފުރިހަމަ ނިޒާމެއްގެގޮތުގައި އިސްލާމްދީން ލިބިނުގަންނަކަމެވެ. ޔަހޫދިއްޔަތާއި ޢީސާއިއްޔަތަކީ ޙަޔާތުގެ ފުރިހަމަ ނިޒާމުތަކެއް ނޫނެވެ. މުސްލިމުންކުރެ ބަޔަކަށް ކުރެވޭ ކުށަކީ އިސްލާމީ ނިޒާމުވެސް ޢީސާއިއްޔަތުގެ ތައްގަނޑާ އެއްގޮތަށް ޤިޔާސުކުރެވޭކަމެވެ. ޢީސާއިއްޔަތުގެ އުޞޫލަކީ ޤައިޞަރުގެ ބައި ޤައިޞަރަށް ދިނުމާއި ކަލާނގެ ޙައްޤުފުޅުތައް ކަލާނގެއަށް އެރުވުމެވެ. އެކަމަކު އިސްލާމީ ނިޒާމުގައި ދީނާއި ދުނިޔެ ވަތްކެއް ނުކުރެއެވެ. ޝަރީޢަތާއި ވެރިކަން ހިންގުމުގެ ނިޒާމާ ވަކިކޮށް ދެބައިކޮށެއްނުލެވެއެވެ. ކައުސާހިބާ صلّـــى اللّــه علـيـه وسلّــم އަކީ ޝަރީޢަތުގެ ޤާނޫނުތައް ހައްދަވާ ފަރާތެވެ. އިސްލާމީ ދައުލަތުގެ ޙާކިމާއެވެ. ވެރިޔާއެވެ. މުޢައްލިމުލްއަޚްލާޤެވެ. އިންޤިލާބީ ނަބިއްޔާއެވެ. ފާތިޙުޤާއިދެވެ. އިތުރު ސާހިބާ صلّـــى اللّــه علـيـه وسلّــم އަށްފަހު الخـــلـفــــاء الــــرّاشــــدون ގެ ދައުރުގައިވެސް ތަންފީޒުކުރެވުނީ ނަބަވީ ދައުރުގެ މަންހަޖެވެ. ޝައްކެއްނެތެވެ. އިލާހީ ވަޙީގެ ސިލްސިލާ ވަނީ ހުއްޓިފައެވެ. ކިޔެވޭ ވަޙީއާއި ނުކިޔެވޭ ވަޙީގެ ސިލްސިލާ ވަނީ އަބަދަށްޓަކައި މެދުކެނޑިފައެވެ. ނަމަވެސް ކީރިތި ޤުރްއާނަށާއި ނަބަވީ ސުންނަތަށް އެންމެ އިސްކަންދެވެމުންދިޔައެވެ. ތަބާވަމުން ގެންދެވުނެވެ. ޢިބާދަތާއި ޚިލާފަތުގެ އެކުވުން ދެމިއޮތެވެ. އެހެންކަމުން މުސްލިމުންގެ ވެރިކަމުގެ ނިޒާމުގެ މީއާރީ ނަމޫނާ ދައުރެއްކަމުގައި ބަލާންޖެހެނީ ނަބަވީ ދައުރާއި خــلافـــة الــــرّاشــــدة ގެ ދައުރެވެ. "عــليـكـــم بسـنــّــتى وسـنـّــة الخـــلـفــــاء الــــرّاشــــديــــن المــهـــديـيـّــن عـضّـــوا عــلــيـهــا بـــالــنّــــواجــــــز" އާދެ، އަޅުގަނޑުމެން ދޫކޮށްނުލައި ކޮލުދަތުން ވަރުގަދަޔަކަށް ހިފަހައްޓާންޖެހެނީ ކައުސާހިބާ صلّـــى اللّــه علـيـه وسلّــم ގެ ސުންނަތާއި الخـــلـفــــاء الــــرّاشــــدون ގެ ސުންނަތުގައެވެ.

އިސްލާމީ އުންމަތަށް ހުރިހައިވެސް ދެރަކަމަކާއި ނިކަމެތިކަމެއް ލިބުނީ އަޅުގަނޑުމެން ދީނުގެ ތަޞައްވުރަށް ގެނައި ނުރަނގަޅު ބަދަލުގެ ސަބަބުންނެވެ. މުސްލިމުން ފަހަތަށް ފޭދުމާއި އުންމަތް ދަށަށްދިޔުމުގެ ސަބަބަކީ އެއީއެވެ. މުސްލިމަކު އެކަނިމާއެކަނި ޖަންގައްޔެއްގައި ދިރިއުޅޭކަމުގައިވާނަމަ ނުވަތަ މުސްލިމުންގެ އަޣުލަބިއްޔަތެއްނެތް ޣައިރުމުސްލިމު ޤައުމެއްގައި ދިރިއުޅޭކަމުގައިވާނަމަ، އެމީހަކު ހަމައެކަނި ދީނުގެ ޢިބާދަތާއި އަޚްލާޤިއްޔަތުގެ ނިޒާމަށް ޢަމަލުކޮށްގެން ފަރުޖެއްސިދާނެއެވެ. އިތުރު ސާހިބާ صلّـــى اللّــه علـيـه وسلّــم ގެ މައްކީ ދައުރުގެ ޙަޔާތްޕުޅުގެ ނަމޫނާއާ އެއްގޮތަށް ދީނަށް ޢަމަލުކުރުމާއެކު ހުސްއެކަނި ދީނީ ދަޢުވަތު ދިނުމާއި ހެޔޮނަސޭހަތްދިނުމުގައި މަޝްޣޫލުވެގެން އުޅެވިދާނެއެވެ. އެހެނީ އަރަހުށި މާތް اللّــه އެޙާލަތުގައި މުޅި ޝަރީޢަތް ތަންފީޒުކުރާކަށެއް ލާޒިމެއް ނުކުރައްވައެވެ. އެޙާލަތުގައި ދީނުގެ ރުކުންތަކަށް ޢަމަލުކުރުމާއެކު މީސްތަކުންނަށް އިސްލާމީ ދަޢުވަތުދިނުމުގައި ދެމިހުރެވިދާނެއެވެ. އަރަހުށި މާތް اللّــه އެތަނެއްގެ އަހްލުވެރީންނަށް އިސްލާމްދީނަށް ވަނުމުގެ ތައުފީޤު ދެއްވައިފުމާ ހަމަޔަށެވެ.

ނަމަވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ނުވަތަ މުސްލިމުންނަށް އަކްސަރިއްޔަތު ލިބިފައިވާ ޤައުމެއްގައި ހުސްއެކަނި ޢިބާދާތާއި އަޚްލާޤިއްޔަތަށް ޢަމަލުކޮށްގެނެއް ފަރަކުނުޖެހޭނެއެވެ. ދީނުގެ އެހެނިހެން އަމުރުތަކާއި އުޞޫލުތައް ފުރަގަހަށް އެއްލައިލައިފައި އުޅެގެނެއް ކަމަކުނުދާނެއެވެ. މުސްލިމުންގެ ކިބައިން އެބައިމީހުންގެ ދީން އެދޭ މީއާރީ ޙާލަތު ދެމިއޮންނާނީ ކިހައިދުވަހެއްވަންދެން ކަންވެސް ކައުސާހިބާ صلّـــى اللّــه علـيـه وسلّــم ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެދުވަސްވަރެއްގެ މުޢާމަލާތުން ނަމޫނާ ލިބިގަންނާންވީ ދުވަސްވަރަކީ ކޮބައިކަން އެމާތް ސާހިބާ ސަރީޙުކޮށް ބަޔާންކޮށްދެއްވީ އެހެންވެގެންނެވެ. ރަނގަޅާއި ނުބައި ޙައްޤާއި ބާޠިލު ވަކިކުރުމުގެ ތަމީޒު މީސްތަކުންގެ ސިކުނޑިތަކުން ފިލައިގެން ދިޔަނުދެއްވުމަށްޓަކައެވެ. އިތުރު ސާހިބާ صلّـــى اللّــه علـيـه وسلّــم ނިމުތު ދެއްވައިފައިވެއެވެ. "الخــلافــة بــعـــدى ثــلاثــــون سـنــــة ثــــم مــلــك عـضـــــوض" އާދެ، "ތިމަންކަލޭގެފާނަށްފަހު ޚިލާފަތު (خــلافــة الــرّاشــدة) ދެމިއޮންނާނީ ތިރީސްއަހަރުގެ މުއްދަތަށެވެ. އެއަށްފަހު އަންނާނީ ހަރުކަށި ރަސްރަސްކަލުންގެ ޒަމާނެވެ." އެބޭފުޅުންނަކީ ނަމޫނާއެއްކަމުގައެއް ނުވާނެއެވެ. އިސްލާމީ ނިޒާމަށް ބޭނުންވާ މީއާރީ ފެންވަރަށް އެބޭފުޅުންނަށް ޢަމަލުނުކުރެއްވުމުގެ ސަބަބުންނެވެ. އެބޭފުޅުންގެ ދުވަސްވަރު އިސްލާމީ ވެރިކަމުގެ ސަރަޙައްދު ވަރަށްބޮޑަށް ފުޅާވެ ފުތޫޙާތުގެ ދޮރު ތަނަވަސްކަމާއެކު ހުޅުވުނުކަމުގައި ވިޔަސްވެހެވެ. އެހެނީ އިސްލާމީ ނިޒާމަށް ބޭނުންވަނީ ހުސްއެކަނި ދުނިޔަވީ ތަރައްޤީއާއި ކުރިއެރުމެއް ނޫނެވެ. ރަށްތައް ފަތަޙަކޮށް ސަރަޙައްދު ފުޅާކުރުމެއް ނޫނެވެ. ބައިކުޅަބައިގެ ދީންވެރިކަމެއް ނޫނެވެ. ހުސްއެކަނި ބޭރުފުށުން ކުރެވޭ ހެޔޮ ޢަމަލުތަކެއް ނޫނެވެ. އަދީ ކީއްތޯއެވެ؟ މުސްލިމުންނަށް އަޅުކަންކުރުމުގެ މަގުތަނަވަސްވާއިރު އިސްލާމްދީނުގެ މުޅި ނިޒާމު ފުރިހަމަޔަށް ތަންފީޒުވާން ޖެހެއެވެ. ޝޫރާއީ އިންތިޚާބީ ޚިލާފަތެއް ޤާއިމުވާންޖެހެއެވެ. ހަމައެއާއެކު ދުނިޔެއަށް އިސްލާމީ ދަޢުވަތު ދިނުމާއެކު އިސްލާމްދީނާއި އިސްލާމީ ސިޔާސީ ނިޒާމު ފުރިހަމަޔަށް ބާރުވެރިކުރުވަން ޖެހެއެވެ.

خــلافـــة الــــرّاشــــدة ގައި މިދެންނެވި ހުރިހައިކަމަކަށް ޢަމަލުކުރެވެމުންދިޔައެވެ. އެދުވަސްވަރަކީ ދީނާއި ދުނިޔެ އެކުވެ އެކަތިގަނޑަކަށްވުމުގެ ނަމޫނާއެކެވެ. މުސްލިމުންގެ ތެރޭގައި ޤިޔާމަތާ ޖެހޭންދެންވެސް ޢަމަލުކުރެވެންޖެހެނީ އެނަމޫނާއަށެވެ. އިސްލާމީ މިއްލަތުގައި އުފެދޭ ކޮންމެ ސަރުކާރެއްގެ މިންއަޅާންޖެހެނީ އެމިންގަނޑުންނެވެ. ދަޢުވަތު ދޭންޖެހެނީ އެނަމޫނާ ޤާއިމުކުރާށެވެ. ސަރުކާރެއް މީއާރީ ނަމޫނާއާ ފޭވެފައިވާ ވަރަކީ އެސަރުކާރެއް އުނިވެފައިވާ ވަރެވެ. އެސަރުކާރަކަށް ތަންޤީދު ކުރެވޭނެވަރެވެ.

މުސްލިމުންގެ ތެރެއިން ތެދުމަގު ލިބިވަޑައިގެންފައިވާ ފަސްވަނަ ޚަލީފާއެއްކަމުގައި ބެލެވެނީ عــمــر بـــن عـبــد الـعـــزيـــز رحـمـه اللّــه އެވެ. މުސްލިމުންގެ ސިޔާސީ ނިޒާމަށް އައި ދިގު ޚަރީފަކަށްފަހު عــمــر بـــن عـبــد الـعـــزيـــز ގެ ދައުރުގައިވަނީ خــلافـــة الــــرّاشــــدة ގެ ބަހާރުމޫސުން އަލުން އިޢާދަވެފައެވެ. خــلافـــة الــــرّاشــــدة އަށްފަހު މުސްލިމުންގެ ތެރޭގައި ޤާއިމުވި ވެރިކަމުގެ ސިލްސިލާއަކީ މުލޫކިއްޔަތާއި އިސްތިބުދާދީ ވެރިކަމުގެ ސިލްސިލާއެކެވެ. އެސިލްސިލާއަކީ ނުބުއްވަތުގެ ނިޔާބަތެއް ނޫނެވެ. خــلافـــة الــــرّاشــــدة އާ ތަބާވުމެއްވެސް އެނަމޫނާ ދެމެހެއްޓުމެއްވެސް ނޫނެވެ. މިދެންނެވި އިސްތިބުދާދީ ސިލްސިލާ عــمــر بـــن عـبــد الـعـــزيـــز رحـمـه اللّــه އާ ހަމަޔަށް ދެމިގެންއައެވެ. އެކަލޭގެފާނަށްފަހު އަނެއްކާވެސް މުސްލިމުންގެ ވެރިކަންވަނީ އިސްލާމްދީނުގެ ސިޔާސީ ނިޒާމުގެ ނާރެހުން ނެއްޓިފައެވެ. އެ ނިޒާމާ ބީރައްޓެހިވެފައެވެ. ޝަޚްޞީ އަދި ޢާއިލީ ވެރިކަމަކަށް ބަދަލުވެފައެވެ. މިދެންނެވި އިސްލާމީ ނިޒާމާ ދުރުހިލޭވުމަކީ ޤުދުރަތުން އެކަށައަޅުއްވައިފައިވާ ނިޒާމާ ޚިލާފުވުމެވެ. އިންސާނާއަކީ ވަރަށްގިނަ ގުނަވަންތަކެއްގެ މަޖްމޫޢާ އެކެވެ. އެއިން ކޮންމެ ގުނަވަނަކީވެސް އަނެއް ގުނަވަނެއްގެ އެހީތެރި ބައިވެރިޔެކެވެ. މަދަދުގާރެކެވެ. އެހުރިހައި ގުނަވަންތަކެއްގެ ރައީސީ ގުނަވަނަކީ ހިތެވެ. ފިޠުރަތުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު ގަހަކީ މައިތަނޑަކާއި ގޮފިތަކާއި ފަތްތަކާއި މާތަކުގެ މަޖްމޫޢާއެކެވެ. ގަހުގައި މަރުކަޒީ ޙައިސިއްޔަތެއް ލިބިފައިވަނީ ގަހުގެ މުލަށެވެ. ފަލަކިއްޔާތުގެ ދާއިރާގައި ސޫރުދަނިޒާމު އެކުލެވެއެވެ. ސޫރުދަނިޒާމުގެ ގުރަހަތައް އެނބުރެނީ އިރުގެ ވަށައިގެންނެވެ. އަޅުގަނޑުމެންގެ ބިމަކީވެސް އިރުގެ ވަށައިގެން އެނބުރޭ "ތަރިއެކެވެ." މި ނިޒާމުގައި މަރުކަޒީ ޙައިސިއްޔަތު ލިބިފައިވަނީ އިރަށެވެ. އިންސާނީ ނަފުސުގެ ދުނިޔޭގައި ހިތް ރަނގަޅަށް މަސައްކަތް ނުކުރާކަމުގައިވާނަމަ މުޅި ހަށިގަނޑު ބަލިވެއެވެ. މަރުކަޒީ ޙައިސިއްޔަތު ލިބިފައިވަނީ ހިތަށް ކަމުގައިވާތީއެވެ. ގަސްގަހާގެހީގެ ދުނިޔޭގައި ގަހެއްގެ މޫ ހިކިއްޖެ ކަމުގައިވާނަމަ މުޅި ގަހުގެ ރޯކަމާއި އާރޯކަން ކެނޑިދެއެވެ. ސޫރުދަނިޒާމު ބޮއްސުންލާނީ ޤިޔާމަތްވުމުގެ ފެށުމެއްގެގޮތުންނެވެ.

(ނުނިމޭ)